ވާހަކަ

އީޝަލް

(27 ޖޫން 2019 އާ ގުޅޭ)

"ޒިޔަޒެލްއަށް ދެއްކިންތަ؟" ލުގަލްބަންދާ އަހާލިއެވެ. އެއާއެކު އީޝަލް ދެފަރާތަށް ބޯހޫރާލީއެވެ. ލުގަލްބަންދާ އެދުނީ އަވަހަށް ޒިޔަޒެލްގެ ގާތަށް ދިއުމަށެވެ.

އީޝަލްއަށްވާ ގޮތެއް ލުގަލްބަންދާއަށް ވެސް ދެގެންގަންނާކަށް ނޭނގެއެވެ. އީޝަލްގެ ހަށިގަނޑުން ތަފާތު ބާރެއްގެ އިޚްސާސް އޭނާއަށް ކުރެވެނީއެވެ. އެކަމަކު އެކަން ޔަގީން ކުރާނޭ ގޮތެއް އޭނާއަކަށް ނޭނގެއެވެ. އެހެންނަމަވެސް އެކަން ޒިޔަޒެލްގެ ސަމާލުކަމަށް ގެންނަން ވެއްޖެކަން ލުގަލްބަންދާ ޤަބޫލުކުރިއެވެ.

"ކިހިނެއްވީ؟" ފެންޑާގައި ހުރި މޭޒުމަތީ ލިޔުންތަކެއް އަތުރައިގެން މަޝްވަރާގައި އިން ޒިޔަޒެލް އިސްއުފުލައި އަހާލިއެވެ. އޭނާއާއެކު އެތަނުގައި އިން މީކާޢިލްއާއި ލާމިއާގެ އިތުރުން އާރަމް ވެސް ސަމާލުކަމަށް އައެވެ.

"އީޝަލް" ވާހަކައެއް ދައްކަން ބޭނުންވެފައި ހުރިހެން ހީވެ މީކާޢިލް ގޮވާލިއެވެ.

"ޒިޔަޒެލް..." މަޑުމަޑުން އީޝަލް ބުންޏެވެ. ނިކަން އަވަހަށް ޒިޔަޒެލް އިންތަނުން ތެދުވެގެން އީޝަލްގެ ގާތަށް އަތުވެއްޖެއެވެ. އެއާއެކު އޭނާގެ އަތުގައި އީޝަލް ހިފާލައި އޭނާ ގޮވައިގެން ގޭގެ މައްޗަށް އަރަން ފެށިއެވެ. އެމީހުންގެ ފަހަތުން މީކާޢިލް އައެވެ.

"ޒިޔަޒެލް..." ކޮޓަރީގެ މެދެއްހާ ހިސާބުގައި މަޑުކޮށްލި އީޝަލް ކަންބޮޑުވުމުގެ ރާގެއްގައި ގޮވާލިއެވެ. އަދި އޭނާގެ ވައަތްފަރާތުގައި މަޑުކޮށްލައިގެން ހުރި ލުގަލްބަންދާއަށް ބަލާލިއެވެ.

"ކޮއިފުޅަށްވީގޮތެއް ބުނެބަލަ" ހާސްކަން ލިބެމުންދިޔަ ޒިޔަޒެލް ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ.

މީކާޢިލްއާއި ޒިޔަޒެލްއަށް ފުރަގަސްދީ އީޝަލްގެ ދެވަރަ ފަތުރާލިއެވެ. އަދި އޭނާއަށް ފާޑެއްގެ އުނދަގޫތަކެއް ކުރެވޭކަން އީޝަލް ބުންޏެވެ. ބައެއް ފަހަރަށް ވައަތްފަރާތަށް ބަރުވެ ހަށިގަނޑުގެ ހަމަ ގެއްލޭ ފަހަރު އަންނަކަމުގައި އީޝަލް ބުންޏެވެ. ކަންބޮޑުވެފައި ހުރި މީކާޢިލް އައިސް އީޝަލްގެ ގާތުގައި ހުއްޓި އޭނާގެ ބޮލުގައި ފިރުމާލައި ގާތްކޮށްލިއެވެ.

"ޒިޔަޒެލް..." އާދޭހުގެ ގޮތަކަށް މީކާޢިލް ގޮވާލިއެވެ. އޭނާގެ ދަރިފުޅަށް އެވާ ގޮތްތަކުން އޭނާއަށް ލުޔެއް ހޯދައިދޭށޭ ބުނާ ފަދައެވެ.

