ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ މިއަދު ރާއްޖެ ގެންނަން މަސައްކަތް ކުރި ނަމަވެސް ފުރިހަމަ ކުރަން ޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ޖެނުއަރީ 16، 2010 ގައި ލުތުފީ ލަންކާއަށް ބޭސް ފަރުވާއަށް ފޮނުވުމުން އޭގެ ފަހުން އެނބުރި އައިސްފައެއް ނުވެ އެވެ. ނަމަވެސް މިދިޔަ މެއި މަހުގެ ފުރަތަމަ ދުވަހު އޭނާ އަމިއްލައަށް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ހާޒިރުވި އެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވެސް އޭނާ އުޅެމުން އަންނަނީ ދިވެހި އެމްބަސީގަ އެވެ. އެ ގޮތުން ފުލުހުން އަންގާރަ ދުވަހުގެ ރޭ ބުނެފައި ވަނީ އެންމެ ލަސްވެގެން މިއަދު އޭނާ ރާއްޖެއަށް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ނަމަވެސް ފުލުހުން މިރޭ ބުނީ ލުތުފީ އަނބުރާ ރާއްޖެ ގެނައުމަށް ސްރީލަންކާގެ ކަމާ ބެހޭ އިދާރާތަކުން ފުރިހަމަ ކުރަން ޖެހޭ ލިޔެކިޔުންތައް މިއަދާއަށް ހަމައަށް ވެސް ފުރިހަމަ ކުރެވިފައި ނުވާތީ އޭނާ ނުގެނެވޭ ކަމަށެވެ. ނަމަވެސް އެ ލިޔެކިޔުންތައް ފުރިހަމަ ކުރެވުނުހާ އަވަހަށް ލުތުފީ އަނބުރާ ރާއްޖެ ގެނެސް ކަރެކްޝަނަލް ސާވިސްއާ ހަވާލު ކުރާނެ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުންގެ ހާއްސަ ޓީމެއް ވެސް މި ވަގުތު ލަންކާގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
މިދިޔަ މެއި މަހުން ފެށިގެން ލުތުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ހުރިއިރު އޭނާ އެމްބަސީގައި ހުރިކަން ސަރުކާރުން ހާމަކުރީ މިދިޔަ ހޯމަ ދުވަހުގަ އެވެ. އަދި އެ ކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ބަޔާނެއް ނެރުނީ އިއްޔެ އެވެ. ލުތުފީ އެމްބަސީގައި ހުރިކަން ސަރުކާރުން ހާމަކުރީ ވެސް ސޯޝަލް މީޑިއާގައި އެފަދަ އަޑުތަކެއް ފެތުރިފައިވަނިކޮށެވެ. އެ ކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.