ހަބަރު

މައްސަލަ ހައްލު ކުރަން މިނިސްޓަރު މަނަފަރަށް

ހއ. މަނަފަރު ރިސޯޓް މުވައްޒަފުންތަކެއް ވަޒީފާއިން ވަކި ކުރަން ނިންމި މައްސަލާއާ ގުޅިގެން، އެކަން ހައްލު ކުރުމަށް މިނިސްޓަރު އަލީ ވަހީދު މިއަދު އެ ރިސޯޓަށް ވަޑައިގެންފި އެވެ.

މަނަފަރުގެ ހިންގުމުގެ ހަރަދު ކުޑަކުރަން ކަަމަށްބުނެ އެތަނުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެ ކަމަށް އެންމެ ފުރަތަމަ އެންގީ މިދިޔަ އަންގާރަ ދުވަހެވެ. އެމައްސަލަ ހޫނުވެ، އެރަށު މުވައްޒަފުން ދަނީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަމުންނެވެ. އެމައްސަލަ މިނިސްޓަރުގެ ސަމާލުކަމަށް އައުމުން މިނިސްޓްރީން އަންނަނީ އެމައްސަލަ އަމިއްލަ އަށް އިސްނަގައިގެން ބަލަމުންނެވެ.

މަނަފަރަށް ފުރުމުގެ ކުރިން މީޑިއާއާ ބައްދަލުކުރައްވައި މިނިސްޓަރު ވިދާޅުވީ، މަނަފަރަށް ދިމާވެފައިވާ މައްސަލައާ ގުޅިގެން ސްޓޭޓް މިނިސްޓަރު ސޯލިހް އެމައްސަލަ ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި މިއަދު ދެފަރާތާއެކު މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބާއްވަން މަސައްކަތްކުރި ކަމަށެވެ. ނަމަވެސް އެއްކޮށް ބައްދަލުކުރެވޭ ގޮތްނުވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެން ވުމުން އަޅުގަނޑުމެން ނިންމީ މަނަފަރަށް ދާން، މި ސަރުކާރަކީ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދަކާއެކު އައިސް އޮތް ސަރުކާރެއް، ރައްޔިތުންގެ އަޑު އަހާނެ، ހަމަ މުވައްޒަފުންގެ ހައްގުތައް އަދި މެނޭޖްމަންޓްގެ ހައްގުތައްވެސް ކަށަވަރު ކޮށްދޭނެ ސަރުކާރެއްމިއީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މަނަފަރާއި ގުޅޭ ގޮތުން ރޫޓީން އިންސްޕެކްޝަން މިދިޔަ އަހަރުގެ އޮގަސްޓް މަހު ހަދާފައިވާ ކަމަށާއިި އެއިންސްޕެކްޝަނުން ދައްކާ ގޮތުން ދިވެހިންގެ ރޭޝިއޯ ހުރީ 61 ޕަސެންޓަށްވުރެ މަތީގައި ކަމަށެވެ. އަދި މިއަހަރު ހެދި އިންސްޕެކްޝަނުންވެސް ދައްކާ ގޮތުގައި 57 ޕަސެންޓަކީ ދިވެހިންގެ ރޭޝިއޯ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުމެއް ނޫން އެއްވެސް ރިސޯޓެއްގައި ނުތަނަވަސްކަން އުފެދޭ ކަމެއް މެދުވެރިވާކަށް، އެއްވެސް މުވައްޒަފަކަށްވެސް އަދި އެއްވެސް މެނޭޖްމަންޓަކަށްވެސް. އަޅުގަނޑުމެންގެ މަގުސަދަކީ ދެފަރާތުން މަޝްވަރާކޮށް ގާނޫނާ ގަވާއިދުގެ ތެރެއިން ކޮންމެ ފަރާތަކަށްވެސް ހިމާޔަތާއި ރައްކާތެރިކަން ލިބުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އެރިސޯޓްގެ ޖީއެމް އާއި އިސްކޮށް ހަރަކާތްތެރިވި މުވައްޒަފަކަށް މިނިސްޓަރު ގުޅައި، މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި ދެފަރާތުންވެސް ވާހަކަ ދައްކާފައިވަނީ ވަރަށް ޕޮޒިޓިވްކޮށް ކަމަށެވެ. އަދި ދެފަރާތުން އެއްބަސްވާ ގޮތަކަށް އެމައްސަލަ ހައްލު ކުރެވޭނެ ކަމުގެ އިތުބާރު އެބައޮތް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.