ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާދަމާ ސިންގަޕޫރަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ. މިއީ ރައީސް ސޯލިހު، މަގާމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ސިންގަޕޫރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ ރައީސް ސިންގަޕޫރަށް ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ހަލީމާ ޔައުގޫބްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި ދަތުރުފުޅުގައި ރައީސް ހަލީމާއި ޔައުގޫބުގެ އިތުރުން އެ ގައުމުގެ ބޮޑުވަޒީރު ލީ ޝިއެންގް ލުންއާންއާ ވެސް ބައްދަލު ކުރައްވާނެ ކަމަށެވެ.
ދަތުރުފުޅުގައި ރައީސަށް ސިންގަޕޫރުން ރަސްމީކޮށް މަރުހަބާ ދެންނެވުން ރިޔާސީ ގަނޑުވަރުގަ އެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވާނެ ކަމަށްވެސް ހޫދު ވިދާޅުވި އެވެ.
ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރައީސް އަންނަ އަންގާރަ ދުވަހު ރާއްޖެ ވަޑައިގަންނަވާއިރު އެގައުމުގައި ދިރިއުޅޭ ދިވެހިންނާއި ރައީސް ބައްދަލު ކުރައްވާނެ އެވެ. މި ދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި ބައެއް މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.