ދިވެހި ޕްރެމިއާ ލީގް

ފޯކައިދޫން ވަރުގަދަ މާޒިޔާ ހުއްޓުވައިފި

ވަރުގަދަ ސްކޮޑަކާއެކު ދިވެހި ޕްރިމިއާ ލީގަށް ނިކުތް މާޒިޔާއިން ލަނޑެއް ޖެހިޔަ ނުދީ، ފޯކައިދޫ ފުޓްބޯޅަ ކުލަބުން މުޅި މެޗުގައި މާޒިޔާ ހިފަހައްޓައިފި އެވެ. މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

މާޒިޔާ، ކުރިން ކުޅުނު މެޗުގައި، ފ. ނިލަންދޫ ސްޕޯޓްސް ކުލަބުގެ މައްޗަށް 13-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވުމުން މާޒިޔާގެ ޓީމަށް ތަފާތު ރޫހެއް އަންނާނެ ކަމަށް ބެލުވުނު ނަމަވެސް، ފޯކައިދޫ ޓީމުގެ ކުޅުންތެރިން މެޗުގައި ކުރި މައްސައްކަތުން މާޒިޔާގެ ވާހަކައަށް ވުރެ ގަދައި ފޯކައިދޫން ދެއްކި ހިތްވަރެވެ.

މާޒިޔާއިން ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރި އެވެ. ނަމަވެސް، މެޗުގައި މޮޅު ކުޅުމެއް ދެއްކި، ފޯކައިދޫގެ ކީޕަރު ޕާކިސްތާންގެ ހާނިފް ސަޤިބް ވަނީ މުހިންމު ސޭވްތަކެއް ކޮށްފަ އެވެ.

ވަރުގަދަ ސްކޮޑަކާއެކު ނިކުތް މާޒިޔާއަށް މެޗުގެ ނަތީޖާއަކީ ވަރަށް ބޮޑަށް ހިތްދަތި ކުރުވަނިވި ނަތީޖާ އެކެވެ. އެ ޓީމުގެ ކޯޗް މަރުޔާން ސެކްލޮސްކީ ބުނީ، އެކަހަލަ ނަތީޖާއެއް ނިކުމެދާނެ ކަމަށް އޭނާ ހީ ނުކުރާ ކަަމަށެވެ. އެހެންނަމަވެސް އޭނާ ބުނީ ލީގެއްގައި ކުޅޭއިރު މެޗުގެ އެ ނަތީޖާއާ މެދު ހިތްދަތިވާން ނުޖެހޭ ކަމަށެވެ.

ދެ ވަނަ ހާފުގެ ބޮޑު ބައިގައި، މާޒިޔާގެ މުޅި ޓީމު އެކީގައި ކަހަލަ ގޮތަކަށް ކުޅުނީ، ފޯކައިދޫ ހާފުގެ ތެރޭގައެވެ. ފޯކައިދޫން ޑިފެންސްކޮށް ކައުންޓައެޓޭކުގައި މާޒިޔާގެ ގޯލަށް ނުރައްކާ ކުރާނެ ދެތިން ފުރުސަތެއް ތަނަވަސް ކުރި އެވެ. ޑިފެންސްކޮށް ކައުންޓަ ހަމަލާތަކުގައި ފޯކައިދޫ ޓީމުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި، އަލީ ޝާމިސް (ތޮއްޕެ) އެވެ. މުޅި މެޗުގައިވެސް އޭނާގެ ފަރާތުން ފެނުނީ ތަފާތު ރޫހެކެވެ.

ފޯކައިދޫގެ ކޯޗް، އަލީ ނިޝްތާރު މުހައްމަދު ބުނީ، އޭނާގެ ޓީމުން މެޗަށް ތައްޔާރުވީ، އެކަހަލަ ނަތީޖާއަކަށް އުންމިދު ކޮށްގެން ކަމަށެވެ. އޭނާ ބުނީ ފޯކައިދޫއަކީ ރާއްޖޭގެ އެންމެ މަތީ ލެވަލްގައިވެސް ވާދަ ކުރެވޭނެ ވަރުގެ ޓީމެއްކަން ސާބިތު ކޮށްދިނުމަށް މެޗަކީ މުހިންމު މެޗެއް ކަމަށެވެ.