ހަބަރު

ކުރީ ސަރުކާރުތަކުގައި ލުތުފީ ނުގެނެވުނު މައްސަލަ ފުލުހުން ތަހުގީގު ކުރަނީ

ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެންނަން ކުރީ ސަރުކާރުތަކުގައި އަޅަން ޖެހޭ ފިޔަޅުތައް އެޅިފައި ނުވާތީ އެކަން ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ޖެނުއަރީ 16، 2010 ގައި ލުތުފީ ބޭސް ފަރުވާއަށް ފޮނުވުމުން އޭގެ ފަހުން އެނބުރި ރާއްޖެ އައިސްފައެއް ނުވެ އެވެ. ނަމަވެސް މިދިޔަ މެއި މަހުން ފެށިގެން އޭނާ އުޅެމުން ދަނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގަ އެވެ. ފުލުހުން އޭނާ ގެނައުމުގެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ލިޔެކިޔުންތައް ހަމަނުވާތީވެ އަދި އޭނާ ގެނެވިފައެއް ނުވެ އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ލުތުފީ ފިލައިގެން އުޅެން ފެށި ފަހުން 2012 އާއި 2016 ވަނަ އަހަރާ ދެމެދު ތަފާތު އެކި ފަހަރުމަތިން ފުލުހުންގެ ރަސްމީ މަސައްކަތުގެ ތެރެއިން އޭނާ ފިލައިގެން އުޅުނު ތަންތަނާއި ބެހޭ މައުލޫމާތު ޔަގީނާ ގާތަށް ލިބި އެ މައުލޫމާތު ފުލުހުންގެ ކަމާ ގުޅުން ހުރި އިސްވެރިންނާއި ހިއްސާ ކުރެވިފައިވީ ނަމަވެސް ލުތުފީ ގެނައުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅިފައިނުވާ ކަމަށެވެ. އަދި އިރު އެ ފިޔަވަޅުތައް ނަޅާ އޮތް ސަބަބު ބަލައި ތަހުގީގުކޮށްދިނުމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އަންގައިގެން ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން ތަހުގީގު ކުރުމަންދާ ކަމަށް ފުލުހުންގެ ބަޔާނުގައި ވެ އެވެ.

ފުލުހުން އިތުރަށް ބުނީ މިދިޔަ މެއި މަހުން ފެށިގެން ލުތުފީ،އަމިއްލައަށް ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއށް ހާޒިރުވެ އޭނާ އެނބުރި ރާއްޖެ އައިސް ހުކުމް ތަންފީޒުކުރަން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށެވެ. މިކަމާ ގުޅިގެން އެ ދުވަހުން ފެށިގެން ފޮރިން މިނިސްޓްރީއާއި ފުލުހުންނާ ގުޅިގެން އޭނާ ރާއްޖެ ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެ ގޮތުން ލުތުފީއަކީ ގިނަ ދުވަސްތަކެއް ވަންދެން ލަންކާގައި ގަވާއިދާ ހިލާފަށް އުޅެމުންދާ މީހަކަށްވާތީ ލާންކާގައި އޭނާއަކީ އެއްވެސް މައްސަލައެއްގައި ހޯދާ މީހާއެއްތޯ ބަލައި އަދި އޭނާއާމެދު އެއްވެސް ތަހުގީގެއް ހިންގަމުންދޭތޯ ބަލައި ލަންކާގެ އިދާރާތަކުން ހޯދަން ޖެހޭ ކްލިއަރެންސް ހޯދުމުގެ މަސައްކަތް ކުރަމުންދާ ފުލުހުން ބުންޏެވެ.

ލުތުފީ ގެނައުމަށް މިދިޔަ ސަރުކާރުތަކުން އަޅަން ޖެހޭ ފިޔަވަޅުތައް ނަޅާހުރި ސަބަބުތައް ހޯދަން ފުލުހުން ތަހުގީގު ކުރަން ފެށިއިރު، މިދިޔަ މެއި މަހުން ފެށިގެން ލުތުފީ އެމްބަސީގައި އުޅޭ ކަން މިހާރުގެ ސަރުކާރުން ހާމަކުރީ ސޯޝަލް މީޑިއާގައި އެ އަޑު ފެތުރިފައިވަނިކޮށް މިދިޔަ ހޯމަ ދުވަހުގަ އެވެ. ލުތުފީގެ މައުލޫމާތު ހާމަނުކޮށް ލަސްކުރީތީ ގިނަ ބައެއްގެ ފާޑުކިޔުންތައް މި ސަރުކާރުން އަމާޒުވި އެވެ.