ނައުޝާގެ ހެލްތު ކޮލަމް

އިހްސާސްތަކުން ވެސް ސިއްހަތައް އަސަރުކުރުވާ!

ހިތްހަމަ ޖެހުމާއި އުފާވެރިކަން ހާސިލް ކުރުމަކީ އެންމެންވެސް އެދޭ ކަމެކެވެ. މިކަން ހާސިލް ކުރަން އެތައް މަސައްކަތެއް ކުރެ އެވެ. އެކަމަކު ބޭނުން ނުވިޔަސް ތިމާ ހިތްހަމަ ނުޖެހޭ އެތަކެއް ކަމަކާ ކުރިމަތިލާން ޖެހެ އެވެ. ދެރަވުމާއި ހިތާމަވެރިކަން، ހާސްވުމާއި ކަންބޮޑުވުން، ހިތްހަމަ ނުޖެހުމާއި ރުޅިއައުން، މިހެން ގޮސް ހިތް ނޭދޭ އެތަކެއް އިހްސާސްތަކެއް އަހަރުމެންނާ ކޮންމެ ދުވަހަކުހެން ބައްދަލުކުރެ އެވެ. މި އިހްސާސްތަކަކީ ހަމަ ކޮންމެ މީހަކަށް ވެސް ކުރެވޭނެ އިހްސާސްތަކެކެވެ. ނަމަވެސް އެ އިހްސާސްތަކާ އެކި މީހުން އިޖާބަދޭ ގޮތް ތަފާތެވެ. އަދި އެކި މީހުންނަށް އެ އިހްސާސްތަކުން ކުރާ އަސަރު ވެސް ތަފާތެ ވާނެ ކަމީ އަހަރުމެން ދެނެގަންނަންޖެހޭ ހަގީގަތެކެވެ.

ނަފްސާނީ ސިއްހަތުގެ ވަރަށް ބޮޑު ބައެއް ކަމަށްވާ ފިކުރުތަކާއި ހިޔާލުތައް، އެކަންކަމުން ކުރެވޭ އިހްސާސްތަކާއި އެ އިހްސާސްތަކަށް އަހަރުމެން އިޖާބަ ދޭ ގޮތްތައް ވަނީ ވަރަށް ބޮޑަށް އަހަރުމެންގެ ޖިސްމާނީ ސިއްހަތާ ގުޅި ލާމެހިފަ އެވެ. މިސާލަކަށް ސްޓްރެސް ނުވަތަ ކަންކަމާމެދު މާ ބޮޑަށް ފިކުރުބޮޑު ވުމުގެ ނަތީޖާއެއްގެ ގޮތުން ޕްރެޝަރު މައްޗަށް ދިއުމަށް މެދުވެރި ވެއެވެ. ހަމަ އެފަދައިން ސްޓްރެސް ގެ ސަބަބުން އަނގައިގައި ފާރު ހެދުމަށް މެދުވެރިވާ ކަމަށް ވެސް ދިރާސާތަކުން ދައްކަ އެވެ. މިއީ ނަފްސާނީ ގޮތުން ތިމާ އެންމެ ފުރިހަމަ ސިއްހަތެއްގައި ނެތްކަން އަނަގައިދިނުމަށް ހަށިގަނޑު އަޅާ ސިގްނަލް ތަކެކޭވެސް ބުނެވިދާނެ އެވެ.

ނަފްސާނީ ގޮތުން ދުޅަ ހެޔޮކޮށް ހުރުން

ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިކަން ހާސިލް ކުރަން ކުރެވިދާނެ އެއް ކަމަކީ ތިމާއަށް ކުރެވޭ ހިތް ނޭދޭ އެކި އެކި އިހްސާސްތައް ދެނެގަތުމަށް މަސައްކަތް ކުރުމެވެ. މިސާލަކަށް ބައެއް ދުވަސް ދުވަހު އާންމުކޮށް ތިމާ ކުރާ ކަންކަން ކުރާ ހިތް ނުވެދާނެ އެވެ. ނުވަތަ މާ ބޮޑަށް މާޔޫސްވެ ދެރަވާ ކަމުގެ އިހްސާސް ކުރެވިދާނެ އެވެ. މިފަދަ ވަގުތުތަކުގައި ތިމާއަށް އަންނަ ބަދަލުތައް އަމިއްލައަށް ދެނެގަނެ އެ ފަދަ އިހްސާސްތައް މި ކުރެވެނީ ކީއްވެތޯ ހިތާ ހިތާ ސުވާލުކޮށް އަމިއްލައަށް އެކަމުގެ ސަބަބު ދެނެގަނެވޭތޯ މަސައްކަތް ކުރެވިދާނެ އެވެ.

