ހަބަރު

ގަވާއިދާ ހިލާފުވުމުން މިދިޔަ ހަފުތާގައި 1350 ސްޓިކާޖެހި

Jun 30, 2019
1

ގަވާއިދާ ހިލާފަށް ޕާކް ކޮށްގެން މިދިޔަ ހަފުތާގައި 1350 އުޅަނދުގައި ސްޓިކާ ޖަހާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ޓްރެފިކް ޑިޕާޓްމެންޓުން ކޮންމެ ހަފުތާއަކު އާއްމުކުރާ މާލޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ ހަފުތާގެ ތެރޭގައި ގަވާއިދާ ހިލާފަށް ޕާކް ކޮށްގެން 1350 ސްޓިކާ ޖަހާފައިވެ އެވެ. އަދި ގަވާއިދާ ހިލާފު ވެގެން 39 ސައިކަލަކާއި ހަތަރު ފުރޮޅުލީ ފަސް ވެހިކަލް ޓޯކޮށްފައިވެ އެވެ.

މާލޭގައި 54 އެކްސިޑެންޓް މިދިޔަ ހަފްތާގައި ހިނގާފައިވާއިރު، އޭގެ ތެރެއިން 20 ފަރާތަކަށް އެކިވަރުގެ އަނިޔާވެފައިވެ އެވެ. އަދި ހިނގި އެކްސިޑެންޓްތަކާ ގުޅިގެން 20 މީހެއްގެ ލައިސަންސް ހިފަހައްޓާފައިވެ އެވެ.

މިދިޔަ ހަފްތާގައި ތެރޭ 591 ސައިކަލް ހުއްޓުވައި ބަލައި ފާސް ކުރި އެވެ. މީގެ ތެރެއިން ލައިސަންސް ނެތި ސައިކަލު ދުއްވި 117 މީހަކާއި ލައިސަންސް އޮވެ، ލައިސަންސް ނުލައި ސައިކަލް ދުއްވި 85 ފަރާތަކަށް ފިޔަވަޅު އެޅި އެވެ.

މަގުމަތީގެ އާއްމު ގަވާއިދުގައި ކަނޑައެޅިފައިވާ ސްޕީޑް ލިމިޓަށް ވުރެ ބާރަށް ދުއްވައިގެން 82 ފަރާތަކަށާއި 18 އަހަރު ނުފުރެނީސް ސައިކަލް ދުއްވި ދެ ކުއްޖަކަށް ފިޔަވަޅު އެޅި އެވެ. އަދި ފޯން ހެޑްސެޓް ޖަހައިގެން ސައިކަލް ދުއްވި 24 މީހަކާއި ސައިކަލް ދުއްވަމުން ދުންފަތުގެ އިސްތިއުމާލްކުރި ދެ މީހަކަށް ފިޔަވަޅު އެޅި ކަމަށް ވެސް ފުލުހުން އާއްމު ކުރި ހިސާބުތަކުގައިވެ އެވެ.

މީގެ އިތުރުން އަހަރީ ފީ ނުދައްކާ އުޅަނދު ދުއްވި 51 މީހެއްގެ މައްސަލައާ ރޯޑް ވާދިނަސް ނަހައްދާ ދުއްވި 42 މައްސަލައަކާއި އިންޝުއަރެންސް ނެތި ދުއްވި 38 މައްސަލައެއް ވެސް ފުލުހުން އާއްމު ކުރި ހިސާބުތަކުގައިވެ އެވެ.