މޯލްޑިވްސް ޕޮލިސް ސާވިސް

އަފްހާމްގެ މަރު: ފުލުހުންގެ ޓީމެއް ލަންކާއަށް

ލަންކާގައި މަރާލާފައި އެއްލާލާފައި އޮއްވާ ފެނުނު އަފްހާމް ނަސީރުގެ މަރުގެ މައްސަލައިގައި ރާއްޖޭގެ ފުލުހުންގެ ޓީމެއް ލަންކާއަށް ދިއުމަށް ހަމަޖެހިއްޖެ އެވެ.

ފުލުހުންގެ އިދާރާއިން ބުނީ އެ ޓީމު ލަންކާއަށް ދަނީ އަފްހާމް މަރާލާފައިވާ މައްސަލައާ ގުޅިގެން، އެ މައްސަލާގައި ކަން ހިނގާފައިވާ ގޮތް އޮޅުންފިލުވުމަށާއި، އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ބަލައި އެ ކަންކަން ކުރުމަށްޓަކައި ކަމަށެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ އަފްހާމްގެ މަރުގެ މައްސަލަ ސަމާލުކަމަށް އައިސްފި ކަމަށާއި އެކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

އުމުރުން 21 އަހަރުގެ އަފްހާމް ނަސީރު ލަންކާގެ ވެއްލަވައްތަ ބީޗް ސަރަހައްދުގައި މަރާލާފައި އޮއްވާ ފެނުނީ މި މަހުގެ ފަސްވަނަ ދުވަހު އެވެ.

ދ. މީދޫ އަށް އުފަން އުމުރުން 21 އަހަރުގެ އަފްހާމަކީ އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ)ގެ ދާއިރާއިން ލަންކާގައި ތައުލީމު ހާސިލުކުރަމުން ދިޔަ ޒުވާނެކެވެ.