އާންމުކޮށް މިފަދަ އިހްސާސްތައް ކުރެވެނީ މަސައްކަތުގެ މާހައުލުގައި ނުވަތަ ރަހަމަތްތެރިންނާއި އާއިލާގެ މެންބަރުންގެ ފަރާތުން މެދުވެރިވާ ކޮންމެވެސް ކަމަކާ ހުރެ އެވެ. ނަމަވެސް ވަކި ސަބަބެއް ނެތިވެސް މިފަދަ އިހްސާސްތައް ކުރެވިދާނެ އެވެ. އެފަދަ ވަގުތުތަކުގައި އެއްވެސް ހާއްސަ ސަބަބެއްނެތި މިގޮތަށް މާޔޫސްވެ ދެރަވަނީ ކީއްވެބާއޭ ހިތަށް އަރާ އިތުރަށް ހާސްވެ ކަންބޮޑުވުމުގެ ބަދަލުގައި އެ ކުރެވޭ އިހްސާސްތައް ކޮންމެވެސް ގޮތަކަށް ބޭރު ކުރުމަކީ ބުއްދިވެރި ކަމަކަށް ވާނެ އެވެ.

ކަންބޮޑުވުންތައް ހިއްސާކުރުން

އެގޮތުން އިތުބާރު ހުރި ރައްޓިއްސަކާ ނުވަތަ ރަހްމަތްތެރިޔަކާ މި ވާހަކަތައް ހިއްސާ ކުރެވިދާނެ އެވެ. މިއީ ގިނަ ބަޔަކު ވަރަށް ޖެހިލުންވާ ކަމެކެވެ. އެހެނީ ތިމާއަށް ކުރެވޭ އެކި އެކި އިހްސާސްތަކެގެ ވާހަކަ ދެއްކުމަކީ ފަސޭހަކަމަކަށް ނުވާތީވެސް މެއެވެ. އަދި ގިނަ ފަހަރު، އެހެން މީހުންނަށް ތިމާއަށް ކުރެވޭ އިހްސާސްތައް އަންޑާސްޓޭންޑް ނުވާނެކަން ވެސް އެނގޭތީ އެވެ. މިފަދަ ހާލަތްތަކުގައި ކައުސިލަރެއްގެ އެހީ ހޯދި ދާނެ އެވެ. ނުވަތަ ޑައިރީ އެއްފަދަ އެއްޗެއްގައި ކުރެވޭ އިހްސާސްތައް ލިޔުމަކީ ވެސް ބައެއް މީހުންނަށް ލުއެއް ލިބޭ ކަމެއް ކަމުގައި ވެ އެވެ. ކޮންމެހެން ފޮތެއްގައި ލިޔުމުގެ ބަދަލުގައި އަތުގައި އޮންނަ ފޯނުގެ ނޯޓްސް ހުޅުވާލާަފައި ނަމަވެސް ކުރެވޭ އިހްސާސްތަކާއި ކަންބޮޑުވުންތައް ލިޔެލުމަކީ އެ ކަންބޮޑުވުންތަކުން ދުރުވުމަށް އެހީތެރިވެދީފާނޭ ކަމެކެވެ.

