ލައިފްސްޓައިލް

ބަލިވެއިނުމުން ފިރިން އެހެން އަންހެނުންގެ އުނގަށް!

Jul 23, 2015
4

އަންހެނުން އަބަދުވެސް ދައްކާ ވާހަކައެއް އޮވެ އެވެ. އަދި މިއީ އަލަށް ކައިވެންޏެއް ކުރާ އަންހެން އެކުވެރިޔާއަށް ދޭ ނަސޭހަތެއް ވެސް މެ އެވެ. އެއީ، ދަރިއަކު އަވަހަށް ނުހޯދުމަށްދޭ އިންޒާރެވެ. ބަލިވެ އިންނަ ހިސާބުން ފެށިގެން ކައިވެންޏަށް ތައްޔާރުކުރުމުގެ މަސައްކަތް ފެށުމަށް ދޭ އިންޒާރެވެ.

ވަރަށް ގިނަ އަންހެނުންނަކީ އެމީހުންގެ މާބަނޑު ދުވަސްވަރު ފިރިމީހާގެ ބޭވަފާތެރިކަން ތަޖުރިބާކޮށްފައިވާ މީހުންނެވެ. މި ސަބަބާ ހެދި ދަރިން ހޯދުމަކީ ވެސް ބައެއް އަންހެނުން ބިރު ގަންނަ ކަމެކެވެ. މި މައްސަލަ ނުވަތަ ފިރިމީހާ އެހެން އަންހެނެއްގެ އުނގަށް ވެއްޓިގަނެފާނެ ކަމުގެ ބިރު އަންހެންވެރިންގެ މެދުގައި މިހާ ވެސް ބޮޑުވެފައި އޮތީމަ އެވެ.

އެހެންވީމަ، މި މައްސަލަ އަކީ "ވަޓް ޓު އެކްސްޕެކްޓް ވެން ޔޫ އާ އެކްސްޕެކްޓިން" އޭ މިކިޔާ މެނުއަލް ނުވަތަ އަތްމަތީ ފޮތްތަކުގައި ވަކި ޗެޕްޓަރެއް އެއަށް ހާއްސަކުރަން ޖެހޭ ވަރުގެ ބޮޑު މައްސަލައެއް ނޫން ހެއްޔެވެ؟ އަނބިމީހާ ބަލިވެ އިންނަ ނުވަ މަހުގެ ތެރެއިން ކޮންމެ ވެސް އެއް މަހެއްގައި ނުވަތަ އެއަށް ވުރެ ވެސް ދިގު މުއްދަތަކަށް އޭނާގެ ފިރިމީހާ "ޗީޓް" ކޮށްފާނެ ކަމުގެ ފުރުސަތަކީ 100 ޕަސެންޓެވެ.

މިއީ މިކަން ތަޖުރިބާކޮށްފައިވާ އަންހެނަކާ ސުވާލުކޮށްފި ނަމަ ޖަވާބު ލިބޭނެ ގޮތެވެ.

އެހެންވީމަ އަނބިމީހާ އަށް ފިރިމީހާގެ ލޯތްބާއި އަޅާލުން އެންމެ މުހިންމު ދުވަސްވަރު އޭނާ ގޮސް ހިލޭ އަންހެނެއްގެ އުނގަށް ވެއްޓިގަންނަނީ ކީއްވެ ހެއްޔެވެ؟

"އަހަންނަކަށް ނޭނގޭ. ވެދާނެ ބަލިވެއިނުމަށް ފަހު އަހަރެމެން ދެ މީހުންގެ ސެކްޝުއަލް ރިލޭޝަންޝިޕްގައި ބްރޭކެއް ޖެހުނީމަ ކަމަށް ވެސް،" ބަލިވެ އިނުމަށް ފަހު ފިރިމީހާގެ ބޭވަފާތެރިކަން ތަޖުރިބާކޮށް ހިތް ކުދިކުދިވެފައިވާ ޒުވާން އަންހެނަކު ބުނީ މިހެންނެވެ.

ވަރަށް ގިނަ މީހުން މި ސުވާލުގެ ޖަވާބުގައި ބުނަނީ ފިރިހެން މީހާ އޭނާގެ އަންހެނުން ދޫކޮށް އެހެން އަންހެނެއްގެ އަތުތެރެއަށް ދަނީ ބަލިވެއިންނަ އަންހެން މީހާގެ ފަރާތުން ނުލިބޭ ޖިންސީ އަރާމު ލިބިގަތުމަށް ކަމަށެވެ. ނަމަވެސް ތަޖުރިބާކާރުންގެ ވާހަކައިންނާއި ދިރާސާތަކުން އެނގިފައިވާ ގޮތުން ފިރިހެން މީހާ އޭނާގެ މާބަނޑު އަންހެނުން ދޫކޮށް އެހެން އަންހެނެއްގެ އެނދަށް ވެއްޓިގަންނަނީ ހަމައެކަނި "ސެކްސް" ގެ ބޭނުމުގައެއް ނޫނެވެ.

އެއަށް ވުރެ ބޮޑަށް މިއީ "އިމޯޝަނަލް" މައްސަލައެކެވެ.

