މަރު

ލަންކާއިން ގެއްލުނު ކުއްޖާ މަރާލާފައި އޮއްވާ ފެނިއްޖެ

ލަންކާއިން ގެއްލުނު ކުއްޖާ މަރާލާފައި އޮއްވާ ފެނިއްޖެ އެވެ.

ގެއްލިގެން ހޯދަމުން ދިޔައީ އުމުރުން 21 އަހަރުގެ އަފްހާމް ނަސީރެވެ. އޭނާ އަކީ ލަންކާގެ ދެހިވަލަގައި ދިރިއުޅޭ ކުއްޖެކެވެ.

އާއިލާއިން ބުނި ގޮތުން އަފްހާމްގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ ރޭގެ ވަގުތެއްގައެވެ. ގެއްލުނުއިރު ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓެއް ކަމަށް އާއިލާއިން ބުނެ އެވެ.

ލަންކާގެ ނޫސްތަކުން ބުނި ގޮތުގައި ވެއްލަވައްތަ ބީޗް ސަރަހައްދުގައި މަރާލާފައި އޮތް ދެ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. އަދި އެއީ ކޮން ބައެއްތޯ ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނަމަވެސް ބައެއް ނޫސްތަކުގައި ބުނެފައިވަނީ މަރާލާފައި އޮއްވާ ފެނިފައިވާ ދެ މީހުންގެ ތެރެއިން އެކަކީ އަފްހާމް ކަމަށެވެ. ދެ މީހުންގެ ހަށިގަނޑަށްވެސް ބޮޑެތި ޒަހަމުތަކެއް ދީފައިވާ ކަމަށްވެސް އެ ރިޕޯޓްގައި ވެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ދިވެހި ދަރިވަރު ގެއްލިގެން ރިޕޯޓް ކޮށްފައިވާ ކަމަށާ އެކަމާ ގުޅިގެން ލަންކާގެ ކަމާބެހޭ އިދާރާތަކާ އެކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ދެ މީހެއްގެ ހަށިގަނޑު ފެނިގެން އެކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރޭގައި ގެއްލިފައިވާ ދަރިވަރު ހިމެނޭކަން އެއްވެސް އިދާރާއަކުން އަދި ކަށަވަރު ކޮށް ނުދޭ ކަމަށެވެ.

މިކަމާއި ގުޅިގެން ފުލުހުން އަދި ވަކި އެެއްޗެއް ނުބުނެއެވެ.