ހަބަރު

ކޮރަލް ބޮލެވާޑަށް ހުޅުމާލެއިން 129،000 އަކަފޫޓްގެ ބިމެއް

ރަސްފަންނު ސަރަހައްދުގައި ތަރައްގީ ކުރަން ނިންމާފައިވާ މަޝްރޫއު ހުޅުމާލެއަށް ބަދަލު ކުރަން ނިންމާފައިވާތީ، އެމަޝްރޫއު ހަވާލުކޮށްފައިވާ ކޮރަލް ބޮލަވާޑަށް ހުޅުމާލެއިން މޫދު ފެންނަ ގޮތަށް 129،000 އަކަފޫޓްގެ ބިމެއް ހަމަޖައްސާފައިވާ ކަމަށް ހައުސިން އެންޑް އާބަން ޑިވަލޮޕްމަންޓް މިނިސްޓަރު އާތިފާ ޝަކޫރު ވިދާޅުވެއްޖެ އެވެ.

ރަސްފަންނު ސަރަހައްދުގައި 28 ބުރީގެ ހަތަރު ޓަވަރު އަޅަން ކޮރެލް ބޮލެވާޑާއި ހަވާލުކޮށްފައިވަނީ ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުގައި، 2017 ވަނަ އަހަރު އެވެ. ނަމަވެސް ސަރުކާރު ބަދަލުވުމާއެކު މި ސަރުކާރުން ވަނީ އެމަޝްރޫއު ހުޅުމާލެއަށް ބަދަލު ކުރަންނިންމާފަ އެވެ.

މިނިސްޓަރު ވިދާޅުވީ، އެމަޝްރޫއަށް ރަސްފަންނުން އެކުުންފުންޏަށް ދޫކޮށްފައިވަނީ 70،000 އަކަފޫޓް ކަމަށެވެ، ނަމަވެސް މިމަހުގެ މިނިސްޓްރީއިން އެޗްޑީސީއާއެކު ބޭއްވުނު ބައްދަލުވުމުގައި ހުޅުމާލެ ފޭސް އެކަކުން 129,000 އަކަފޫޓް ބިމެއްގައި މިމަޝްރޫއު ކަންޑައަޅާފައިވާ ކަަމަށެވެ.

"އަޅުގަނޑުމެން ވާހަކަ ދައްކަމުން މިދަނީ އެބޭފުޅުން ބޭނުންވާ ސަރަހައްދުތަކުން ބިން ކަނޑައަޅައިދިނުމަށް، އެބޭފުޅުންވެސް އެބަހުރި މިކަހަލަ ހިޔާލުތައް ފާޅުކުރައްވާފަ، އެބޭފުޅުންގެ ބިޒްނަސް ޕްލޭންގައި އިން ގޮތަށް ގެނެސްދެވޭނެ ގޮތަށް އެބޭފުޅުން އެލޮކޭޓް ކުރައްވާ ކަނޑައަޅުއްވާ ސަރަހައްދު ތަކަކުން ބިން ނަގާދެވޭތޯ އަޅުގަނޑުމެން މަސަައްކަތް ކުރަމުން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މަޝްރޫއު ހުއްޓާލުމަށް އެބޭފުޅުންގެ އެއްވެސް އިނޑިކޭޓެއްނެޓެ ދީފައިނުވާ ކަމަށާއި މަޝްވަރާތައް ދަނީ ކުރިއަށް ކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ފައިސާގެ ކަންކަމާއި އެއްބަސްވުމެއް ހަމަޖެއްސުމުގެ މަސައްކަތްތައް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ހުޅުމާލެ ފޭސް އެކަކުން އެކުންފުންޏަށް ދޭނެ ބިމެއް އެޗްޑީސީއިން ކަނޑައަޅައި ނިންމާފައިވާ ކަމަށާއި އެގޮތުން ހުޅުމާލެއިންވެސް ދިނުމަށް ހަމަޖެހިފައިވަނީ މޫދު ފެންނަ ބިމެއް ކަމަށެވެ.

"އެޗްޑީސީއިން ކަނޑައަޅުއްވާފައިވާ ލޮކޭޝަނަކީ ހަމަ ސީވިއު ލިބޭކަހަލަ ލޮކޭޝަނެއް، މާލޭގެ ލޮކޭޝަނާއި އައިޑެންޓިކަލް ލޮކޭޝަނެއް، މާލޭގައި އިންނަ އޭރިއާއަށްވުރެ ބޮޑު އޭރިއާއެއް ދެނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މި ކުންފުންޏާއި ގުޅޭ ގޮތުން އެއްވެސް ސްލޮޓް ގަނެފައިވާ އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅާފައިނުވާ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ޝަކުވާ ހުށަހަޅަން މެއިލް ކުރެއްވުމަށް މިނިސްޓަރު އެދިފައިވެ އެވެ. އަދި ފްލެޓަށް ފައިސާ ދައްކާފައިވާ ފަރާތްތަކުން ބަދަލަކަށް އެދޭނަމަ، މިނިސްޓްރީން މެދުވެރިއަކަށްވެހުރެ ދެފަރާތައް އެންމެ ރަނގަޅުވާ ގޮތަކަށް ކަންކަން ނިންމާދޭން މަސައްކަތް ކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.