މާޒިޔާ

ވަކި ކުޅުންތެރިޔަކަށް ގިނަ ލަނޑު ޖެހޭގޮތަށް ނުރާވަން

ވަކި ހާއްސަ ކުޅުންތެރިޔަކަށް ގިނަ ލަނޑު ޖަހަން ފުރުސަތު ތަނަވަސްވާ ގޮތަށް، ޓީމުގެ ގޭމް ޕްލޭން ނުރާވާ ކަމަށް މާޒިޔާގެ ކޯޗް މަރުޔާން ސެކްލޮވްސްކީ ބުނެފި އެވެ.

މާޒިޔާ އެންމެ ފަހުން ކުޅުނު މެޗުގައި، ފ. ނިލަންދޫ ސްޕޯޓްސް ކުލަބު ކޮޅަށް 13 ލަނޑު ޖެހި އެވެ. އެ މެޗުގައި، މާޒިޔާގެ އިބްރާހިމް ވަހީދު ހަސަން (ފެލެއިނީ އިއްބެ) ފަސް ލަނޑު ޖެހި އެވެ. ކެޕްޓަން އަސަދުﷲ އަބްދުﷲ ތިން ލަނޑު ޖެހި އެވެ. ނާއިޒު ހަސަން (ދާދު) ވެސް ދެ ލަނޑު ޖެހި އެވެ. ފޯވަޑް ލައިންގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން އެ މެޗުގައި ލަނޑު ކާމިޔާބު ނުކުރެވުނީ އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) އަށެވެ.

ސެކްލޮވްސްކީ ބުނީ، ވަކި ކުޅުންތެރިޔަކަށް ލަނޑު ނުޖެހިގެން އެ މާޔޫސްކަމެއް ކުރިމަތި ނުވާނެ ކަމަށާއި އޭނާގެ ވިސްނުން ގެންގުޅެނީ ވަކި ކުޅުންތެރިޔެއް ލައްވައި ލަނޑު ޖެހުމުގެ ބަދަލުގައި މާޒިޔާއަށް ލަނޑު ޖެހޭނެ ގޮތަށް ގޭމް އަތުރާލުމަށް ކަމަށެވެ.

"އެންމެ ފުރަތަމަ މެޗުގައި އޭނާ [ހަބޭސް އިއްބެ] ލަނޑު ޖެހި،" ސެކްލޮސްކީ ވާހަކަ ދެއްކި އެވެ. "ލަނޑު ޖެހީ ކާކުތޯ މުހިންމެއް ނޫން، އެންމެ މުހިންމު ކަމަކީ މާޒިޔާ އަށް ލަނޑު ޖެހުން، އަހަރެމެންގެ ޓީމުގެ ރޫހަކީވެސް ޓީމަށް ލަނޑު ޖެހުން، އަހަރެމެން ޓީމަށް މުހިންމެއް ނޫން ލަނޑު ޖެހި ކުޅުންތެރިޔާގެ ނަމަކީ ކޮބައިތޯއެއް، އަހަރެމެން ޓީމަށް މުހިންމީ މާޒިޔާއަށް ލަނޑު ޖެހުން."

މިރޭ ފޯކައިދުއާ ދެކޮޅަށް ކުޅޭ މެޗަށް ފަހު، ދެން ކުޅޭ މެޗުގައި މާޒިޔާއަށް މިދިޔަ އަހަރު ކުޅުނު ކޯނޭލިއަސް ސްޓްވާޓް (ކޯނޭ) ފެންނާނެ ކަމުގެ އިޝާރާތެއް ސެކްލޮސްކީ ދިނެވެ. ކޯނޭ ޓީމާ ގުޅުމުން މާޒިޔާގެ އެޓޭކު އިތުރަށް ވަރުގަދަ ވާނެ އެވެ.

ފޯކައިދޫ ޓީމާ ބެހޭގޮތުން ސެކްލޮވްސްކީ ބުނީ، މިދިޔަ އަހަރަށް ވުރެ ފޯކައިދޫ ޓީމު ވަރުގަދަ ކަމަށް އޭނާ އަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ ޓީމުގައި ތަޖުރިބާކާރު ކުޅުންތެރިން ގިނަކަމަށާއި އެކަމާ މާޒިޔާއިން ސަމާލުވާނެ ކަމަށެވެ.

ފޯކައިދޫގެ ކޯޗް، އަލީ ނިޝްތާރު މުހައްމަދު ބުނީ، ފޯކައިދޫ ޓީމަކީ މިދިޔަ އަހަރު އޮތް ޓީމާ ބަލާއިރު މުޅިން އާ ޓީމެއް ކަމަށެވެ. އޭނާ ބުނީ މެޗުގައި މާޒިޔާއަށް އޮތް ޕްރެޝަރު ބޮޑު ކަމަށާއި އެއީ މެޗުގައި މާޒިޔާގެ ޓީމާމެދު އުންމިދު ކުރާ މީހުން ގިނަ ވުމުން ކަމަށެވެ.

ނިޝްތާރު ބުނީ މާޒިޔާއާ ދެކޮޅަށް ކުޅުނަސް، ޑިފެންސްކޮށްގެން ނުކުޅޭނެ ކަމަށާއި އޭނާގެ ޓީމުން ކުޅެނީ އޯޕަން ގޭމެއް ކަމަށެވެ.