ލަންކާގައި ދިން ޓެރަރިސްޓް ހަމަލާއަށްފަހު ރާއްޖެއަށް އޮތް ޓެރަރިޒަމްގެ ނުރައްކަލުގެ ބޮޑުވެފައިވާ ކަަމަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބުދުއްރަހީމް އަބުދުލްލަތީފް ވިދާޅުވެއްޖެ އެވެ.
އެމްއެންޑީއެފްގެ އިސްވެރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖެއަށް ޓެރަރިޒަމްއާއި ގުޅިގެން އޮތް ނުރައްކަލާބެހޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަބުދުއްރަހީމް ވިދާޅުވީ، ދުނިޔޭގެ އެއްވެސް ގައުމަކަށް މިހާރު އެގައުމަށް ޓެރަރިޒަމްގެ ނުރައްކާ ނެތް ކަމަށް ނުބުނެވޭނެ ކަމަށެވެ.
އެގޮތުން ނިއުޒީލޭންޑަކީ އެކަހަލަ ކަންކަމުން ސަލާމަތްވެފައިވާ ގައުމެއް ކަމަށް ބަލައިގެންތިއްބާ އެ ގައުމުގައި ވެސް ޓެރަރިސްޓް ހަމަލާއެއްދީފައިވާ ކަމަށާއި، މި ސަރަހައްދަށް ބަލާއިރު ސްރީ ލަންކާގައި ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ރާއްޖެއަށް ޓެރަރިޒަމްގެ ނުރައްކާ ބޮޑުވެފައިވާ ކަމަށެވެ.
އަދި ތްރެޓް އެސަސްމެންޓް މެކޭނިޒަމްތައް ހަރުދަނާކޮށް އެކަންކަމުން ސަލާމަތްވާން މަސައްކަތް ކުރަމުންދާކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ޓެރަރިޒަމްއާއި ގުޅިގެން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބުދުﷲ ޝަމާލް ވިދާޅުވީ، ޓެރަރިޒަމްއާއި ދެކޮޅަށް މުއައްސަސާތައް ގުޅިގެން ކުރަމުންގެންދާ މަސައްކަތްތައް ހަރުދަނާ ކުރަމުންދާ ކަމަށާއި، އެމްއެންޑީއެފްއަށް އޮންނަނީ އެކަހަލަ ކަމެއް ދިމާވެއްޖެ ނަމަ ރައްދު ދިނުން ކަމަށެވެ. މީގެ އިތުރުން ޓެރަރިޒަމްގެ ގާނޫނަށް އިސްލާހުތަކެއް ހުށަހެޅަން މުއައްސަސާތަކުން އަންނަނީ ތައްޔާރުވަމުން ކަމަށާއި، އަލަށް ހުށަހަޅާ އިސްލާހުތަކާއެކު، ހުރިހާ އިންޓެލިޖެންސް އެޖެންސީތަކެއް ގުޅިގެން މައުލޫމާތު ބަދަލު ކުރުމުގެ ވިއުގައެއް ގާއިމް ކުރެވި ފުޅާ ކުރެވިގެންދާނެ ކަމަށެވެ.