ހަބަރު

ލުތުފީ މައްސަލާގައި ސަރުކާރު މައާފަށް އެދެން ޖެހޭނެ: ކޮންގްރެސް

ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ހުރި ކަމުގެ މައުލޫމާތު ގިނަ ދުވަސްތަކެއް ވަންދެން ހާމަނުކޮށް ސިއްރު ކޮށްފައިވާތީ ސަރުކާރުން އެ ކަމަށް މައާފަށް އެދެން ޖެހޭނެ ކަމަށް އިދިކޮޅު ކޮންގްރެސް ޕާޓީން ބުންޏެވެ.

ޖެނުއަރީ 16، 2010 ގައި ލުތުފީ ލަންކާއަށް ބޭސް ފަރުވާއަށް ފޮނުވުމުން އޭގެ ފަހުން އެނބުރި އައިސްފައެއް ނުވެ އެވެ. ނަމަވެސް މިދިޔަ މެއި މަހުގެ ފުރަތަމަ ދުވަހު އޭނާ އަމިއްލައަށް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ހާޒިރުވި އެވެ. އޭގެ ފަހުން މިއަދާ ހަމަޔަށް ވެސް އޭނާ އުޅެމުން އަންނަނީ ދިވެހި އެމްބަސީގަ އެވެ. އޭނާ ދިވެހި އެމްބަސީގައި ހުރިކަން ހާމަކުރީ މިދިޔަ ހޯމަ ދުވަހުގަ އެވެ. އަދި އެ ކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ބަޔާނެއް ނެރުނީ މިއަދު އެވެ.

ކޮންގްރެސް ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ގޮސް އަމިއްލައަށް ހަވާލުވާން އެދުމުން ސަރުކާރުން އެ ކަމުގެ މައުލޫމަތު ވަގުތުން މީޑިއާތަކަށާއި ދިވެހި ރައްޔިތުންނަށް ހިއްސާ ކުރަން ޖެހޭނެ ކަމަށެވެ. އަަދި މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭނާ އެމްބަސީގައި ބަހައްޓާފައި ވަނީ ކޮން ހަމައަކާއި އުސޫލަކުންތޯ އަދި ބައިނަލްއަގްވާމީ ކޮން މުއާހަދާއެއްގެ ދަށުންތޯ އެ ޕާޓީން ސުވާލު ކޮށްފައި ވެއެވެ.

ލުތުފީ ދެ މަސް ދުވަސް ވަންދެން ލަންކާގައި ހުންނަ އެމްބަސީގައި ހުރި ކަން ސަރުކާރުން ސިއްރު ކޮށްގެން ތިބުމަކީ ނޮވެމްބަރު 3، 1988 ގައި ޝަހީދުވި 19 މީހުންނާއި އެ އެންމެންގެ އާއިލާތަކަށް ދިން ނާއިންސާފު، ހަޑިމުޑުދާރު އަމަލެއް ކަމުގައި ކޮންގްރެސް ގަބޫލު ކުރާ ކަމަށާއި މިކަން ދިވެހި ސަރުކާރުން ހާމަކުރީ ވެސް ސޯޝަލް މީޑިއާގައި ލުތުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ހުރި ކަމުގެ ވާހަކަ ފެތުރުމުން ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

މި މަހުގެ 15 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ވަފުދެއް ލަންކާއަށް ވަޑައިގެންނެވި އިރު ވެސް ލުތުފީ ހުންނެވީ ދިވެހި އެމްބަސީގައި ކަން ފާހަގަކޮށް ކޮންގްރެސް ޕާޓީން ބުނީ އެ މައްސަލައާ ގުޅޭ ގޮތުން އޭރު ވެސް ދިވެހި ސަރުކާރަށާއި އެމްޑީޕީގެ ވަފުދަށް މައުލޫމާތު ލިބިފައިވާ ކަން ކަށަވަރު ކަމަށެވެ.

"... ދިވެހި ސަރުކާރުން މި މައްސަލާގައި ރައްޔިތުންނަށް އޮޅުވާލުންތަކެއް އޮޅުވާލައި ގަސްތުގައި ލުތުފީ ފޮރުވައިގެން ސިއްރުކޮށްގެން ހިންގާފައިވާ ޖަރީމާތަކަށް ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް ދިވެހި ސަރުކާރަށް ގޮވާލަމެވެ. އަދި ސަރުކާރުން ހިންގާފައިވާ އަމަލު މި ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ." ބަޔާނުގައި ވެ އެވެ.

ދެ ދުވަހުގެ ތެރޭގައި ލުތުފީ ރާއްޖެ ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ރޭ ބުންޏެވެ. ނަމަވެސް ފޮރިން މިނިސްޓްރީން މިއަދު ބުނީ އޭނާ ގެނައުމުގައި ގޮންޖެހުންތަކެއް އެބަ ހުރި ކަމަށާއި ވީ އެންމެ އަވަހަކަށް އޭނާ ގެންނަން ކުރާ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފޮރިން މިނިސްޓްރީން ވަނީ އެއިން ބައެއް ގޮންޖެހުންތައް ފާހަގަކޮށްފަ އެވެ.

މިނިސްޓްރީން ހާމަކުރި ބައެއް ގޮންޖެހުންތަކާ ގުޅޭ ގޮތުން ވެސް ކޮންގްރެސް ޕާޓީން ފާޑުކިޔަފާއިވެ އެވެ. އެ ގޮތުން ދިވެހިރާއްޖެއާއި ކޮމަންވެލްތާ ވަކިވެފައި އޮތުމުން ލަންކާއާއި ރާއްޖެއާ ދެމެދު ވެފައިވާ ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމުގެ ސައްހަކަމާ މެދު ސުވާލު އުފެދިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނިއިރު، ދެ ގައުމުގެ ދެމެދުގައި ކުށްވެރިން ބަދަލު ކުރުމުގެ އެއްބަސްވުމާއި ކޮމަންވެލްތާ ވަކިވުމާ އެއްވެސް ގުޅުމެއް ނެތް ކަމަށް ކޮންގްރެސް ޕާޓީން ބުންޏެވެ.

ލަންކާގައި ދިން ބޮމުގެ ހަމަލާގެ ސަބަބުން ލުތުފީ ގެނައުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނިއިރު ބޮމުގެ ހަމަލާއާ ގުޅިގެން ލަންކާގައި ހައްޔަރު ކުރެވުނު ދިވެހިންގެ ކަންކަން ވެސް ދެ ސަރުކާރުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކާއެކު ހައްލު ކުރެވިފައިވާ ކަމަށާއި އެހެންކަމުން ލަންކާގެ ބޮމުގެ ހަމަލާގެ ސަބަބުން ލުތުފީ ގެންނަން ދަތިތަކެއް ހުރި ކަމަށް ނުދެކޭ ކަމަށް ކޮންގްރެސް ޕާޓީން ބުންޏެވެ.

އޭގެ އިތުރުން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވުމުން ލުތުފީ ރާއްޖެ ގެނައުމުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތަކެއް ހުރި ކަމަށް ފޮރިން މިނިސްޓްރީން ބުނިއިރު، އެ ކަމަށް ރައްދުދީ ކޮންގްރެސް ޕާޓީން ބުނީ އޭގެ އެއްވެސް ތަފުސީލެއް ބަޔާނުގައި ނެތް ކަމަށެވެ. އެހެންކަމުން ތަފުސީލުކޮށް އެ ކަންކަން ހާމަ ކުރަން ވެސް އެ ޕާޓީން ގޮވާލި އެވެ.