ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް މިރޭ ފުރާވަޑައިގެންފި އެވެ.
ފަނޑިޔާރު ދީދީ ބޭރަށް ފުރާވަޑައިގެންފައިވަނީ އޭނާއަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނިކޮށެވެ. އަދި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީީ) އިން އަންނަނީ އޭނާގެ ސުލޫކީ މައްސަލަތަކެއް ވެސް ބަލަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފަނޑިޔާރު ދީދީ ބޭސްފަރުވާއަށް ފުރާވަޑައިގެންފައިވަނީ މެލޭޝިޔާއަށެވެ. ދީދީގެ އާއިލާވެސް ދިރިއުޅުއްވަނީ މެލޭޝިޔާގަ އެވެ.
ޖޭއެސްސީއިން ބަލަމުން ގެންދަނީ އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މީހަކު ވަަކި ގޮތަކަށް ހުކުމް ނެރެދިނުމަަށް އެދި ދީދީއަަށް ފައިސާ ދިން ކަމަށް ބުނާ މައްސަލައެކެވެ.
އެ މައްސަލާގައި ދަރުބާރުގޭގައި ހުޅުވާލައިގެން ބޭއްވި ތަހުގީގަށް ފަހު ދީދީއަށް ވަނީ ޖަވާބު ދާރީވުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފަ އެވެ. އެ މުއްދަތު އިއްޔެ ހަމަވިއިރު، އޭނާ ވަނީ ޖޭއެސްސީ އަށް ލިޔުމުން ޖަވާބުދާރީވެ ވަޑައިގެންފައި އެވެ.
ހިޔާނާތުގެ މައްސަލައިގެ އިތުރުން ވެސް ބޮޑެތި ތުހުމަތުތަކެއް ދީދީއަށް ކުރެވިފައިވެ އެވެ. އެގޮތުން މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ކުރިން ހައްޔަރުކުރި ސ. ހުޅުދޫ އަތިރިއާގޭ މުހައްމަދު ސުވައިދު ދޫކޮށްލުމަށް މީހަކު "ސަސްޕެކްޓް 1"އަކާ މުއާމަލާތް ކުރަމުން ދިޔައިރު އޭނާ އެކަން ދީދީއާ ވެސް ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ސުވައިދު ދޫކޮށްލި ޝަރީއަތުގެ ފަނޑިޔާރުކަން ކުރެއްވީ ދީދީ ކަމަށް ވެސް ފުލުހުން ޖޭއެސްސީއަށް ހުށަހެޅި ލިޔުންތަކުގައިވެ އެވެ.