ލައިފްސްޓައިލް

ދުބާއީގެ ޒުވާން ވަލީއަހުދު ރާއްޖެ އިސްތިހާރު ކޮށްދީފި

Jun 28, 2019
3

ރާއްޖެ އަންނަ ހައި ޕްރޮފައިލް މީހުން ރާއްޖެ އައުމަށްފަހު "ގެއްލެ" އެވެ. ބޭނުމަކީ ޗުއްޓީގައި ޕްރައިވެސީ ހޯދުމެވެ. އެ މީހުން ޗުއްޓީ ހޭދަކުރާ ރިސޯޓު ވެސް ގިނަ ފަހަރު އޮންނާނީ ނޭނގުމެއްގެ ތެރޭގަ އެވެ. މީޑިއާތަކަށް ތިލަވާނީ ނުރަސްވީ ގޮތަކުންނެވެ. އެކަމަކު މި މަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރެއްވި އަބޫދާބީގެ ވަލީއަހުދު ޝެއިހް ހަމްދާން ބިން މުހައްމަދު ބިން ރާޝިދު އަލް މަހްތޫމް ތަފާތެވެ. ޒުވާން ވަލީ އަހުދު ރާއްޖެ ވަޑައިގަތް ފަހުން އުޅުއްވަނޫ ސޯޝަލް މީޑިޔާގަ އެވެ. ރާއްޖޭގެ ރީތި ފޮޓޯތައް ފޮޓޯތައް ދުނިޔެ އަށް ދައްކަވަ އެވެ.

ވަލީއަހުދު ޝެއިހް ހަމްދާން މި މަހު ކައިވެނި ބައްލައިގަތުމަށް ފަހު ވަޑައިގަތީ އަނބިކަނބަލުން ޝައިހާ ސައީދު ބިން ތާނީ އަލް މަހްތޫމްއާއެކު އެވެ. މި ދަތުރުފުޅުގައި ވަލީއަހުދު ހަމްދާން ނ. އަތޮޅުގައި ވެލާ ޕްރައިވެޓް އައިލެންޑުގައި ހޭދަކުރެއްވި ޗުއްޓީއާއެކު ރާއްޖެއަށް އިތުރު މަޝްހޫރުކަން ލިބުނެވެ

އެ މަނިކުފާނުގެ ޓުވިޓަރު "ހޭޝްޓެކް ފަޒާ" ވެފައިވަނީ މެދުއިރުމަތީގެ ގިނަ ނޫސްތަކުގެ ފަލަ ސުރުހީއަށެވެ. ހާއްސަކޮށް ލައިފް އިސްޓައިލް މަޖައްލާ ތަކުގައި އެ މީހުން ގެންގުޅޭ އެއް ފޮޓޯއަކީ ރާއްޖޭގައި ވަލީހައުދު ހޭދަކުރެއްވި ހަނީމޫންގެ ފޮޓޯ އެވެ. ޝެއިހް ހަމްދާން ރާއްޖޭގައި ކުޅުއްވި "އެކްސްޓްރީމް ސްޕޯޓްސް" ގެ ފޮޓޯތަކާއި ވީޑިއޯތަށް ގިނަ ބަޔަކު ބެލި އެވެ.

އެކްސްޓްރީމް ކުޅިވަރު ތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ހަމްދާން ރާއްޖޭގެ ޗުއްޓީ ނިންމަވައި ވަޑައިގަތީ ރާއްޖޭގެ ފުރިހަމަ ވިޑިއޯ ދޫކޮށްލައްވާފަ އެވެ. މި ވީޑިއޯ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ޝެއާ ކުރައްވާފައި ވެއެވެ.

ހަމްދާންގެ "ސަމް ބިއުޓިފުލް މެމޮރީސް ފްރޮމް މޯލްޑިވްސް" ޖައްސަވައި ރާއްޖޭގެ ދިދައާއެކު ހިއްސާ ކުރައްވާފައިވާ ވީޑިއޯ ފެށެނީ ހަތަރު ފަންވަތް ކޮޅުން ހަދާފައިވާ ފޮޓޯ ފްރޭމް އަކުންނެވެ. އެ މަނިކުފާނު ހަނީމޫންގެ މަންޒަރުތައް ފެންނަނީ މި ފްރޭމުގެ ތެރެ އިންނެވެ.