ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިއާ ބާޣީ އަބުދުﷲ ލުތުފީ ރާއްޖެ ގެންނާނެ ކަމަށާއި، އޭނާގެ މައްސަލައަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެއިން ބޭރަށް ގޮސް މީހަކު ފިލުމުން އެމީހަކު އަނބުރާ ގެނައުން އެއީ ދައުލަތަށް ވަރަށް މަދު ފަހަރެއްގައި ކުރެވިފައިވާ ކަމެއް ކަމަށާއި، ރައީސް އިބްރާހިމް ނާސިރު ރާއްޖެ ގެނައުމަށް ރައީސް މައުމޫން އަބުދުލްގައްޔޫމް މަސައްކަތް ކުރެއްވި ކަަމަށެވެ. އަދި އެމަނިކުފާނު ރާއްޖެ ގެނައުމަށްވެސް ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުން މަސައްކަތް ކުރި ނަމަވެސް ކާމިޔާބުވެފައި ނުވާ ކަމަށެވެ.
އަދި ވިދާޅުވީ ލަންކާ އަކީ އދ. ގެ އެތަކެއް ޗާޓަރުތަކެއްގައި ސޮއި ކޮށްފައިވާ ގައުމެއް ކަމަށާއި، ލުތުފީ އަމިއްލަ އަށް ގޮސް ހައިކޮމިޝަނަށް ހަވާލުވި އިރު، އޭގެ އަނެ އްދުވަހު ލަންކާގެ ނުވަ ތަނެއްގައި ބޮން ގޮއްވާލި ކަމަށެވެ. އަދި އެކަމުގެ ސަބަބުން ލަންކާ ސަރުކާރު އޮތީ އެހެން ގައުމަކާއި ފަސޭހައިން މުއާމަލާތު ކުރެވޭ ހާލަތެެއްގައި ނޫން ކަަމަށާއި، އެހެން ނަމަވެސް ދެ ސަރުކާރުގެ ދެމެދު ވާހަކަ ދެކެވިގެން ވަރަށް އަވަހަށް ލުތުފީ ރާއްޖެ ގެނެވޭނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
"މިކަމަކީ ރާއްޖޭގެ ރައްޔިތުން ވަރަށް ކަންބޮޑުވާ ކަމެއް. އަބުދުﷲ ލުތުފީ ގުޅިފައިހުރީ ދިވެހިންގެ ހިތްތަކުގައި ވަރަށް ވަރަށް، ހިތާމަވެރި އެތައް ހާދިސާއެއް ހިގާދިޔަ ކަންކަމާ، ކިތަންމެ ބައެއްގެ މަރާ، އެތައް ބައެއްގެ ދައްޗާ، ކިތަންމެ ބައެއްގެ ބިރުވެރިކަމާއި، އެތައް ތަކުލީފަކާ. އެހެންވީމަ އަބުދުﷲ ލުތުފީ ރާއްޖެ ގެނައުމަކީ ކޮންމެ ސަރުކާރަކުން ވެސް ވަރަށް އިސްކަމެއް ދީގެން ކުރާނެ ކަމެއް" ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ލުތުފީގެ މައްސަލައާއި ގުޅޭގޮތުން ވަޒީރުންނާއި، ސުވާލު ކުރުމަށް މަޖިލީހަށް މެމްބަރަކު ހުށަހަޅާފައިވާ ކަމަށާއި، އެހެން ނަމަވެސް މަޖިލީހުގެ ގަވައިދު ހަމަޖެހިފައި އޮތް ގޮތުން ވަޒީރަށް 14 ދުވަހުގެ ނޯޓިސްްއެއް ދީފައިވާ ކަމަަށެވެ. އަދި މިހާރު އެ ވަޒީރު ގެންދަވަނީ އެ 14 ދުވަސް ގުނުއްވަމުން ކަމަށެވެ.