ކުޅިވަރު

ސެމީގައި ބްރެޒިލްއާ އާޖެންޓީނާ ފޯރިގަދަ މެޗަކަށް

ކްއާޓާ ފައިނަލުގައި، ވެނެޒުއޭލާގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ބްރެޒިލްއާ ދެކޮޅަށް ވާދަވެރި އާޖެންޓީނާ ވާދަ ކުރަން ޖެހިއްޖެ އެވެ.

ދެކުނު އެމެރިކާގެ ފުޓްބޯޅައިގެ އެންމެ ބޮޑު ދެ ބާރުގެ ކުރިމަތިލުން ވެގެންދާނީ ފޯރިގަދަ ކުރިމަތިލުމަކަށެވެ.

ފަސް އަހަރު ކުރިން ވޯލްޑް ކަޕު ފައިނަލުގައި، ޖަރުމަން އަތުން އާޖެންޓީނާ ހިތްދަތި ގޮތަކަށް ބަލިވި ދަނޑު ކަމަށްވާ ބްރެޒިލްގެ މަޝްހޫރު މަރަކާނާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އާޖެންޓީނާގެ ލަނޑުތައް ކާމިޔާބު ކުރީ، ލާޓާރޯ މާޓީނޭޒް އާއި ޖިއޮވާނީ ލޮ ސެލްސޯ އެވެ.

މެޗު ފެށިގެން 10 ވަނަ މިނެޓްގައި، ލާޓާރޯ ލަނޑު ކާމިޔާބު ކުރީ އޭނާގެ ފިންނާބުން ބޯޅައިގައި ޖަހައި ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ. އިންޓަ މިލާންގެ ފޯވަޑް ޖެހި އެ ލަނޑަކީ ގައުމީ ޓީމުގައި އޭނާ އެންމެ ފަހުން ކުޅުނު 10 މެޗުގައި ޖެހި ހަ ވަނަ ލަނޑެވެ.

ލޮ ސެލްސޯ ލަނޑު ކާމިޔާބު ކުރީ، ދެ ވަނަ ހާފުގައި، ވެނެޒުއޭލާގެ ކީޕަރު ވިލކްކާ ފަރިނޭޒް އަށް ހެދުނު މިސްޓޭކެއްގައި އޭނާގެ އަތުން ދޫވި ބޯޅަ ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.

ޕެނަލްތީ ޖަހައިގެން ޕެރަގުއޭ ބަލިކޮށް، ސެމީ އަށް ދިޔަ ބްރެޒިލް އާއި އާޖެންޓީނާ ކުޅޭ ސެމީ ފައިނަލު މެޗު އޮންނާނީ، ރާއްޖޭގަޑިން އަންނަ ބުދަ ދުވަހުގެ ފަތިހު 5:30 ގަ އެވެ.