ޒިޔަޒެލް ހުރީ އަޖައިބުވެ އަންތަރީސް ވެފައިވާ މީހަކު ފަދައިން ހުއްޓުން އަރާފައެވެ. އޭނާގެ ނަޒަރު އީޝަލްގެ ވައަތު ފިޔަފަތްގަނޑުން ކަސިޔާރުނުވެއެވެ. އޭނާ މީކާޢިލްއަށް ގޮވާލައި އޭނާއަށް މިފެންނަ މަންޒަރު ފެނޭތޯ ސުވާލުކޮށްލިއެވެ. މީކާޢިލް ވެސް ކުރީ ސުވާލެކެވެ. އީޝަލްގެ ވަރައިން ފާޅުވާން ހުރީ ކޮންއެއްޗެއްތޯއެވެ. ކޮޓަރީގައި ހުރި ގޮނޑިއެއްގައި އީޝަލް ބައިންދާފައި ޒިޔަޒެލް އޭނާގެ ސާމާނުތައް ބަލާ ދިޔައެވެ. އޭނާގެ ފަހަތުން ލިގަލްބަންދާ ހަލުވިކޮށް އެކޮޓަރިން ނުކުތެވެ.

"ޒިޔަޒެލް" ލުގަލްބަންދާ ގޮވާލިއެވެ. ބޭސް ހަރު ހާވަމުން ޒިޔަޒެލް ހޫން ލައްވާލިއެވެ.

"އީޝަލްގެ ފުށުން އިތުރު ބާރެއްގެ އަސަރު ކަލެއަށް ފާހަގައެއްނުވޭތަ؟... އަހަރެންގެ ބާރު ނުފޯރާނޭ ފަދަ ރައްކާތެރި ފަށަލައެއްގެ ތެރޭގައި އޭނާ ވާފަދަ، އެ ވަރައިގައި އަހަރެންނަށް އަތެއް ނުލެވޭ، އޭނާ ހޭއެރި ފަހުން އެހެން މީހެއްފަދަ، ވީ އެއްވެސް ކަމެއް ހަނދާންނެތުމަކީ ވެސް މައްސަލައެއްނު، މި ހުރިހާ ވާހަކައެއް އީޝަލް ގާތު ބުނާކަށް އަހަރެން ބޭނުމެއްނޫން، އީޝަލްއަށް ވެސް އޭނާއަށް އެވާގޮތެއް ބުނެދޭކަށް ނޭނގޭ" ލުގަލްބަންދާ ކިޔާދިނެވެ. އޭނާއާއި އީޝަލްއާ ދެމެދަށް އިތުރު ބާރެއްވަނުމަކީ އޭނާ ކަންބޮޑުވާންޖެހޭ ކަމެއްކަމުގައި ދުށްޓެވެ.

"އަހަރެންގެ މުޅި އުމުރުގައި ވެސް އަހަރެމެންގެ ތެރެއިން ވަރަ ބުރިވެފައިވަނިކޮށް އެ ވަރަށް އިހު ހުރިހެން އިޔާދަވީތަނެއް ނުދެކެން، އީޝަލްއަކީ އިންސިއަކު އުފަންކުރި ކުއްޖެއް، އޭނާ އުފަންވީ ވެސް އަހަރެމެންގެ ތެރެއިން ކުއްޖަކު އުފަންވާ ގޮތަކަށްނޫން، އެކަމަކު މިހާރު އޭނާގެ ހަށިގަނޑުން ހޫނު އަރާކަން އަހަރެންނަށް ވެސް އިހްސާސް ކުރެވުނު، އޭނާގެ ގާތުގައި މަޑުކޮށްލައިފިނަމަ ހޫނު އާވީގެ އަސަރު ގާތުގައި ހުންނަ މީހާއަށް ވެސް ކުރެވޭވަރަށް ހޫނު އެބައަރާ، އެހެންވަނީ... ސުބުހާނައްﷲ!... އެހެންވެތަ؟... ސުބުޙާނައްﷲ..." ކުރަންހުރި ކަންތައް ހުއްޓާލުމާއެކު ޒިޔަޒެލް އެނބުރިލިއެވެ. އޭނާގެ ދައްކަމުންދިޔަ ވާހަކަތަކުގެ ތެރެއިން ޚުދު އޭނާއަށް ކަމެއް ފަހުމްވީއެވެ. ހައިރާންވެ ހުރެ އޭނާ ދެފަރާތަށް ބޯހޫރާލިއެވެ. އަތުގައި ހުރި ކުދި ފުޅިތަކަށް ބަލާލާފައި އެ ނެގި ހަރުގަނޑުގެ ތެރެއަށް އަލުން ލައިފިއެވެ. އޭނާ ހަލުވިކޮށް ބޭރަށް ނުކުތެވެ. ލުގަލްބަންދާ ނުކުންނަންވީއިރު ޒިޔަޒެލް ޣައިބުވެއްޖެއެވެ.

