ހަބަރު

އެންއައިސީއަށް ކުރިމަތިލެއްވި މާނިއުގެ ނަން ނަންގަވައިިފި

Jun 29, 2019

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރުކަމަށް ކުރިމަތިލެއްވި، އެ ކޮމިޝަންގެ ކުރީގެ ރައީސް ޔޫސުފް މާނިއުގެ ނަން އަނބުރާ ނަންގަވައިފި އެވެ.

ވަކި ސަބަބެއް ހާމަނުކުރައްވައި، ރައީސް އޮފީހަށް ފޮނުއްވި ސިޓީއެއްގައި އޭނާ ވިދާޅުވީ އެންއައިސީގެ މެމްބަރުކަމަށް ވުމަށް އެދި ހުށަހަޅުއްވާފައިވާ ނަން އަނބުރާ ނަގަން ނިންމަވާފައިވާ ކަމަށެވެ.

މާނިއުގެ ނަން އަނބުރާ ނަންގަވާފައިވަނީ، ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި ފުލުހުން އިހުމާލުވެފައިވާއިރު، ކޮމިޝަންގެ ރައީސަކަށް ހުންނެވިއިރު ތަހުގީގުކޮށްފައިނުވާކަމަށް ބުނެ ގިނަ ބައެއްގެ ފާޑިކިޔުން އޭނާއަށް އަމާޒުވެފައިވަނިކޮށެވެ.

އެކަމުގައި މާނިއުގެ އިހުމާލުއޮތްކަމަށް ބުނެ، އެ ކޮމިޝަންގެ މެމްބަރުކަމަށް އޭނާ އަލުން އައްޔަންކުރުމާ ދެކޮޅަށް ރިލްވާންގެ އާއިލާއިން ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ.