ވިޔަފާރި

އެމްޑަބްލިއުއެސްސީއަށް 24 އަހަރު ފުރުން ފާހަގަކޮށްފި

އެމްޑަބްލިއުއެސްސީގެ 24 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދަރުބާރުގޭގައި އަހަރީ ޖަލްސާ ބާއްވައިފި އެވެ.

މިރޭ ބޭއްވި އެ ޖަލްސާގައި އެމްޑަބްލިއުއެސްސީން ދޭ ހައްޖު ދަތުރު ލިބޭ މުވައްޒަފުންނަށް ވަނީ އެ ކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ. އަދި އެކި ދާއިރާތަކުން އެންމެ ފާހަގަކުރެވޭ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެ މުވައްޒަފުންނަށް ހަނދާނީ ލިޔުން ވެސް ވަނީ ދީފަ އެވެ.

ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަލީ އާޒިމާއި، ކުންފުނީގެ އިސް ބޭފުޅުންނާއި މުވައްޒަފުން ބައިވެރިވިއިރު، ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ކުންފުނީގެ އެމްޑީ އާޒިމް ވިދާޅުވީ ފެން ކުންފުނީގެ މުވައްޒަފުން ތަމްރީނުކޮށް ހުނަރުވެރި ލީޑަރުން ބިނާ ކުރުމަށް "ނެކްސްޓް ޖެނެރޭޝަން ލީޑާޝިޕް" ގެ ނަމުގައި ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ކުންފުންޏަށް އިހުލާސްތެރިވުމަށާއި އެއްވެސް ހިޔާނާތްތެރި އަމަލެއް ނުހިންގުމަށް އާޒިމް މުވައްޒަފުންނަށް އިލްތިމާސްކުރެއްވި އެވެ.

"ކުންފުންޏަށް އިހުލާސްތެރިވެ، ވަޒީފާގެ މަސްއޫލިއްޔަތު އަދާކޮށް، ދުވަހުން ދުވަހަށް ނިންމަން ޖެހޭ މަސައްކަތްތައް ނިންމާ، އާއިލާއަށް ވަގުތު ހޯދަން ވެސް އިލްތިމާސްކުރަން." އާޒިމް ވިދާޅުވި އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ފެނުގެ ހިދުމަތް ދޭ ކުންފުންޏެއްގައި މަސައްކަތް ކުރަމުންދާއިރު ހުރިހާ މުވައްޒަފުން ވެސް އެކުވެރިކަމާއެކު ގުޅިގެން މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. ގުޅިގެން މަސައްކަތްކޮށްފިނަމަ ކުންފުނީގެ އުފެއްދުންތެރިކަން ރަނގަޅުވެ މުވައްޒަފުން ވެސް ހަރުދަނާވާނެ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"ކޮންމެ މުވައްޒަފަކީ ގައުމުގެ ހާލަތު ބަދަލު ކުރުމުގައި މުހިންމު ދައުރެއް އަދާ ކުރެވޭނެ މުވައްޒަފެއް. ކާމިޔާބު ހާސިލް ކުރެވޭނީ އެންމެން އެކަޗެއްކިޔާ އެއް އަމާޒަކަށް މަސައްކަތްކޮށްގެން." ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ ފެން ކުންފުނީގެ އަމާޒަކަށް ވާން ޖެހޭނީ ރަނގަޅަށް މަސައްކަތްކޮށްގެން ރައްޔިތުން އެދޭ ފަދަ ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި ކުންފުނި ހިންގުމުގައި ކޮރަޕްޝަން ނުހިމެނޭ ގޮތަށް މަސައްކަތްތައް ބައްޓަން ކުރުމުގައި ސަމާލުކަން ދިނުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ.