ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކުންފުނިތަކުން ކޮރަޕްޝަން ހިންގިޔަ ނުދޭނަން: ރައީސް

ކޮރޮޕްޝަންއަށް އޮތީ "ޒީރޯ ޓޮލަރެންސް"އެއް ކަމަށާއި ސަރުކާރު ކުންފުނިތަކުގައި ވެސް އެކަމަށް ފުރުސަތެއް ނެތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރަން މިއަދު ފެށި "ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާހާސިންތާ" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުންފުނިތަކުގައި އެންމެ ގިނައިން ކޮރަޕްޝަން ހިނގަނީ ޕްރްކިޔުމެންޓާއި، ބިޑް ކުރުމުގެ މަރުހަލާގައި ކަމަށާއި އެކަން މަދުކުރަން ވީހާވެސް ބޮޑަށް ދެފުށް ފެންނަ ގޮތަކަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ކަންތައްތައް ކުރިއަށްގެންދަން ވާނީ ކުރިއަށްވުރެ ހާމަކޮށް ދެފުށް ފެންނަގޮތަށް ނުފޫޒުން އެއްކިބާވެގެން،" ރައީސް ވިދާޅުވި އެވެ.

މި ސަރުކާރަކީ ކޮރަޕްޝަންގެ އެއްވެސް އަމަލެއް ބަލައިގަންނާނެ ސަރުކާރެއް ނޫން ކަމަށާއި ޒީރޯ ޓޮލެރެންސް ސިޔާސަތަށް ކުންފުނިތަކުން ވެސް އަމަލުކުރަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަން ކުންފުނިތަކުގެ ވެރިން ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށާއި ކޮރޮޕްޝަންގެ އަމަލެއް ހިންގިޔަ ނުދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ބައެއް ކުންފުނިތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ނުހިފޭ ކަމަށާއި ކުންފުނިތައް ހިނގަމުން އަންނަ ގޮތުގެ މައުލޫމާތު ރައްޔިތުންނަށާއި ފިނޭސް މިނިސްޓްރީ އަށް އަންގައި، އިތުރަށް ހަރުދަނާ ކުރަން ޖެހިފައިވާ ކަމަށެވެ.