"ލާމިއާ... ލާމިއާ..." ފެންޑާއަށް އައިއިރު އެތަނުގައި ލާމިއާ ނެތުމުން ޒިޔަޒެލް ތަންކޮޅެއް ބާރަށް އަވަސް އަވަހަށް ގޮވާލިއެވެ. އެހިނދު ހާތޯރާއެކު ބޭރުދޮރުން ލާމިއާ ވަންތަން ފެނިއްޖެއެވެ.

"އާރަމްކޮބާ؟" ޒިޔަޒެލް ވަގުތުން ސުވާލު ކުރިއެވެ.

"ކިހިނެއްވީ؟ އީޝަލްއަށް ކަމެއްވީތަ؟" ޒިޔަޒެލް ކަމަކާ ހާސްވެފައި ހުރިހެން ހީވެ އޭނާ ކުރި ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ލާމިއާއަށް އަހާލެވުނެވެ.

ލާމިއާގެ ސުވާލަށް ޖަވާބު ދިނުން މުހިންމު ކަމުގައި ޒިޔަޒެލް ނުދެކުނެވެ. އޭނާ އެންގީ މިހާރު މިވަގުތު އާރަމްއާއެކު އަލް އަޤާބާއަށް ދިއުމަށެވެ. އެތަނުން ޤުރައިސާގެ ދޮށީ އަންހެން ދަރިފުޅު، ރިބްތާ ގޮވައިގެން އައުމަށެވެ. އަދި ޒިޔަޒެލް ދޭ އެއްޗެއް ޤުރައިސާއަށް އެރުވުމުން އޭނާ ޤަބޫލުކުރާނޭކަމެވެ. ދަތުރުގައި އެއްވެސް ތާކު މަޑުނުކޮށް ސީދާ އަޤަބާއަށް ދިއުމަށް ޒިޔަޒެލް ޝަރުތުކުރިއެވެ. އާރާމްއާ ދެ މީހުން ތައްޔާރުވެ ތިބުމަށް ބުނެފައި ޒިޔަޒެލް އަލުން އެތެރެއަށް ވަދެގެން ހިނގައްޖެއެވެ. ދެން އެނބުރި އައިއިރު އަތުގައި ފޮތިކޮޅެއްގެ ތެރެއަށްލައި ދެކޮޅުން ބަނދެފައި އޮތް އެއްޗެއް ވިއެވެ. އޭރު ލާމިއާއެކު އާރަމް ވެސް ހުއްޓެވެ.

"ގުރައިސާގެ ގާތަށް އަހަރެމެން ތިފޮނުވަނީ ބޮޑުކަމެއްވީތަ؟... އޭނާ އަގަކާނުލާ ކަމެއްނުކޮށްދޭނެ، ބަދަލުގައި ކަލޭގެ އަތުން އޭނާ އެދޭނީ ކިހާވަރެއްގެ ކަމެއްކަން ނޭނގޭ... ޒިޔަޒެލް... ވީގޮތެއް ބުނެބަލަ" އާރަމް ބުންޏެވެ.

"މިވަގުތު އެވާހަކަދެއްކުން ރަނގަޅެއްނޫން، އަން! މި ޤުރައިސާގެ އަތަށް އަރުވާ، މި ފެނުން އިތުރު ސުވާލެއް އޭނާ ނުކުރާނެ، ވީހާ ވެސް އަވަހަކަށް އަހަރެންނާ ހަމައަށް ރިބްތާ ގެނެސްދީ" ޒިޔަޒެލް ބުންޏެވެ. އާރަމް އިތުރު ވާހަކައެއް ނުދެއްކިއެވެ. ޒިޔަޒެލް ދިއްކޮށްލި އެތީގައި ހިފުމުން އެއީ ކަޓާރީއެއްކަން އާރަމްއަށް ޔަގީންވިއެވެ. އެ ގެނެސް އޭނާގެ ލިބާހުގެ އެތެރެ ފަރާތުން ކަމަރާ ދިމާއަށް ކޮއްޕާލިއެވެ. އަދި ލާމިއާއަށް އައުމަށް އިޝާރާތްކޮށްލުމާއެކު އެމީހުންނަށް އެންގި ކަންތައް ކުރުމަށް އަވަސްވެގަތެވެ.

