އަބްދުﷲ ލުތުފީ

"ލުތުފީ އެމްބަސީއަށް ވަނީ ކުރީ ސަރުކާރުގެ މަސައްކަތުން"

Jul 1, 2019
7

ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި، ބާޣީ އަބްދުﷲ ލުތުފީ ސްރީލަންކާގައި ހުންނަ ރާއްޖެ އެމްބަސީއަށް ވަންނަން މަޖުބޫރުވީ ކުރީގެ ސަރުކާރުން ކުރި މަސައްކަތްތަކުގެ ސަބަބުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ޖެނުއަރީ 16، 2010 ގައި ލުތުފީ ބޭސް ފަރުވާއަށް އިންޑިއާއަށް ފޮނުވުމުން އޭގެ ފަހުން އެނބުރި ރާއްޖެ އައިސްފައެއް ނުވެ އެވެ. ނަމަވެސް މިދިޔަ މެއި މަހުން ފެށިގެން އޭނާ އުޅެމުން ދަނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގަ އެވެ. ފުލުހުން އޭނާ ގެނައުމުގެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ލިޔެކިޔުންތައް ހަމަނުވާތީކަމަށް ބުނެ އަދި އޭނާ ގެނެވިފައެއް ނުވެ އެވެ.

އޭގެ ފަހުން ފުލުހުން ވަނީ ލުތުފީ ރާއްޖެ ގެނައުމުގައި ކުރީގެ ސަރުކާރުން އިހުމާލުވެފައިވާކަމަށް ތުހުމަތުކޮށް އެކަން ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން ބަލަމުންދާ ކަމަށް އިއްޔެ ބުނެފަ އެވެ.

އެ ތުހުމަތުތަކަށް ރައްދު ދެއްވައި، ލުތުފީ ދިވެހި އެމްބަސީގައި ހުރިކަން އެންމެ ފުރަތަމަ ފަޅާއަރުވާލި އުމަރު ލިޔުއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ނޮވެމްބަރު 3 ގެ ހަމަލާދިން އިރު އޭނާ ހުރީ ދިވެހި ސިފައިންގެ ވަޒީފާގައި ކަމަށާއި، ބައެއް ޝަހީދުންގެ ހަށިގަނޑު ނެގުމުގައި ވެސް އަމަލީގޮތުން ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.

"އަޅުގަނޑުގެ ވަޒީރު ކަމުގައި ލުތުފީ ހޯދަން ވަރަށް ގިނަ މަސައްކަތް ކުރެވުނު،" ކަމަށް ވިދާޅުވެ ލުތުފީ ހޯދަން ކުރީގެ ސަރުކާރުން ކުރި ބައެއް ކަންކަން ވެސް އުމަރު މިއަދު ވަނީ ހިއްސާކުރައްވާފަ އެވެ.

އެގޮތުން، ލުތުފީގެ މައުލޫމާތެއް ފޯރުކޮށްދިން ފަރާތަކަށް ފައިސާގެ އިނާމުތައް ހުށަހެޅުމުގެ އިތުރުން، ލަންކާގެ ކަމާބެހޭ މިނިސްޓަރުންނާ ވެސް އެކި ފަހަރު މަތިން ބައްދަލުކޮށް، ލުތުފީ ހޯދުމުގައި ލަންކާ ސަރުކާރުގެ އެހީތެރިކަމަށް ވެސް އެދިވަޑައިގެންނެވިކަމަށް އުމަރު އިތުރަށް ވިދާޅުވެފައި ވެއެވެ.

އޭގެ އިތުރުން، ނަވަލޯކާ ހޮސްޕިޓަލުގައި ލުތުފީ ހުރިކަމުގެ މައުލޫމާތު ލިބިގެން ލަންކާ ފުލުހުން އެތަނަށް ފޮނުވި ކަމަށާއި، ނަމަވެސް އޭގެ ކުރިން އޭނާ އެތަނުން ފިލާފައިވާ ކަމަށެވެ. އަދި ލުތުފީ ނުގޭގޮޑާގައި އުޅެމުންދާ ކަމުގެ މައުލޫމާތު ލިބިގެން، އެއް މަސް ދުވަސް ވަންދެން ފާރަލުމުގެ އޮޕަރޭޝަނެއް ހިންގި ކަމަށް ވެސް އުމަރު ހާމަކުރެއްވި އެވެ.

"ލުތުފީ ރާއްޖޭގެ އެމްބަސީއަށް ވަދެ ސްރީލަންކާ ފުލުހުންނަށް ފިލާ އޮންނަން މިޖެހުނީ އަޅުގަނޑުމެން ސަރުކާރުން ހުށަހަޅާފައިވާ 10،000 އެމެރިކާ ޑޮލަރުގެ އިނާމުގެ ސަބަބުން. ސްރީލަންކާގެ ވަކި ވަކި ފުލުހުންގެ އަތުގައި ލުތުފީގެ ފޮޓޯއާއި ވަނަވަރު ހުންނާނެ،" އުމަރު އިތުރަށް ވިދާޅުވި އެވެ.

ލުތުފީ އެމްބަސީގައި ހުރިކަން ހާމަނުކޮށް، އެކަން ފޮރުވަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.