ދިވެހި ޕްރެމިއާ ލީގް

ރިޒޭގެ ހެޓްރިކުން އީގަލްސް ފުރަތަމަ މޮޅު ހޯދައިފި

އަހްމަދު ރިޒްވާން (ރިޒޭ) ކާމިޔާބު ކުރި ހެޓްރިކާކާއެކު، ފ. ނިލަންދޫ ސްޕޯޓްސް ކުލަބުގެ މައްޗަށް 5-1 ން ކުރި ހޯދައި، ދިވެހި ޕްރިމިއާ ލީގްގައި، އީގަލްސްއިން ފުރަތަމަ މޮޅު ހޯދައިފި އެވެ.

ކުރިން ކުޅުނު ދެ މެޗުގައިވެސް، އީގަލްސްއިން ލީޑް ނަގާފައި އޮއްވައި އެ ޓީމު އަތުން މެޗު ގެއްލުނީ އެންމެ ފަހު މިނެޓްގަ އެވެ. އެންމެ ފަހުން ގުރީން ސްޓްރިޓާ ދެކޮޅަށްވެސް ކުޅުނު މެޗުގައި، އީގަލްސް އަތުން މެޗުގެ ތިން ޕޮއިންޓް ގެއްލުނީ މެޗުގެ 90 ވަނަ މިނެޓްގައި، ގުރީންގެ އަލީ އަޝްފާގް ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރުމުންނެވެ.

އީގަލްސްގެ އެންމެ ފުރަތަމަ މެޗުގައި، ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގައި އީގަލްސްއަށް މެޗު ގެއްލުނީ ޓީސީގެ ނޭޕާލް ފޯވަޑް ބިމާލް ގުރަހަޓީ 91 ވަނަ މިނެޓްގައި ލަނޑު ކާމިޔާބު ކޮށް ނަތީޖާ ހަމަހަމަ ވުމުންނެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި، މެޗުގެ ވަރަށް ކުރީ ކޮޅު އީގަލްސްއަށް ވަނީ ލަނޑު ޖަހާނެ ތަނަވަސް ދެ ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. މެޗުގެ ފަސް ވަނަ މިނެޓްގައި އަލީ ފާސިރު (ސެންޓޭ) އަށް ލިބުނު ބޯޅަ ނިލަންދޫގެ ޕެނަލްޓީ އޭރިއާ ތެރޭގައި އޭނާ ހުރީ ހުސްކޮށެވެ. އޭނާ މަސައްކަތް ކުރީ އެނބުރިފައި ބޯޅައިގެ ކޮންޓުރޯލް ހޯދުމަށެވެ. އެހެންނަމަވެސް ނިލަންދޫގެ ޑިފެންޑަރުން ވަނީ އޭގެ ކުރިން ބޯޅަ ކޯނަރަކަށް ބޭރު ކޮށްލާފަ އެވެ.

ޖެހިގެން އައި ހަ ވަނަ މިނެޓްގައި ޒުވާން ފޯވަޑް، މުހައްމަދު ނާއިމް ވަނީ، ނިލަންދޫގެ ކީޕަރު އަބްދުﷲ ޒިޔަޒަން ކަޓުވާލުމަށް ފަހު އޭރިއާގެ އަރިމަތިން ހުހަށް އޮތް ގޯލްގެ ތެރެއަށް ވައްދާލަން މަސައްކަތް ކޮށްފަ އެވެ. އެހެންނަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ އަރިމަތިން ބޭރަށެވެ.

އީގަލްސްގެ ފުރަތަމަ ލަނޑު 13 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ނާއިމު އެވެ. އިގާލްސްގެ ކުޅުންތެރިން ނަގައިދިން ހުރަސް ގޯލްގެ ކުރިމަތިން ނާއިމްއަށް ލިބުނު ބޯޅަ އޭނާ ކާމިޔާބު ކުރީ، ކީޕަރު ޒިޔަޒަން ކައިރިންވެސް ނައްޓާލުމަށް ފަހު އެވެ.

ރިޒޭގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ، ލިބުނު ޕެނަލްޓީ އަކުންނެވެ. ނިލަންދޫގެ ޕެނަލްޓީ އޭރިއާ ތެރެއިން އީގަލްސްގެ ކެޕްޓަން ހުސައިން ޝިފާއު ޔޫސުފް (ކުރޫ) އަށް ފައުލު ކުރުމުން ދިން ޕެނަލްޓީ، ރިޒޭ ވައްދާލީ، ފުރާޅެއްހެން އޮތް ގޯލް ދަނގަޑަށް އަމާޒުކޮށް ބޯޅަ ފޮނުވާލައިގެންނެވެ.

ދެ ލަނޑުގެ ލީޑާކާއެކު، ފުރަތަމަ ހާފު ނިންމާލުމަށް ފަހު އީގަލްސްއިން ދެ ވަނަ ހާފުގެ ކުރީ ކޮޅު ނިލަންދޫގެ ގޯލް ހުޅުވި އެވެ. ދެވަނަ ހާފު ފެށިގެން 9 ވަނަ މިނެޓްގައި އީގަލްސްގެ ލަނޑު ކާމިޔާބު ކުރީ ރިޒޭ އެވެ. އީގަލްސްގެ ކުޅުންތެރިން ހުރަސް ކޮށްދިން ބޯޅަ ލިބުނު އިރު ރިޒޭ ހުރީ ހުސްކޮށެވެ. އޭނާ ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު، ނިލަންދޫގެ ގޯލްގެ ތެރެއަށް ފޮނުވާލީ ބޯޅަ ހޯދަން އަރާތިބި ނިލަންދޫގެ ޑިފެންޑަރުންގެ ބޯމަތިންނެވެ. ގޯލް ބޯޅަތެރެއަށް ވަނީ ދަނޑީގައި ޖެހުމަށް ފަހު އެވެ. އޭގެ އަށް ވަރަކަށް މިނެޓް ފަހުން ރިޒޭ ވަނީ އީގަލްސްގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށް، އޭނާގެ ހެޓްރިކު ފުުރިހަމަ ކޮށްފަ އެވެ.

މި އަހަރުގެ ދިވެހި ޕްރިމިއާ ލީގްގައި ނިލަންދޫގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ އަހްމަދު އުޝާމް އެވެ. މެޗުގެ 82 ވަނަ މިނެޓްގައި އުޝާމް ކާމިޔާބު ކުރި އެ ލަނޑަކީ، ނިލަންދޫގެ ކެޕްޓަން ފަރުހާދު އިސްމާއީލް (ފަރޭ) ނެގި ހިލޭ ޖެހުން އޭރިއާ ތެރެއަށް ހުރަސްކޮށް ދިނުމުން އުޝާމުގެ ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެން ކާމިޔާބު ކުރި ލަނޑެކެވެ.

އީގަލްސްގެ ފަސް ވަނަ ލަނޑު ސެންޓޭ ކާމިޔާބު ކުރީ، މެޗުގެ 93 ވަނަ މިނެޓްގަ އެވެ.