ހަބަރު

އައިހެވަން ޕްރޮޖެކްޓް އޮތީ ފީޒިބަލް ކޮށެއް ނޫން: ފައްޔާޒު

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިއުލާން ކުރި އުތުރުގެ އައިހެވަން ޕްރޮޖެކްޓްގެ މަޝްރޫއުތައް މިހާރު އޮތީ އެންމެ އެކަށީގެންވާ ގޮތަކަށް ނޫން ކަމަށައި އެ މަޝްރޫއުގައި ބަދަލު ކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.

އައިހެވަން މަޝްރޫއަކީ އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރަކާއެކު، ބަނދަރުގެ ވިޔަފާރިއަށް ބޭނުންވާ އިތުރު ދާއިރާތަކާއި، އެ ތަނުގައި މުދާ އުފެއްދުމާއި ބަންދު ކުރުމާއި ގުދަން ކުރުމުގެ އިތުރުން ބައިނަލްއަގްވާމީ ފެސިލިޓީއަކާއި އެއާޕޯޓަކާއި އެސްޓޭޓްގެ ބައިތައް ހިމެނޭ ގޮތަށް ރައީސް ޔާމީންގެ ސަރުކާރުން އިއުލާން ކުރި މަޝްރޫއެެކެވެ. އެ މަޝްރޫއުގެ ފީޒިބިލިޓީ ސްޓަޑީ ނިމިފައިވާ ކަމަށް އެއިރުގެ ސަރުކާރުން ބުނި ނަމަވެސް ސަރުކާރުގެ ދައުރު ނިމުނުއިރު މަޝްރޫއުގެ އަމަލީ މަސައްކަތެއް ނުފެށެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ އައިހެވަން މަޝްރޫއަށް ކޮންމެ ވެސް ވަރެއްގެ މަސައްކަތެއް ކުރެވި ހަރަދުތަކެއް ކުރެވިފައި އެބަ ހުރި ކަމަށެވެ. ނަމަވެސް މަޝްރޫއުގެ ދިރާސާ ކަރުދާސްތަކުގައި މަޝްރޫއު އޮތް ގޮތަށް ބަލާނަމަ އެއީ ފީޒިބަލް މަޝްރޫއެއް ނޫން ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

"އައިހެވަން ޕްރޮޖެކްޓްގެ ތެރެއިން ކޮންމެ ވެސް ވަރަކަށް މަސައްކަތްކޮށްގެން ކޮންމެ ވެސް ވަރަކަށް ހަރަދުތަކެއް ހިނގާފައި ވަނީ. އެހެން ނަމަވެސް މިހާރު އަޅުގަނޑުމެންނަށް ފެންނަން އޮތް ޑޮކިއުމަންޓްތަކުގެ ތެރެއިން މިހާރު އޮތް ގޮތުން އެއީ ފީޒިބަލް ޕްރޮޖެކްޓަކަށް ނުވޭ." ފައްޔާޒު ވިދާޅުވި އެވެ.

އެހެން ނަމަވެސް މަޝްރޫއުގެ ހުރިހާ މަސައްކަތެއް ހުއްޓާލަން މި ސަރުކާރުން ނުނިންމާ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ. އެ ގޮތުން މަޝްރޫއަށް ގެންނަން ޖެހޭ ބަދަލުތައް ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މި ސަރުކާރުން އައިހެވަން މަޝްރޫއުގެ މަސައްކަތް ގެންދާނީ ބަދަލުތަކަކާ އެކު ކަމަށް ވިދާޅުވި އެވެ.

"މިހާރު ކުރެވޭ މަސައްކަތަކީ މިހާ ހިސާބަށް ކުރެވިފައި ހުރި މަސައްކަތްތަކުގެ އަލީގައި ކޮންކޮން ބަދަލެއް ގެނެސްގެންތޯ އައިހެވަން ޕްރޮޖެކްޓް ނުވަތަ ކާމިޔާބު ގޮތެއްގައި އިންވެސްޓަރުންނާ ހަމައަށް ގެންދާނީ. އޭގެ ތެރެއިން ފީޒިބަލް ކުރެވޭނީ ކޮން ކޮން ކަމެއްތޯ މަސައްކަތް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން މި ދަނީ." މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

މި ސަރުކާރުން ވެސް އައިހެވަން މަޝްރޫއު ކުރިއަށް ގެންދާނެ ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އުތުރުގައި އަޅާ ޓްރާންޝިޕްމަންޓް ބަނދަރު މަޝްރޫއު ކޮންސަލްޓްކޮށް ދިރާސާ ކުރުމުގެ މަސައްކަތް އަންނަ ޖުލައި މަހު ފަށާއިރު އެންމެ ބޮޑު އިސްކަމެއް ދޭނީ އެ ބަނދަރު އިހަވަންދިއްޕޮޅުގައި އެޅޭނެ ގޮތެއް ވޭތޯ ބެލުމަށް ކަމަށެވެ. އަދި ވިދާޅުވީ އުތުރުގައި ޓްރާންޝިޕްމަންޓް ބަނދަރު އެޅުމަށް އެންމެ ރަނގަޅު ސަރަހައްދެއްގެ ގޮތުގައި ބެލެވެނީ ވެސް އިހަވަންދިއްޕޮޅު ކަމަށެވެ. މީގެ އިތުރުން ހއ. ހޯރަފުށީގައި އެއާޕޯޓު އެޅުމުގެ މަޝްރޫއު ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.