ރައީސް އަބްދުﷲ ޔާމީން

ލުތުފީ އެމްބަސީގައި ބެހެއްޓުމަކީ ކޮރަޕްޝަން: ރައީސް ޔާމީން

ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީއަށް ދިވެހި އެމްބަސީގައި ބެހެއްޓިގެން ނުވާނެ ކަމަށާއި މަގާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައިގެން އޭނާ އެމްބަސީގައި ބެހެއްޓި ބެހެއްޓުމަކީ ކޮރަޕްޝަން ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

"ފޭރުމާ ދެކޮޅަށް" ނަމުގައި ކާނިވާ ސަރަހައްދުގައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ގުޅިގެން ކުރިއަށް ގެންދިޔަ އެއްވުމުގައި ރައީސް ޔާމީން ވިދާޅުވީ ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި ލުތުފީއަކީ ޓެރަރިސްޓެއް ނުވަތަ ހާއިނެއް ކަމަށާއި އެ ނޫން ބަހެއް އޭނާއަށް ދެވެން ނެތް ކަމަށެވެ.

"މީނައަށް (ލުތުފީއަށް) އެންމެ ގާތް ކުރެވޭ ބަހަކަށް މި އޮންނަނީ ޓެރަރިސްޓެކޭ، ހާއިނެކޭ، އޭނާ ކުރި ބަޣާވާތަކުން ސަރުކާރު ވެއްޓުމާއި ނުވެއްޓުމަކީ ސިޔާސީ ކަމެއް، އެކަމަކު އޭނާއަކަށް ހައްގެއް ނުލިބޭ ބަޔެއްގެ ލޭ އޮހޮރުވަން، އެހެންވެ އޭނަ ޓެރަރިސްޓަކަށް ވަނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

މިދިޔަ ދެ މަސް ދުވަހު ލަންކާގެ އެމްބަސީގައި ލުތުފީ ބެހެއްޓިއިރު އެކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުނުވެ މިއަދު ކުއްލިއަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނުކުމެވަޑައިގެން ލުތުފީއަކީ ހާއިނެއް ކަމަށް ވިދާޅުވުމުން އެއީ ދެކޮޅު ނުޖެހޭ ކަމެއް ކަމަށް ޔާމީން ވިދާޅުވި އެވެ.

"މީގެ ކުރިން ފޮރިން މިނިސްޓްރީންނާއި ފުލުހުން ނެރުނު ބަޔާނުތަކުން ހީވި މިއީ އދ. އިން ސިލޯނަށް ކަނޑައަޅުއްވާފައި ހުރި އެންވޯއީއެއް ކަމަށް، ޑިޕްލޮމެޓިކް ހުރިހާ އިމްތިޔާޒެއް ލިބިގެން މީނަ ލަންކާގައި އުޅެނީ އދ. ގެ އިމްތިޔާޒުތައް ލިބިގެންވާކަށް،" ލުތުފީ އެމްބަސީގައި ބެހެއްޓުމުން އެ ކަމަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

ޖެނުއަރީ 16، 2010 ގައި ލުތުފީ ބޭސް ފަރުވާއަށް ފޮނުވުމުން އޭގެ ފަހުން އެނބުރި ރާއްޖެ އައިސްފައެއް ނުވެ އެވެ. ނަމަވެސް މިދިޔަ މެއި މަހުން ފެށިގެން އޭނާ އުޅެމުން ދަނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގަ އެވެ. ނަމަވެސް އެކަމުގެ މައުލޫމާތު ސަރުކާރުން ހާމަކުރީ ސޯޝަލް މީޑިއާގައި އެ އަޑު ފެތުރިފައިވަނިކޮށް މިދިޔަ މަހުގެ 24 ވަނަ ދުވަހުގަ އެވެ. އެކަމާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުންތައް ވެސް ސަރުކާރަށް އަމާޒުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ލުތުފީއަކީ ހާއިނެއް ކަމަށް މި ސަރުކާރުން ގަބޫލު ކުރާނަމަ މިދިޔަ ދެ މަސް ދުވަހު އޭނާ އެމްބަސީގައި ބަހައްޓައި ވީއައިޕީ ފެންވަރަށް ހިދުމަތް ދިން ފަރާތްތައް ޖަވާބުދާރީކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. ލުތުފީ އެ ގޮތަށް އެމްބަސީގައި ނުބެހެއްޓޭނެ ކަމަށާއި އެފަދަ ކުށްވެރިއަކު އެމްބަސީ ފަދަ ރައްކާތެރި ތަނެއްގައި ބެހެއްޓުމަކީ ކޮރަޕްޝަންގެ އަމަލެއް ކަމަށް ޔާމީން ވިދާޅުވި އެވެ.

"ހަމަ ގައިމު ވެސް އޭނާއަކަށް އެމްބަސީއަކު ނޯވެވޭނެ، އެމްބަސީއަކީ ހާއްސަ ރައްކާތެރި ކަމެއް އޮންނަ ތަނެއް، ފުލުހުންނަކަށް ވެސް އޭނަ އެމްބަސީއަކު ފިލުވާފައެއް ނުބެހެއްޓޭނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

"މަގާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން މީހަކަށް މަންފާއެއް ހޯދުމަކީ ކޮރަޕްޝަން، ގާނޫނު ބައްލަވާ، މި ސަރުކާރުގެ ބޭފުޅުންތަކެއް ވެގެން މަގާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން މީނައަށް (ލުތުފީ) އަށް އެމްބަސީގައި ބަހައްޓައިގެން މަންފާތަކެއް ހޯދައި ދެއްވައިފި، ބޮޑު ޒީރޯ ޓޮލެރެންސްގެ ތެރެއިން މި މައްސަލަ ބަލަން ޖެހޭނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.