ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ސްރީލަންކާގައި ހުންނަ ރާއްޖެ އެމްބަސީގައި ގެންގުޅޭ ކަމެއް އެނގިފައި ނުވާކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ޖެނުއަރީ 16، 2010 ގައި ލުތުފީ ބޭސް ފަރުވާއަށް ފޮނުވުމުން އޭގެ ފަހުން އެނބުރި ރާއްޖެ އައިސްފައެއް ނުވެ އެވެ. ނަމަވެސް މިދިޔަ މެއި މަހުގެ ފުރަތަމަ ދުވަހު އޭނާ އަމިއްލައަށް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ހާޒިރުވި އެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވެސް އޭނާ އުޅެމުން އަންނަނީ ދިވެހި އެމްބަސީގަ އެވެ.
ލުތުފީ އިއްޔެ ރާއްޖެ ގެންނާނެކަމަށް ފުލުހުން ބުނި ނަމަވެސް، ސްރީލަންކާގެ ކަމާ ބެހޭ އިދާރާތަކުން ފުރިހަމަ ކުރަން ޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރެވިފައި ނުވާތީ އޭނާ ނުގެނެވޭ ކަމަށް ފަހުން ފުލުހުން ވަނީ ބުނެފަ އެވެ.
ލުތުފީ އެމްބަސީގައި ބަހައްޓާފައިހުރީ ލަންކާ ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެންކަމަށް ދިވެހި ސަރުކާރުން ބުނި ނަމަވެސް، އެކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށް އެ ގައުމުގެ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
މިދިޔަ މެއި މަހުން ފެށިގެން ލުތުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ހުރިއިރު އޭނާ އެމްބަސީގައި ހުރިކަން ސަރުކާރުން ހާމަކުރީ މިދިޔަ ހޯމަ ދުވަހުގަ އެވެ. އަދި އެ ކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ބަޔާނެއް ނެރުނީ ބުދަ ދުވަހު އެވެ. ލުތުފީ އެމްބަސީގައި ހުރިކަން ސަރުކާރުން ހާމަކުރީ ވެސް ސޯޝަލް މީޑިއާގައި އެފަދަ އަޑުތަކެއް ފެތުރިފައިވަނިކޮށެވެ. އެ ކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.