ކަންބޮޑުވުންތަކާއި ފިކުރުތައް ހިއްސާ ނުކޮށް ތިމާގެ ސިނކުޑީގައި ބަހައްޓައިގެން ގިނަ ދުވަހު ހުރުމަކީ އެކަމުގެ ސަބަބުން ގިނަ ގެއްލުންތަކެއް ކޮށްފާނޭ ކަމެކެވެ. އެހެނީ ތިމާ މީހާ ބަލިވުމުގެ އިތުރުން، ތިމާ ހިތްހަމަ ނުޖެހޭ އިތުރު ކަންތައްތައް ދިމާވާ ވަރަކަށް އެ ކަންބޮޑުވުންތައް ރުޅިއަށް ބަދަލުވެ ތިމާގެ ވަށައިގެންވާ މީހުންނަށްވެސް އޭގެ ނޭދެވޭ އަސަރު ކުރުން އެކަށޭނަ އެވެ. މިއީ އަޅުގަނޑުމެންގެ މުޖުތަމައުއިން، ހާއްސަކޮށް ބުރަކޮށް މަސައްކަތްކުރާ މީހުންގެ ފަރާތުން އާންމުކޮށް ފެންނަ ކަމެކެވެ. ވީމާ އެހެން މީހަކަށް އަދި ތިމާއަށްވެސް ގެއްލުމެއް ނުލިބޭނޭ ފަދަ ގޮތަކަށް ހިތް ނުތަނަވަސް ކުރުވަނިވި އިހްސާސްތަކާއި ކަންބޮޑުވުންތައް ބޭރުކޮށް ލުމަކީ ވަރަށް މުހިންމު ކަމެވެ.

ދިރިއުޅުމާމެދު ދެކޭގޮތް ބަދަލު ކުރުން

ނޭނގިނަމަވެސް ވަރަށް ގިނަ ފަހަރު ކަންކަމުގަޔާއި މީހުންގެ ހުންނަ އުނި ކަންތައްތަކާއި ސިފަތައް ފާހަގަކޮށް އެކަންކަމުގެ ވާހަކަ ދެއްކުމަކީ އަހަރުމެންނަށް ވަރަށް ގިނައިން ކުރެވޭ ކަމެކެވެ. މިއީ ހުދު އަހަރުމެން އަމިއްލަޔަށްވެސް ތިމާއަށް ކުރެވޭ ރަގަޅު ކަންތައްތަކަށް ދޭންވާ ތައުރީފް ނުދެވި ތިމާގެ ހުރި އުނި ސިފަތަކަށް މާބޮޑަށް ސަމާލުކަން ދެވޭ އެއް ސަބަބަށް ވެދާނެ އެވެ. އެހެނީ ތިމާ އާއި އެހެން މީހުންނާ އަޅާކިޔުމަކީވެސް އަހަރުމެންގެ ތެރެއިން ބައެއް މީހުންނަށް ވަރަށް ގިނައިން ކުރެވޭ ކަމެކެވެ. މިއީ ހައްތާވެސް ކަންބޮޑުވުންތަކާއި ހިތް ނުތަނަވަސްވުން އިތުރު ކުރުމަށް މަގު ފަހިވާ ކަންކަމެވެ.

ތިމާ އަތުގައި ނެތް އެއްޗިއްސާއި ތިމާ ބޭނުންވާ ގޮތަށް މެދުވެރި ނުވި ކަންތައްތަކާ މާ ބޮޑަށް ފިކުރު ކުރުމަކީ ރަގަޅު ގޮތެއް ނޫނެވެ. މިފަދަ ހިޔާލުތަކުގައި މާ ގިނަ ވަގުތު ހޭދަކުރުމުން ސަލަމާތްކޮށްދޭނޭ އެއް ކަމަކީ ތިމާގެ ވިސްނުން މި އާ ދިމާ އިނދިކޮޅަށް ބަދަލުކޮށް ލުމެވެ. އެހެނީ ތިމާގެ އަތުގައި ހުރި އެއްޗިއްސާއި ތިމާގެ ހަޔާތުގައި ރަގަޅަށް ވަމުންދާ ކަންކަމާމެދު ވިސްނާ ފިކުރުކޮށް އެކަންކަމާ މެދު ޝުކުރު ކުރުން އިތުރު ކުރުމެވެ. މިސާލަކަށް ކޮންމެ ދުވަހަކު ނިދުމުގެ ކުރިން ނުވަތަ ހޭލުމަށް ފަހު އެންމެ ފުރަތަމަވެސް ތިމާގެ ހަޔާތުގައި ހިނގާ ތިމާ ޝުކުރުވެރިވާ ތިންކަމެއް ނޯޯޓް ކޮށްލެވިދާނެ އެވެ. މިއީ ހިތްހަމަ ޖެހުން އިތުރު ކޮށްދީ އެ ދުވަހުގެ ކަންކަމާ ޕޮސިޓިވް ވިސްނުމަކައިގެން ކުރިމަތި ލުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ގިނަ އިލްމު ވެރިން އެއްބަސްވާ ކަމެކެވެ. ހަމަ ގައިމުވެސް ވިސްނާލައިފިނަމަ ތިމާ ޝުކުރުވެރިވުން ހައްގު އެތައް ކަމެއް ހަޔާތުގައި ވާނެކަން ޔަގީނެވެ.