ޒިޔަޒެލް ހަލުވިކޮށް އައިސް އީޝަލްގެ ކޮޓަރިއަށް ވަނެވެ. މީކާޢިލްއަށް ގޮވާލައި ކޮޓަރިން ބޭރަށް ނުކުމެލުމަށް އެދުނެވެ. ދެ މީހުން އައިސް އީޝަލްގެ ކޮޓަރީގެ ބޭރުގައި މަޑުކޮށްލިއެވެ. ވީގޮތެއް އޮޅުން ފިލުވުމަށް ފުރަތަމަ ވެސް ސުވާލުކުރީ މީކާޢިލްއެވެ.
"އަހަރެން އަގަބާއަށް އާރަމްއާއި ލާމިއާ ފޮނުވައިފިން" ޒިޔަޒެލް ބުންޏެވެ. އެވަރުން ޒިޔަޒެލް ބުނަން އުޅުނު އެއްޗެއް މީކާޢިލްއަށް ނަގައިގަނެވުނެވެ.

"އީޝަލް ބަލިވެއިނީތަ؟" ސިއްރެއް ފަދައިން މީކާޢިލްއަށް ބުނެލެވުނީ ހައިރާންވެ ހުރެއެވެ.

"އޭނާގެ ހަށިގަނޑު އެ އަރާ ހޫނު ކަލެއަށް އިޙްސާސެއްނުވޭތަ؟ އެ ހަށިގަނޑަށް ބަދަލު އަންނަނީ އެހެންވެހެން ހީވަނީ، އެކަމަކު އަހަރެންނާއި އައިޒަންއަށް ވެސް އެކަން ފާހަގައެއްނުވި، ލުގަލް ބުނީ އިތުރު ބާރެއް އީޝަލްގެ ހަށިގަނޑަށް ވަދެއްޖޭ، ހަމަހުރެފައި އިތުރު ބާރެއް އީޝަލްގެ މައްޗަށް ފޯރާފާނޭ ހީވޭތަ؟... އެ ދަރިފުޅު ބޮޑުވެއްޖެ މީކާޢިލް، ރިބްތާއަށް އަހަރެން އިތުބާރުކުރަން، އަހަރެން ދުށް އެންމެ ކުޅަދާނަ ފޫޅުމައި އެއީ... އޭނާ ބަލާނޭ ފަދައިން އަހަރެންނަށް އީޝަލްގެ ހަށިގަނޑު ނުބެލޭނެ، އަންހެނަކަށްނޫނީ މިކަން ނުވާނެ" ޒިޔަޒެލް ބުންޏެވެ.

"އަހަރެން ކިހިނެއް ހަދާނީ؟... މަންމަ ގާތު ބުނަންތަ އަންނާށޭ" އުފާވުމަށްވުރެ މީކާޢިލްގެ މޫނުން ފާޅުވީ ހިތްދަތިކަމާއި ހާސްކަމެވެ.

"ރިބްތާ ގެނެސް ރަނގަޅަށް ބެލުމަށްފަހު... އީޝަލް ގާތު މިއިން އެއްވެސްކަމެއް އަދި ބުނާކަށްނުވޭ" މީކާޢިލްގެ ކޮނޑުގައި ކާނާއަތް ޒިޔަޒެލް ބާއްވާލިއެވެ. ދެފަރާތަށް ބޯހޫރުވާލަމުން މީކާޢިލް ޗުސް ކަނޑާލިއެވެ.

"މައެއްގެ ލޯތްބަށް އޭނާ ބޭނުންވެފައިވަނިކޮށް މަންމައަކަށް އެވަނީ، މީ ފިރިމީހާ ގާތުގައި ހުންނަން ޖެހޭނެ ވަގުތެއް، އެ ދަރިފުޅު މިހާ ޅައުމުރުގައި އިމްތިހާނު ކުރެވޭތަން ބަލަން އަހަރެން ކެތްކުރާނީ ކިހިނެއް؟... މީ އަހަރެންގެ ބަދުނަސީބުކަން، މި ދަރިފުޅު އަތުންބީވެއްޖެނަމަ އެކަނިވެރިކަމުގެ އަނދިރިކަމަށް އަހަރެންގެ ނަފްސު ޣަރަޤުވާނޭކަން ޔަގީން" ނާއުންމީދުން ފުރިގެންވީ ފިނިނޭވާއެއް މީކާޢިލް ލަމުން އިސްޖަހާލިއެވެ. އޭނާގެ ކޮނޑުގައިވީ ޒިޔަޒެލްގެ އަތުން ހިތްވަރުކުރާށޭ ބުނާ ފަދައިން މަޑުމަޑުން ޖަހާލިއެވެ. އެމީހުންގެ ވާހަކަ ދުރުގައި އޮތް ލުގަލްބަންދާ އަޑުއެއްސެވެ. ޒިޔަޒެލް އެއްޗެއް ނުބުނެ ކުއްލިއަކަށް އުޅެންފެށި ގޮތަކުން ލުގަލަބަންދާ ހުރީ ވީނުވީއެއް އެނގެން ބޭނުންވެފައެވެ. އޭނާ ޒިޔަޒެލްއަށް ފާރަލީ އެހެންވެއެވެ.