ބަލިވެ އިންނަ އަނބިމީހާ އަށް ބޭވަފާތެރިވާ ފިރިހެނުން އެކަން ކުރާ ސަބަބު ދެނެގަތުމަށް ހިންގާފައިވާ ދިރާސާތަކަށް އެއްބާރުލުން ދީފައިވާ މީހުންގެ ވާހަކައިން އެނގޭ ގޮތުން އަނބިމީހާ ބަލިވެ އިނުމަށް ފަހު "މިސްވާ އެއްޗަކީ" ހަމައެކަނި ޖިންސީ ގުޅުމުގެ އުފަލެއް ނޫނެވެ. އެއަށް ވުރެ ބޮޑަށް ނަފްސާނީ ގޮތުން ކުރިމަތިވާ މައްސަލަ މާ ބޮޑެވެ.

މާބަނޑު ދުވަސްވަރު އަންހެނުންނަށް "ޗީޓް" ކުރާ ފިރިހެނުންގެ ތެރެއިން 48 ޕަސެންޓް މީހުން ބުނަނީ އެމީހުން އެހެން އަންހެނެއްގެ ގާތަށް ދަނީ "ބާކީވެ، އެކަނިވެރިވާ" ކަމުގެ އިހްސާސްކުރެވިގެން ކަމަށެވެ. މިފަދަ ދިރާސާތަކަށް އެއްބާރުލުން ދީފައިވާ މީހުންގެ ތެރެއިން، އަނބިމީހާ ދެކެ ފޫހިވެގެން ނުވަތަ އަނބިމީހާ އަށް ވުރެ ރީތި އަންހެނެއްގެ އުފާ ލިބިގަތުމުގެ ބޭނުމުގައި ކަމަށް ބުނެފައި ވަނީ އެންމެ 12 ޕަސެންޓް މީހުންނެވެ.

އެހެންވީމަ ތަޖުރިބާކާރުން ވެސް ބުނަނީ ފިރިހެން މީހާ އޭނާގެ މާބަނޑު އަނބިމީހާ އަށް ބޭވަފާތެރިވަނީ ހަމައެކަނި ޖިންސީ އެދުމެއް ފުއްދުމުގެ ބޭނުމުގައި ނޫން ކަމަށެވެ.

"އަހަރެންގެ ދަރިފުޅަށްޓަކައި. އެހެން ނޫން ނަމަ އަހަރެން މިހާރު އޭނާ ދޫކޮށްލާފައި މި ގެއިން ނުކުމެގެން ގޮސްފިން،" ބަލިވެ އިން ދުވަސްވަރު ޗީޓްކުރި ފިރިމީހާއާ އެކު މިހާރު ވެސް ދިރިއުޅެމުން އަންނަ 27 އަހަރުގެ އަންހެނަކު ބުނީ މިހެންނެވެ.

އޭނާ ބުނީ ފިރިމީހާއާ އެކު ދެ ވަނަ ދަރިއަކު ހޯދުމުގެ ވިސްނުމެއް މިހާރު ނުގެންގުޅޭ ކަމަށާއި އެވަރުގެ މީހަކާ އެކު ދަރިއަކު ހޯދުނީތީ ވެސް ހިތާމަކުރާ ކަމަށެވެ.

މިއީ ބައެއް އަންހެނުންގެ އިހްސާސްތައް ހުރި ގޮތެވެ. ބައެއް އަންހެނުން އެ މީހުންގެ ބޭވަފާތެރި ފިރިންނާ އެކު ދިރިއުޅެމުން ދަނީ އެމީހަކާ އެކު ލިބިފައިވާ ދަރިފުޅުގެ މުސްތަގުބަލަށް ވިސްނައިގެންނެވެ. ނުވަތަ ފަހުން ފިރިމީހާގެ އުޅުން ރަނގަޅުވެ ކުރީގެ އުފާވެރި ދިރިއުޅުން އަލުން ލިބިދާނެ ކަމަށް ހީކޮށްގެންނެވެ.

ނަމަވެސް ތަޖުރިބާކާރުން ބުނަނީ ބޭވަފާތެރިވި ފިރިމީހާ ދޫކޮށްނުލައި އޭނާއާ އެކު އަލުން އުފާވެރި ދިރިއުޅުމެއް އުޅެވިދާނެ ކަމަށް ގަބޫލުކޮށް މަޑުކޮށްލުމަކީ އަންހެން މީހާގެ މުޅި ދިރިއުޅުން ބޭވަފާތެރިއަކާ އެކު ހޭދަކުރަން ޖެހިދާނެ ކަމެއް ކަމަށެވެ.

ދިރާސާތަކުން އެނގިފައިވާ ގޮތުން އެއް ފަހަރު ޗީޓްކޮށްފައިވާ މީހާ ދެ ވަނަ ފަހަރަށް ވެސް ޗީޓްކުރާނެ އެވެ. މީހުން ވެސް ބުނެ އުޅެއެއް ނޫން ހެއްޔެވެ؟ އެއް ފުޅައްމަތިން ފުންމާލި ބަކަރި އަނެއް ފުޅައްމަތިން ވެސް ފުންމާލާނެ އެވެ.

އެހެންވީމަ ބައެއް އަންހެނުން ބުނަނީ މިހެންނެވެ. އެއް އުނގަށް ފުންމާލި ބަކަރި އަނެއް އުނގަށް ވެސް ފުންމާލާނެ އެވެ.