ހިތްހަމަ ޖައްސާލުމަށް ކޮންމެވެސް ކަމެއް ކުރުން

އެއްވެސް ފިކުރެއްގައި މުޅި ރެއާ ދުވާލު ހޭދަނުކުށް ވޭތޯ ބަލާށޭވެ. ހާއްސަކޮށް މަސައްކަތުގެ މާހައުލުގައި ދިމާވާ މައްސަލަތައް ފަދަ ކަންކަމުގައި ފިކުރު ބޮޑުވެ އެކަމުގައި މުޅި ރެއާއި ދުވާލު ހޭދަ ކުރުމަކީ ރަގަޅު ގޮތެއް ނޫނެވެ. ކޮންމެ ދުވަހަކުވެސް ތިމާ ހިތް ހަމަ ޖައްސާލުމުގެ މަގަސަދުގައި ތިމާ ކުރާ ހިތްވާ ކޮންމެވެސް ކަމެއް ކުރުމަށް ވަގުތު ކޮޅެއް ހޭދަ ކުރެވޭތޯ ބަލާށެވެ. އެއީ ވާހަކަ ފޮތެއް ކިޔާލުން، ސީރީސް އެއް ބެލުން، ޔޯގާ ހެދުން، ބޭރަށް ހިނގާލަން ނުވަތަ ދުވަން ދިއުން ފަދަ ކޮންމެވެސް ކަމަކަށް ވެދާނެ އެވެ. އެކި މީހުން ހުސް ވަގުތުގައި ހިތް ހަމަ ޖައްސާލުމަށް ކުރާނީ އެކި ކަންކަމެވެ. އެއީ ކޮންމެ ކަމެއް ވިޔަސް، ހުސް ވަގުތު ނުލިބެޔޭ ބުނެ އުޒުރު ދެއްކުމުގެ ބަދަލުގައި ކޮންމެ ދުވަހަކުވެސް ތިމާ ހިތްހަމަ ޖެހޭ ކަމެއް ކޮށްލުމަށް އެންމެ މަދުވެގެން ވިހި މިނެޓް ނަމަވެސް ހޭދަ ކުރާށެވެ. ކިތަންމެ ބިޒީ ޝެޑިއުލްއެއްގައި އުޅޭ ބޭފުޅެއް ވިޔަސް މިއީ ތިމާގެ ހިތްހަމަ ޖެހުމަށާއި ތިމާގެ ނަފްސް ދުޅަހެޔޮ ސިއްހަތެއްގައި ބެހެއްޓުމަށް ކޮންމެހެންވެސް ކުރުން ވަރަށް މުހިންމު ކަމެކެވެ.

ސިއްހަތަށް ރަގަޅު ކާނާ ގަޑިން ގަޑިއަށް ކެއުމާއި، ގަޑިން ގަޑިޔަށް ނިދުމަކީވެސް ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް މުހިންމު ކަންކަމެވެ. އަދި ހަމަ އެހެންމެ ގަވައިދުން ކަސްރަތު ކުރުމަކީ ވެސް ސްޓްރެސް އަދި ޑިޕްރެޝަން ފަދަ ނަފްސާނީ ބަލިތަކުން ދުރުހެލި ވުމަށް އެހީތެރި ވެދޭނޭ ކަމެކެވެ. ނަފްސާނީ ގޮތުން މީހާ ބަލި ވާ ހިނދު، މިފަދަ ކަންކަން ކުރާ ހިތް ނުވާނެ އެވެ. ނަމަވެސް ދިރިއުޅުމުގެ ބައެއްގެ ގޮތުގައި މިކަންކަން އަބަދުވެސް އާދަކޮށް ކުރާނަމަ ނަފްސާނީ ބަލިތަކުން ދުރުހެލި ވުމަށް އެހީތެރި ވެދޭނޭ އެވެ.