* * * * *

އިރު އޮއްސެން އައިއިރު ދުނިޔެ މައްޗަށް ހިޔާ އެޅިފައި ވެއެވެ. ރަށުތެރޭގައި ޖިންނީން ހަރަކާތްތެރިވަމުންދިޔައިރު އެ ރަށުގައި މީގެ ދުވަސްކޮޅެއް ކުރީން ދުޝްމަނުންނާ ކުރިމަތިލުމެއް ހިނގައިވާކަން ހަނދާންނެތް ކަހަލައެވެ. އިޝާގެ ފަހުން އެބައިމީހުން އެއްވެ އުޅޭ އުސޫލުން ތަންތަންކޮޅުގައި އަލިފާންގަނޑު ޖެހުމަށް ދަރުއެއްކުރާތީ ފެނެއެވެ. އާރަމްމެންގެ އިންތިޒާރުގައި ފެންޑާގައި ޒިޔަޒެލްއާއި މީކާޢިލް އިނެވެ. ބެރެބެދިގަހުގެ ބިއްދޮށުގައި ސޭމެސްއާއެކު ހަތޯރާއި ދާރިއުސް އިނެވެ. ޔާފިއާއެކު ރާވިންވީ ތުނޑިއަށް ފައިބައެވެ. ލުގަލްބަންދާ ހުރީ އީޝަލްއާއެކު މަތީގައި ހުންނަ އިރުމަތީ ފެންޑާގައެވެ.

"ކޮންމެވެސް ކަމެއްވާން އުޅޭހެން ހިޔެއްނުވޭތަ؟" ދުރަށް ނަޒަރު ހުއްޓާލައިގެން ހުރެ އީޝަލް އެހީ ލުގަލްބަންދާ ގާތުއެވެ.

"މިފަހަކަށް އައިސް ކޮންމެ ދުވަހަކީ އެފަދަ ދުވަހެއް" ލުގަލްބަންދާ ބުނެލިއެވެ.

"ރައުލް އަންނާނެނަމަ، އަހަރެންގެ މި ވަރަ ރަނގަޅުވެއްޖެނަމަ އޭނާގެ ގާތަށް ދާނަން، ކާފަ ގާތު ދަންނަވާނަން ބާރުގަދަ ލަޝްކަރެއް އަހަރެންނަށް ދިނުމަށް، ލުގަލް، މާގިނަ ދުވަސްވެއްޖެ... ރައުލް އެމީހުންގެ ހައްޔަރުގައި މާގިނަ ދުވަސްވެއްޖެ، އަހަރެންގެ ވަރަ ރަނގަޅުވުމަށް އެދެވެނީ އެހެންވެ، މިހާރު ބޭނުންވާކަމަކީ އެއީ، އަހަރެންގެ ގާތުގައި ރައުލް ހުރުން... އޭނާ ސަލާމަތްކުރަން ދިއުން އެންމެ އެކަށީގެންވަނީ އަހަރެންނޫންތަ؟ އަހަރެންމީ އޭނާގެ އަނބިމީހާއެއްނު، މިހާ ބަލިކަށި ވެދާނޭ ހިޔެއްނުކުރަން... އަހަރެން ބާރު ބޭނުން... އެއްވެސް ކަމަކަށްވުރެ ބާރު މުހިންމު" އީޝަލް ތުންނުތަޅުވައި ވާހަކަދެއްކި ދެވަނަ ފަހަރެވެ. ލުގަލްބަންދާ ބަލަން އިނީ އަޖައިބުވެފައެވެ.

