ސްރީލަންކާ

ޒުވާނާގެ މަރު: ކްރައިމް ސީން ވީޑިއޯއެއް އާންމުކޮށްފި

ލަންކާއިން ގެއްލުނު ކުއްޖާ މަރާލާފައި އޮއްވާ ފެންނަ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ލަންކާގެ މީޑިއާއަކުން އާންމުކޮށްފި އެވެ.

މަރާލާފައި އޮއްވާ ފެނިފައިވަނީ އުމުރުން 23 އަހަރުގެ އަފްހާމް ނަސީރެވެ. އޭނާ އަކީ ލަންކާގެ ދެހިވަލަގައި ދިރިއުޅޭ ޒުވާނެކެވެ.

އާންމުކޮށްފައިވާ ވީޑިއޯއިން ޒުވާނާގެ ހަށިގަނޑު ކައިރީ ފުލުހުން ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ. އަތާއި ހަށިގަނޑުގެ ބައެއް ބައިތައް ނިވާ ނުކޮށް އޮއްވާވެސް ފެނެއެވެ. ފެންނަ މަންޒަރުތަކުން ޒުވާނާގެ ހަށިގަނޑުގައި ގިނަ ޒަހަމުތަކެއް ހުރިކަން އެނގެއެވެ.

މީގެ އިތުރުން އެއްލާލާފައިވާ ކަޅު ދަބަހަކާއި ވަޅިއެއްވެސް އެ ސީނުން ފެނެއެވެ.

އާއިލާއިން ބުނި ގޮތުން އިފްހާމްގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ ރޭގެ ވަގުތެއްގައެވެ. ގެއްލުނުއިރު ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓެއް ކަމަށް އާއިލާއިން ބުނެ އެވެ.

ލަންކާގެ ނޫސްތަކުން ބުނި ގޮތުގައި ވެއްލަވައްތަ ބީޗް ސަރަހައްދުގައި މަރާލާފައި އޮތް ދެ މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު އޭގެ ތެރޭގައި ދިވެހި ޒުވާނާވެސް ހިމެނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ދިވެހި ދަރިވަރު ގެއްލިގެން ރިޕޯޓް ކޮށްފައިވާ ކަމަށާ އެކަމާ ގުޅިގެން ލަންކާގެ ކަމާބެހޭ އިދާރާތަކާ އެކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ދެ މީހެއްގެ ހަށިގަނޑު ފެނިގެން އެކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރޭގައި ގެއްލިފައިވާ ދަރިވަރު ހިމެނޭކަން އެއްވެސް އިދާރާއަކުން އަދި ކަށަވަރު ކޮށް ނުދޭ ކަމަށެވެ.

މިކަމާއި ގުޅިގެން ފުލުހުން އަދި ވަކި އެެއްޗެއް ނުބުނެއެވެ.