ކުރެވޭ އިހްސާސްތަކުގެ ސަބަބުން ސިއްހަތައް ކުރާ އަސަރު

ފިކުރު ބޮޑުވުން ފަދަ ނަފްސާނީ ބަލިތަކުގެ ސަބަބުން ދިފާއީ ނިޒާމް ބަލިކަށި ވުމަށްވެސް މެދުވެރި ކުރުވަ ފާނެ އެވެ. އެހެނީ އިންފެކްޝަންތައް ޖެހުމުގެ ފުރުސަތުތައް ބޮޑުވެގެން ދެއެވެ. އަދި ކުރިން ދަންނަވާލެވުނު ހެން ގަނޑިން ގަނޑިއަށް ކެއުމުންނާއި ކަސްރަރުކުރުމުން ދުރުހެލި ވާނެއެވެ. އަދި ހަމަ ނިދި ލިބުމުން މަހްރޫމް ކުރުވާނެ އެވެ. މި ނޫންވެސް ތިމާއަށް ކުރެވޭ އިހްސާސްތަކުގެ ސަބަބުން ދިމާވެދާނެ ސިއްހީ މައްސަލަތަކަށް ބަލައިލާއިރު:

  • ބުރަކަށީގައި ރިއްސުން
  • ކެއުމަށް ބަދަލުއައުން/ ކާ ހިތް ނުވުން ނުވަތަ މާ ބޮޑަށް ކާ ހިތް ވުން
  • މޭގައި ރިއްސުން
  • ބަނޑު ހަރުވުން ނުވަތަ ބަނޑު ދިޔާވުން
  • އަނގަ ހިކުން
  • މާ ބޮޑަށް ވަރުބަލިވުން
  • ގައިގައި ރިއްސާފަ ހުރުން
  • ބޮލުގައި ރިއްސުން
  • ޕްރެޝަރު މައްޗަށް ދިއުން
  • ނުނިދުން
  • ހިތް މާ ބާރަށް ތެޅޭހެން ހީވުން
  • ނޭވާލުމަށް އުނދަގޫވުން
  • ކަނދުރާ ހަރުއަރާަފައި ހުންނަހެން ހީވުން
  • ބަރުދަން ލުއިވުން ނުވަތަ މާ ބަރުވުން

ކުރިންވެސް ދަންނަވާލެވުނު ފަދައިން ބައެއް ފަހަރު މާ ބޮޑު ސަބަބެއް ނެތިވެސް މާ ބޮޑަށް މާޔޫސް ވާކަމަށް ފާހަގަ ކުރެވިދާނެ އެވެ. ނުވަތަ ކުދި ކުދި ކަންތައްތަކާ މާ ބޮޑަށް ހާސްވާކަން ފާހަގަ ކުރެވިދާނެ އެވެ. އަދި އެ އިހްސާސްތައް ނުގޮސް ގިނަ ދުވަސް ވެ، ތިމާގެ ހަޔާތައް އެއިން ނުރަގަޅު އަސަރު ތަކެއް ކުރާކަން ފާހަގަ ވެއްޖެ ނަމަ ޑޮކްޓަރަކަށް ދެއްކުން ވަރަށް މުހިންމު ވާނެ އެވެ. ތިމާއަށް ކުރެވޭ އިހްސާސްތަކާއި ކަންބޮޑުވުން ތަކުގެ ވާހަކަ ތަކަކީ ދެއްކުމަށް އެންމެ ފަސޭހަ ވާހަތަކަށް ނުވި ނަމަވެސް އެންމެ އެދެވޭ ފަރުވާ ހޯދުމަށްޓަކައި ތިމާއަށް މެދުވެރިވާ އުނދަގޫތައް ރަގަޅަަށް ޑޮކްޓަރަށް ކިޔާދިނުން ވަރަށް މުހިންމު ވާނެ އެވެ. އެހެނީ ދުޅަހެޔޮ ސިއްހަތެއް ހާސިލް ކުރެވޭނީ ނަފްސާނީ ގޮތުންވެސް ދުޅަހެ މީހަކަށް ވެގެނެވެ.