"އީޝަލް ސިއްރުން ވާހަކަދައްކަން ފެށީ ކޮންއިރަކު؟" ލުގަލްބަންދާ ސުވާލުކުރިއެވެ. ނަމަވެސް ހައިރާންވެފައި ބަލަން ހުރި އީޝަލްއަށް އޭނާ އެ ބުނި އެއްޗެއް ދޭހައެއްނުވާކަން އެ މޫނުގައިވި އަސަރު ހެކިވެއެވެ.

"އީޝަލްއަށް ނޭނގުނަސް، ބާރަކީ އީޝަލްއާ ދުރު އެއްޗެއްނޫން، ނިކަން އެ ބާރަށް ގޮވާލަބަލަ، އިޖާބުދޭނެކަން ޔަގީން، އަހަރެންނަށް ގޮވާލި ފަދައިން ނިކަން ގޮވާލަބަލަ... އަމިއްލަ ބާރަކީ ކޮބައިކަން ނޭނގޭތީ ބަލިކަށިކަމުގެ ޝަކުވާ ތިކުރަނީ، އީޝަލްއަށް ހީވޭތަ ކޮންމެކޮންމެ ޖިންނިއަކަށް އަހަރެން ކިޔަމަންކުރެވިދާނެހެން، އަހަރެންގެ ބައްޕަ ބުނޭ... ދުނިޔޭގެ ކޮންމެތަނަކުން ވިޔަސް ކަލެއަށް ގޮވާލެވޭ ހިނދު އެކަން އެނގޭނެއޭ، އެ އަޑަށް އިޖާބަދިނުން ނޫންގޮތެއް ނޯންނާނޭ، އެއީ އަހަރެންގެ ސާހިބުކަމުގައި، އޭނާއާ ބައްދަލުވާ ހިނދުން ފެށިގެން އަމިއްލަ ފުރާނަ ވެސް އަމިއްލަ އެއްޗަކަށްނުވާނޭ ކަމުގައި، އަމިއްލަ ނަފްސާމެދު ތިހާ ނިކަމެތިކޮށް ހީނުކުރޭ އީޝަލް" ލުގަލްބަންދާ ކަމެއް ހަނދާންކުރަމުން ބުންޏެވެ.

"ތި ދައްކާ ވާހަކައެއް އަހަރެންނަކަށް އެއްގޮތަކަށް ވެސް ނޭނގޭ، އަހަރެންނާ ލުގަލް ދިމާވީ އެ ހިސާބަށް އަހަރެންނަށް ދެވުނީތީ" އިރުކޮޅަކު ވިސްނަން ހުރެފައި އީޝަލް ބުނެލިއެވެ. އޭނާއަށް އޮރުން އަޅާނޭތީ އިތުރު ވާހަކަތަކެއް ލުގަލްބަންދާ ނުދެއްކިއެވެ. އޭނާ މިހާ ދުވަހު ކެތްތެރިވެ އެ ހުންނަނީ އީޝަލްގެ އަމިއްލަ ބާރު ޚުދު އޭނާ އަމިއްލައަށް ދެނެގަންނާނޭ ވަގުތަކަށެވެ. އެ ދުވަހަކުން ލުގަލްބަންދާގެ މަޤާމަކީ ކޮބައިކަން އީޝަލްއަށް އެނގޭނެއެވެ. އަދި އެ ދެމީހުން ދުރުވުމެއްނުވާކަން އެނގޭނެއެވެ. އެތައް ޒަމާނެއްކުރީން ވެސް ތަޤުދީރުގެ ގަލަމުން ލިޔަމުން އައީ އެފަދައިންނެވެ.

އުޑުމަތިން ވިދުވަރެއް ފާޅުވެލިއެވެ. އެއާއެކު އީޝަލް ގޮވާލީ ލުގަލްބަންދާއަށެވެ. ބަޔަކު އަންނަން ހަމަޖެހިފައި އޮތީތޯ އީޝަލް ސުވާލުކޮށްލިއެވެ. އައިޒަންއާއި ޖޫދާ އައީކަމަށް ވެދާނޭ ލުގަލްބަންދާ ބުނެލީ ގަސްދުގައެވެ. ނަމަވެސް އީޝަލްއަށް އޮޅުވައެއްނުލެވުނެވެ.

"ދުރުން މީހަކު އަތުވެއްޖެ، ކާފައާއި ޖޫދާއެއް ނޫން" އީޝަލް ބުންޏެވެ.

