ވާހަކަ

ބޭނުންވަނީ ޔާރާ

(26 ޖޫން 2019 އާ ގުޅޭ)

"ކުޑަކުޑަ ދާއިންހެން ހީވަނީ........ދޯ ޒާރާ، އަން..........އުރާލަބަލަ" މޫމިނާ ޒާރާގެ އަތަށް މާމަދަރިފުޅު ލާދެން އުޅުނެވެ.

"އަޅުގަނޑަކަށް ނޭގޭނެ އުރާކަށް" ޒާރާ ދުރުހެލިވަމުން ބުނެލިއެވެ.

"ނޭގެންޏާ ދަސްކުރަންވެސް ވާނެއެއްނު، މިހާރު ތީވެސް މިކުއްޖާގެ މަންމައެކޭ........." މޫމިނާ ޒާރާގެ އަތަށް ކުޑަކުއްޖާ ލާދިނެވެ.

"ތެދެއް ޒާ.......މިއަދުން ފެށިގެން މީ އަހަރުމެން ދެމީހުންގެ ދަރިއެއް، އަޅެ ޒާ ބުނެބަލަ ކާކާތަ ވައްތަރީ" މަންހާ ހިނިއައިސްފައި ވާހަކަދެއްކިއެވެ. ޒާރާ މަންހާއަށް ބަލާލީ ވަރަށްވެސް ފުންނަޒަރަކުންނެވެ. މަންހާއަށް އޭނަގެ ހިތުގައި އަޅަމުން އެވަގުތު ދިޔަ ވޭނާ ކުރަމުންދިޔަ ހިތްދަތި އަސަރުތައް އެނގޭނެނަމައޭ ޒާރާ ހިތަށް އަރަމުންދިޔައެވެ. ނޫނީ މަންހާ ގަސްދުގަ ދާއިންގެ ކުރިމަތީ ގޮތްދައްކަނީބާއޭ ޒާރާ ހިތަށް އަރަމުންދިޔައެވެ. އޭނަގެ އަތުގެ ތެރޭ ލޯމަރާލައިގެން މުއްކަވާލެވިފައިވާ އަތް އަނގައިގައި ޖައްސާލައިގެން އެތުއްތުކުއްޖާ އޮތްތަން ބަލާލިއެވެ.

"ދާއިންގެ ކުއްޖެއް ވައްތަރުވާނީ އޭނަ އާއެއްނު، ނޫނީ އޭނަގެ މަންމަ އާއިއެއްނު" ޒާރާ އިރުކޮޅަކު ހުރުމަށްފަހު ބުނެލިއެވެ. އަދި ގިނައިރުތަކެއް ނުކޮށް ޒާރާ އަވަސް އަވަހަށް މޫމިނާއަށް އެކުޑަދަރިފުޅު ދިއްކޮއްލައިފިއެވެ.

"މަންމާ، ހިނގާ ދާން......." ޒާރާ މަންހާގެ އެނދާއި ފުރަގަސްދީގެން ހުރެ ބުނެލިއެވެ. ދާއިން ހުރީ ޒާރާއަށް ބަލަހައްޓައިގެން ބުނާނެ އެއްޗެއް ނޭގިފައެވެ. ޒާރަގެ ފަރާތުން ފެންނަ ހަރަކާތްތަކުން އޭނަ ހުރީ ހިތްހަމަނުޖެހިފަ ކަމެއް ނޫނީ އެހެން ކަމެއް ވެފަކަމެއް ނޭގެއެވެ. ޔަގީނުންވެސް ތަފާތުތަކެއް ޒާރާއަށް އައިސްފިއެވެ.

"ހާދަ އަވަހަށް، ޒާރާ މަޑުކޮއްނުލާނަންތަ.........އާދެބަލަ މިތާ ވާހަކަ ދައްކާލަން މަޑުކޮއްލަން، ދެން އާދެވުނު ފަހަރު އެހާއަވަހަށް ދާއެއްޗެއް ނޫން، އަހަރެންވެސް ވަރަށް ފޫހިވެފަ މިއޮންނަނީ........ގެއަށް ދާންބޭނުންވަނީ، އެކަމަކު ޑޮކްޓަރުން ފޮނުވާލީމަތާ ގެއަށް ދެވޭނީ............" މަންހާ ޒާރާއަށް ގޮވާލަމުން ބުނެލިއެވެ.

"މަންމާ، ކުރިންވެސް އަޅުގަނޑު ބުނިންދޯ ބޮލުގަ ރިއްސާވާހަކަ، އަރާމުކޮއްލަން ބޭނުންވަނީ........ދާއިން ހުންނާނެ އެއްނު އޭނަގެ ގާތުގައި" ޒާރާ މިހެން ބުނެލަމުން އެތަނުން ނުކުންނަން ހިނގައިގަތެވެ. އެހިނދު ދާއިން އޭނަގެ ފަހަތުން ދިޔައެވެ.

