ހަބަރު

ލުތުފީ ގެންނާނީ ގާނޫނީ އިމުގެ ތެރެއިން: އަލީ ޒާހިރު

ދިވެހި ދައުލަތައް ފިލައިގެން ލަންކާގައި އުޅުނު ހ. ހާޖަރާގޭ އަބުދުﷲ ލުތުފީ މި ސަރުކާރުން ރާއްޖެ ގެންނާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

އަލީ ޒާހިރު އެގޮތަށް ވިދާޅުވެފައިވަނީ ލުތުފީ ރާއްޖެ ނުގެނެވި ލަސްވާތީ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ކިޔަމުންދާ ފާޑު ކިއުންތަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށް ބެލެވެއެވެ. އެގޮތުން އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބަަޔަކު މީހުން ނުކޮށް ދޫކޮށްލި ކަމެއްގެ ވާހަކަ ދައްކަން ނޫޅުއްވާ ކަމަށާއި، ލުތުފީ މާލެ ގެނެސް ކަރެކްޝަނާއި ހަވާލު ކުރާނީ މި ސަރުކާރުން ކަމަށެވެ.

ލުތުފީ މާލެ ގެންނާނީ، ދެ ގައުމުގެ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި، ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފު (ޝުމްބާ ގޮންގް) ގެނައި ގޮަތަށް ގާނޫނާއި ހިލާފަށް ނޫން ކަމަށެވެ. ޝުމްބާ މާލެ ގެނެއީ އޭނާގެ މައްޗަށް ތުހުމަތުތަކެއްކޮށް، ލަންކާގައި ދިރިއުޅެނިކޮށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ.

އަލީ ޒާހިރު ކުރެއްވި ޓުވީޓް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ޖެނުއަރީ 16، 2010 ގައި ލުތުފީ ބޭސް ފަރުވާއަށް ފޮނުވުމުން އޭނާ އެނބުރި ރާއްޖެ އައިސްފައެއް ނުވެ އެވެ. ނަމަވެސް މިދިޔަ މެއި މަހުގެ ފުރަތަމަ ދުވަހު އޭނާ އަމިއްލައަށް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ހާޒިރުވި އެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވެސް އޭނާ އުޅެމުން އަންނަނީ ދިވެހި އެމްބަސީގަ އެވެ. އޭނާ ރާއްޖެ ގެނައުން ލަސްވެގެން އެތަށް ބަޔަކު ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ސަރުކާރަށް ފާޑު ކިޔަމުންނެވެ.