"ޒިޔަޒެލްގެ މަޝްވަރާގައި ބައިވެރިވުމަށް އައި ބައެއްކަންނޭނގެ، އަހަރެމެން އެތަނަށް ދިއުން ރަނގަޅެއްނުވާނެ" އީޝަލް ހުއްޓުވުމުގެ ގަސްދުގައި ލުގަލްބަންދާ ބުންޏެވެ. އޭރު އޭނާގެ ކަންފަތްވަނީ ޒިޔަޒެލްމެންގެ ވާހަކަ އެހުމަށް ހުޅުވާލެވިފައެވެ.

ބުރުގާ ރަނގަޅުކޮށްލުމާއެކު ރިބްތާ ކުރުނީސްކުރިއެވެ. ސަލާމް ބަދަލުކުރުމަށްފަހު ރިބްތާއާ ޒިޔަޒެލް ވާހަކަދެއްކީ ގޭގައި ހުރި ކޮޓަރިއެއްގައި ތިބެއެވެ. އެ މީހުންގެ އަޑު ރާވިންމެންނަކަށް ނީވެއެވެ. ނަމަވެސް ލުގަލްބަންދާގެ ކަންފަތަށް ސިއްރެއްނުކުރެވުނެވެ. ވެގެން އުޅޭ ގޮތް ރިބްތާއަށް ޒިޔަޒެލް އޮޅުން ފިލުވައިދިނެވެ. ބަލިވެއިންކަމުގެ ބައެއް ނިޝާންތައް ފާޅުވީ ނަމަވެސް ބަނޑުގައި ދަރިއަކު އޮތްކަން ޔަގީންނުކުރެވެނީކަމުގަ ޒިޔަޒެލް ބުންޏެވެ. ރިބްތާ ގެނެވުނީ އެހެންވެކަމެވެ. އަދި އީޝަލްގެ ވަރައަށް ވީގޮތް ވެސް އޭނާ ކިޔައިދިނެވެ.

ރިބްތާ ގޮވައިގެން އީޝަލްގެ ގާތަށް ޒިޔަޒެލް އައެވެ. އިރުމަތީ ފެންޑާގައި ހުރި އީޝަލް ފެނުމުން އޭނާއަށް ގޮވާލީ މީކާޢިލްއެވެ. ދަރިފުޅު ގާތްކޮށްލައިގެން އައިސް ރިބްތާއާއި ޒިޔަޒެލް ކުރިމަތީ މަޑުކޮށްލިއެވެ. ރިބްތާއަކީ ޒިޔަޒެލް އިތުބާރުކުރާ ޖިންނިއެއްކަމާއި އޭނާ އައީ ކޮންތާކުންކަން ޒިޔަޒެލް ހާމަކުރިއެވެ. އީޝަލްގެ ހަށިގަނޑަށް އަންނަމުންދާ ބަދަލުތައް އޭނާ އެކިގޮތްގޮތަށް ބަލާނޭކަމާއި އެކަން ކުރެވޭނީ ހަމައެކަނި އަންހެނަކަށްކަން ޒިޔަޒެލް ބުނެދިނެވެ. އޭނާގެ ވާހަކަތަކަށް އީޝަލް މަޑުމަޑުން ބޯޖެހިއެވެ.

"ކިހިނެއްކަން މިވަނީ އެނގޭތަ؟" އީޝަލް ސުވާލުކޮށްލިއެވެ. ހައިރާންވެފައި ހުރި ރިބްތާއަށް ރޭކާލީ ކަންފަތްދޮށުގައި ޒިޔަޒެލް ގޮވާލުމުންނެވެ.

"އެތެރެއަށް ވަންނަންވީނު" ރިބްތާ ބުންޏެވެ. އީޝަލްގެ ކޮޓަރި މީކާޢިލް ދައްކާލިއެވެ. އަދި ދަރިފުޅާއެކު އައިސް ކޮޓަރިއަށް ވަނެވެ.

އެނދުގައި އީޝަލް ބޭންދީ ވެސް މީކާޢިލްއެވެ. އޭނާއާ ދުރަށް ދާންފެށުމުން މީކާޢިލްގެ އަތުގެ އިނގިލިތަކުގައި އީޝަލް ހިފާލިއެވެ. މަޑުކުރާށޭ އެދޭ ފަދައިންނެވެ.

