ހަބަރު

ލުތުފީ ގެންނަން ގޮންޖެހުންތަކެއް އެބަހުރި: ފޮރިން މިނިސްޓްރީ

ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ، ދިވެހި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނެސް އަނބުރާ ރާއްޖެ ގެނައުމުގެ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޖެނުއަރީ 16، 2010 ގައި ލުތުފީ ސްރީލަންކާއަށް ބޭސް ފަރުވާއަށް ފޮނުވުމުން އެނބުރި އައިސްފައެއް ނުވެ އެވެ. ނަމަވެސް މިދިޔަ މެއި މަހު 1 ގައި އޭނާ އަމިއްލައަށް ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ހާޒިރުވި އެވެ. އޭގެ ފަހުން މިއަދާ ހަމަޔަށް ވެސް އޭނާ އުޅެމުން އަންނަނީ ދިވެހި އެމްބަސީގަ އެވެ. އޭގެ ފަހުން 48 ގަޑިއިރުގެ ތެރޭގައި ލުތުފީ ރާއްޖެ ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ރޭ ބުނެފަ އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ މިދިޔަ މަހުގެ ފުރަތަމަ ދުވަހު ހ. ހާޖަރާގެ އަބްދުﷲ ލުތުފީ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް އަމިއްލަ އިހްތިޔާރުގައި ހާޒިރުވެ، ދިވެހި ސަރުކާރުގެ ބެލުމުގެ ދަށަށް އެނބުރި އަންނަން އެދިފައިވާ ކަމަށެވެ. އެ ވަގުތުން ފެށިގެން ސްރީލަންކާ ސަރުކާރުގެ ވުޒާރާތަކުގެ ސަމާލުކަމަށް މިކަން ގެނެސް، ގާނޫނީ އިމުގެ ތެރެއިން ލުތުފީ އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ނަމަވެސް މައްސަލައިގެ ބާވަތުން، ލުތުފީ އަނބުރާ ދިވެހި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. މިގޮތުން، ލުތުފީގެ މައްޗަށް އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރެފައިވުމުން، ބައިނަލްއަގްވާމީ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތަކެއް ހުރި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ލުތުފީ ސްރީލަންކާގައި ދިރިއުޅެމުން ދިޔައީ ސައްހަ ވިސާއަކާ ނުލައި ފިލައިގެން ކަމަށާއި އިންސާނީ ހައްގުތަކުގެ މައްޗަށް ބިނާކޮށް އެ ގައުމުގެ ހިމާޔަތް ހޯދަން މަސައްކަތް ކޮށްފައިވުމުން، ލަންކާގެ ގާނޫނުތަކުގެ ދަށުން ފުރިހަމަކުރަން ޖެހޭ މަރުހަލާތަކެއް ހުރި ކަމަށް ވެސް ބަޔާނުގައި ވެ އެވެ.

އޭގެ އިތުރުން މިދިޔަ ސަރުކާރުން ރާއްޖެ ކޮމަންވެލްތުން ވަކިވާން ނިންމުމާ ގުޅިގެން، ރާއްޖެއާއި ލަންކާއާ ދެމެދު ވެފައިވާ ކުށްވެރިން އަނބުރާ ފޮނުވާލުމުގެ އެއްބަސްވުމުގެ ސައްހަކަމާމެދު ސުވާލު އުފެދިފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ. އަދި ލުތުފީ އެމްބަސީއާ ހަވާލުވި ދުވަސްވަރަކީ ލަންކާގައި ދިމާވި ބޮމުގެ ހަމަލާތަކުގެ ހާދިސާ ހިނގި ދުވަސްވަރަށްވާތީ މި ކަމުގައި އިތުރު ހުރަސްތަކެއް ކުރިމަތިވި އެވެ.

"... އެހެންކަމުން އާންމު ފަރުދަކު އަމިއްލަ އިހުތިޔާރުގައި އެނބުރި ރާއްޖެ އައުމުގައި އާންމު ގޮތެއްގައި އަމަލު ކުރާ އުސޫލާ ހިލާފަށް އަބްދުﷲ ލުތުފީ އަނބުރާ ގެނައުމުގައި ގިނަގުނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވެ އެވެ." ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.

ގޮންޖެހުންތައް ހުރި ނަމަވެސް ފުރަތަމަ ދުވަހުން ފެށިގެން ލުތުފީ އަނބުރާ ގެނައުމުގެ މަސައްކަތް ފެށި، އޭނާ ބެލެހެއްޓުމުގެ ކަންކަން ދިވެހި ފުލުހުންނާ ހަވާލު ކުރެވިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އެކަށައެޅިފައިވާ ބައިނަލްއަގްވާމީ އިޖުރާއަތްތައް ފުރިހަމަކޮށް ލަންކާއާއި ދިވެހިރާއްޖޭގެ ގާނޫނީ އިމުގެ ތެރެއިން ވީ އެންމެ އަވަސް ފުރުސަތެއްގައި އޭނާ އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ.