ކުޅިވަރު

ދަގަނޑޭއަށް ގިނަ ފުރުސަތު ލިބޭގޮތަށް ބަދަލު ގެންނާނަން

ކުރިން ކުޅުނު ދެ މެޗުގައި ވެސް، އަލީ އަޝްފާގް (ދަގަނޑޭ) އަށް ޓީމުގެ މެދުތެރެއިން ލިބެންޖެހޭ ބޯޅަތައް ވަރަށް މަދު ކަމަށާއި އަޝްފާގަށް ގިނަ ބޯޅަ ލިބޭ ގޮތަށް ޓީމަށް ބަދަލު ގެންނާނެ ކަމަށް ގުރީން ސްޓްރީޓްގެ ކޯޗް އަލީ ސުޒޭން ބުނެފި އެވެ.

ސުޒޭން ބުނީ، މެދުތެރޭގައި ޓީމުގެ ކެޕްޓަން އަސްހަދު އަލީ (އަޑޭ) ނެތުމުން ކުރިއަށް ފޯރުކޮށް ދޭން ޖެހޭ ބޯޅަތައް ވެސް މަދު ކަމަށާއި އެހެންވެ ފޯވަޑްލައިންގައި އަޝްފާގަށް ލިބޭ ބޯޅަތައް ވެސް ފެނުނީ މަދުކޮށް ކަމަށެވެ.

"މިހާރު ފޯމޭޝަނަށާއި ކުޅޭ ގޮތަށް ވެސް ބަދަލު ގެންނަން ވިސްނަން ޖެހިފައި މިއޮތީ، އެހެންވީމަ އެއަށް ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ކުރެވިއްޖެ، ޓީސީގެ މެޗަށް ދާއިރު ރަނގަޅުވާނެ ކަމަށް މި ބަލަނީ،" ސުޒޭން ވާހާކަ ދެއްކި އެވެ.

"އަޝްފާގަށް ބޯޅަ ލިބުން ވަރަށް މަދުކޮށް ފެނުނީ މިދިޔަ ދެ މެޗަށް ބަލާއިރު ވެސް އަޝްފާގަށް ލިބޭ ފުރުސަތުތައް ވަރަށް މަދުކޮށް ހަނިކޮށް ފެނުނީ، އެބައި އެއީ ރަނގަޅު ކުރަން ޖެހޭނެ ކަންކަން، ކޮންމެ ގޮތެއް ވިޔަސް ގުރީންގެ ޓާގެޓް މީހަކަށް މިހުރީ އަޝްފާގް، އޭނާއަށް ބޯޅަ ލިބޭ ކަމަށްވަންޏާ ކޮންމެ ޑިފެންޑަރެއް ހުއްޓަސް އޭނާ ނަތީޖާ ނެރޭނެ."

މިރޭ ޓީސީއާ ދެކޮޅަށް ނުކުންނައިރު، ގިނަ މެޗުތަކެއް ޓީސީ ކުޅެފައި ވުމުން ވަރުބަލިކަން އެޓީމަށް ކުރިމަތިވެފައި ވާކަން ޓީސީގެ ކޯޗް މުހައްމަދު އާތިފް ވެސް ފާހަގަ ކުރި އެވެ. ސުޒޭން ބުނީ އެކަމަށް ވިސްނައިގެން ގުރީންއިން އޭޑްވާންޓޭޖު ނަގަން މަސައްކަތް ކުރާނެ ކަމަށެވެ.

ޓީސީގެ ކޯޗް، އާތިފް ބުނީ، ޓީސީގެ ކުޅުންތެރިންނަށް ރެސްޓް ދެމުން ރިކަވާ ވުމަށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އޭނާ ބުނީ ދެ ޓީމުގައި އޮތް ސްކޮޑު ހަމަހަމަ ކަމަށާއި ދެ ޓީމުގައި ތަފާތަކަށް ހުރީ އަޝްފާގް ކަމަށެވެ.

އާތީ ވަނީ ޓީސީގެ ކީޕަރު އިމްރާން މުހައްމަދަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ. އޭނާ ބުނީ މެޗުގެ ޑިސައިޑިން ސޭވްތަކެއް އިމްރާންގެ ފަރާތުން ވޭތުވެދިޔަ މެޗުތަކުގައި ފެނިފައިވާ ކަމަށެވެ.