މެސީ

ރަނގަޅަށް ނުކުޅެވުނީ ވިނަގަނޑާ ހެދި: މެސީ

މި އަހަރުގެ ކޮޕާ އެމެރިކާގައި އޭނާއަށް ރަނގަޅަށް ނުކުޅެވޭ ކަމަށާއި، ރޭ ގެ މެޗުގައި ވެސް ރަނގަޅަށް ނުކުޅެވުނީ ދަނޑުގެ ވިނަގަނޑު ހަލާކުވެފައިވުމުން ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

ވެނެޒުއޭލާ ބަލިކޮށް އާޖެންޓީނާ ވަނީި ސެމީ ފައިނަލަށް ދަތުރު ކޮށްފަ އެވެ. ނަމަވެސް އެ މެޗުގައި މެސީގެ ކުޅުން މާބޮޑަށް ފާހަގައެއް ނުކުރެވުނެވެ. ސެމީ ފައިނަލުގައި ބްރެޒިލް ބަލިކޮށް އާޖެންޓީނާ ފައިނަލަށް ދާން ބޭނުން ނަމަ، މެސީގެ އަސްލު ކުޅުން އާޖެންޓީނާ އަށް ވަރަށް މުހިންމެވެ.

"މިއީ އަހަރެންގެ އެންމެ ރަނގަޅު ކޮޕާ އެމެރިކާ އެއް ނޫން." މެސީ ވާހަކަ ދެއްކި އެވެ. އޭނާ ބުނީ ރަނގަޅަށް ނުކުޅެވުމުގައި މި އަހަރުގެ މުބާރާތުގައި ދަނޑުގެ ވިނަ ގަނޑު ތަކުގެ ހާލަތު ގޯސްވުން ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ. އޭނާ ފާހަގަ ކުރީ ހަލުވި ގޭމެއް ކުޅުމުގައި ދަނޑުގެ ވިނަގަނޑުތައް ހުރި ގޮތުން ދަތިތަކެއް ދިމާވި ކަމަށެވެ.

"ވިނަގަނޑުތައް ހަގީގަތުގައި ވެސް ވަރަށް އުނދަގޫ،" ރޭގެ މެޗަށް ފަހު ވާހަކަ ދައްކަމުން މެސީ ބުންޏެވެ. "ރަނގަޅު ފުޓްބޯޅައެއް ކުޅެން ވަރަށް އުނދަގޫ ވިނަގަނޑުތައް ހުރިގޮތުން."

މެސީ ގަބޫލު ކުރާގޮތުގައި އާޖެންޓީނާ ޓީމަށް ކުރިއަށް ދެވުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ، ވިއްދައިގެން އެ ޓީމުން ކުޅޭ ފުޓްބޯޅަ އާއި ކައުންޓަ އެޓޭކުގެ ސަބަބުންނެވެ.

"އިދިކޮޅު ޓީމުން ގޯލް ޖަހަން އުޅޭއިރު ޑިފެންސިވްގައި އަހަރެމެން އިދިކޮޅު ޓީމަށް ޖާގަ ނުދީ ކުޅެނީ، އަހަރެމެން ކުޅެނީ ވަރަށް ބޮޑަށް ވިއްދައިގެން ތިބެ އަދި އަހަރެމެން ދެމިގަންނަނީ ކައުންޓަ އެޓޭކަށް ފުރުސަތު ލިބޭއިރު."

މި އަހަރުގެ މުބާރާތުގައި މެސީއަށް އަދި ޖެހިފައި ވަނީ އެންމެ ލަނޑެކެވެ. އެއީ ގުރޫޕް ސްޓޭޖުގައި ޕެރަގުއޭ އާދެކޮޅަށް ކުޅުނު މެޗުގައި ޕެނަލްޓީން ކާމިޔާބު ކުރި ލަނޑެކެވެ.