"ރިބްތާ ބަލާގަނޑީ ބައްޕައާއި ޒިޔަޒެލްއަށް މިތާކު ނުހުރެވޭނެއެއްނު، އެކަމަކު ދުރަކަށްނުދާނަން، ދޮރުކައިރީ މިތިބީ" އީޝަލްގެ ކޯތާފަތުގައި ފިރުމާލަމުން މީކާޢިލް ބުންޏެވެ. ނަމަވެސް އީޝަލް ހީވަނީ ހިތްބިރުގެންފައި އިންހެނެވެ. ވަގުތުކޮޅެއްވަންދެން މީކާޢިލްގެ އަތުގައި ހިފާލައިގެން އިނުމަށްފަހު އީޝަލް ދޫކޮށްލިއެވެ. މީކާޢިލްއާ ނަޒަރު ސީދާކޮށްލައި ބޯޖަހާލިއެވެ.

ޒިޔަޒެލްއާއި މީކާޢިލްގެ އިތުރުން ލުގަލްބަންދާ އެ ކޮޓަރިން ބޭރަށް ނުކުތެވެ. ދޮރުފަތް ލައްޕާލާފައި ރިބްތާ އެނބުރިލީ އެނދުގައި އިން އީޝަލްއާ ދިމާއަށެވެ. ލުއި ހިނިތުންވުމެއް ބަދަލުކޮށްލައި ބިރުނުގަތުމަށް އީޝަލް ގާތު ރިބްތާ ބުންޏެވެ. އަދި އެނދުގައި އޮށޯވެލުމަށް އޭނާ ބުންޏެވެ. އުނދަގޫވެފައި އިން އީޝަލް ވަނީ ވަރަށް ބޮޑަށް ހިތްއަވަސްވެފައެވެ. ތަންމަތީގައި އުއްޑުން އޮށޯނަން އުޅުނު ހިނދު އޭނާގެ ވަރަ ދެފަރާތަށް ފެތުރުނެވެ. ރިބްތާ ސިއްސައިގެން ގޮސް ފަހަތަށް ފިޔަވަޅު އަޅާލެވުނެވެ. އިރުކޮޅަކު ދުރުގައި ބަލަން ހުރީ އީޝަލް އެނދުގައި ހަމަޖެހެންދެނެވެ.

"އަހަރެން އީޝަލްގެ ގައިގާ އަތްލަން އިނގޭ މިއުޅެނީ" ރިބްތާގެ ހެދުމުގެ ދިގު ދެއަތް މައްޗަށް އަރުވާލިއެވެ. އަދި މަޑުމަޑުން އައިސް އީޝަލްގެ މޭގައި އަތްތިލަ ޖައްސާލިއެވެ.

"ބިރުނުގަނޭ... އަހަރެންނަކީ އަންހެނުން ޚާއްޞަމީހެއް، ހަމަޖެހިލާ... އީޝަލްގެ ޢާއިލާމީހުން ދޮރުކައިރީ އެތިބީ" ރިބަތް ބުންޏެވެ. އީޝަލް މިފަހަރު ވެސް ބޯޖަހާލިއެވެ. ރިބަތްގެ ދެ އަތް އީޝަލްގެ ބަނޑުގައި ޖެއްސިއެވެ. އޭނާގެ ބުރުގާގެ ތެރެއިން ކަންފަތް ނެރިލުމާއެކު އެ ކަންފަތް ފުޅާވެ ބޮޑުވިއެވެ. އީޝަލްގެ ބަނޑުގައި އޭނާ ކަންފަތް ޖެހިއެވެ. އޭނާ ތެދުވެ ހައިރާންކަމާއެކު އީޝަލްއަށް ބަލާލިއެވެ. ރިބަތްގެ ކަންފަތް ކުޑަވުމުން ބުރުގާ ރަނގަޅު ކޮށްލައި އޭނާ އީޝަލްގެ ފައިކޮޅަށް ޖެހިލިއެވެ.

"ކީއްތިކުރަނީ؟" އީޝަލްގެ ހެދުން މައްޗަށް އަރުވަން ފެށުމުން އޭނާ ކަންބޮޑުވުމާއެކު ބުންޏެވެ.

"މިހެން ވެސް އަހަރެން ބަލަން ބޭނުން، ތަދެއްނުވާނެ، ބިރުނުގަނޭ... މިހެންވެ އަހަރެން ގެނެވުނީ، އީޝަލް އިންގޮތެއް އެނގެން ޒިޔަޒެލް ބޭނުންވޭ" ރިބަތް ބުންޏެވެ. ނަމަވެސް އޭނާއަށް އީޝަލްގެ ގަޔަކު އަތެއްނުލެވުނެވެ. ބާރުހަޅޭކެއް ލަވައިގަނެ އޭނާ އެނދުން ފުންމާލައި އީޝަލްއާ ދުރަށް ޖެހުނެވެ.

(ނުނިމޭ)