"ޒާރާ، ކިހިނެއްތަވީ؟ ވަރަށް ބޮޑަށް ބޮލުގަ ރިއްސަނީތަ" ދޮރުން ނުކުތް ޒާރާގެ އަތުގައި ހިފަމުން ދާއިން ބުނެލިއެވެ. އޭރު ބޭރުގައި މަޑުކޮއްލައިގެން ވާހަކައިގައި ތިބި ޒައުލް އާއި ޖޫން އާއި ޖެނީއަށް މިމަންޒަރު ފެނުނެވެ. އެކަން އެނގި ދާއިން ޒާރާގެ އަތުން ދޫކޮއްލިއެވެ.

"ހޫމް، ވަރަށް ބޮޑަށް ރިއްސަނީ، ދާއިން އަންނަންވީނު އަހަންނާއިއެކު ގެއަށް، މަންމަ ހުންނާނެއެއްނު މިކޮޅުގަ.........އަނެއްކާ އޭނަގެ އާއިލާ މީހުންވެސް އެބަތިއްބެއްނު.........." ޒާރާ ނިތުގައި އަތްހާކާލާފައި ބުނެލިއެވެ.

ޒާރާ ބުނި އެއްޗެކުން އިރުކޮޅަކު ވިސްނާލަން ދާއިންއަށް ޖެހުނެވެ. ބޮލުގައި އަތްހާކާލުމަށްފަހު ޒާރާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. މަންހާގެ އާއިލާގެ މެންބަރުންނާއި ޒައުލް އާއިވެސް ދުރަށްދެވުމުން ދާއިން ޒާރާ އާއި ވާހަކަދައްކަންފެށިއެވެ.

"ޒާ، އަހަރެން ނުދާކަށް ނޫޅެން، އެކަމަކު ކުރިންވެސް އަހަރެން ބުނިންދޯ މިކޮޅުގެ ކަންތައްތައް ބަލަހައްޓަން އަހަރެން ހުންނަން ޖެހޭނެ ވާހަކަ، ރަނގަޅު، މަންހާގެ އާއިލާ ކުދިން އެބައުޅޭ، އެހެންވިޔަސް އަހަރެން ނުވާނެއެއްނު އެމީހުން ކޮއްދޭނެކަމަށް ހުރެގެން، މީ އަހަރެންގެ މަސްޢޫލިއްޔަތެއްނު، އަހަރެންގެ ޒިންމާއެއް.........ގިނަ ދުވަހެއް ނުވެ މަންހާ ގެއަށް ފޮނުވާލާނެ، އޭރުން އަހަރެންގެ ހުރިހާ ވަގުތެއް ޒާރާއަށް ހުސްކޮށްލަ ދޭނަން........އެގޮތް އެންމެ ރަނގަޅުތަ" ދާއިން ޒާރާގެ އުނަގަނޑުގައި ހިފަހައްޓާލައިގެން ހުރެ ހިނގަމުން ވާހަކަދެއްކިއެވެ.

"އަހަރެންގެ ހާލުވަކި ދެކޭނީ ކާކު، އަހަރެންވެސް ކަމަކު އެދެން ހުރީ ހަމައެކަނި ދާންއެއްނު......." ޒާރާ ޝަކުވާގެ ރާގެއްގައި ބުނެލިއެވެ.

"ޒާ، މިކަން އިޝޫއަކަށް ހަދަން ނޫޅެބަލަ.......އަހަރެން މިބުނަނީނު ދެވެން އޮތްނަމަ ދާނަމޭ، އެކަމަކު މަންހާ އާއި ބޭބީ އެހެންބައެއްގެ އަތްމައްޗަށް ދޫކޮއްލާފަ އަހަންނަކަށް ނުދެވޭނެ، ޕްލީޒް ޒާ، އަންޑަސްޓޭންޑް ވެބަލަ.....މިކަހަލަ ވަގުތެއްގަ ޒާރާ ވިސްނަންވާނެ އެހެންމީހުންނަށްވުރެވެސް ބޮޑަށް، މީ އަހަރުމެން ދެމީހުންގެ ދިރިއުޅުމާވެސް ގުޅިފައިވާ ކަމެއް، މަންހާގެ ކަންތައް ބެލެހެއްޓުމުގައި އަހަރުމެން ދެމީހުންވެސް އެއްބާރުލާން ޖެހޭނެ..........އަހަންނަށް އެނގޭ މިވަގުތު ޒާރާވެސް ބޭނުންވަނީ އަހަންނާއިއެކު އެކަނިވެލަންކަން، އެހެންވިޔަސް ވަގުތާ ހާލަތު އެކަމަށް ތަނެއްނުދޭ، ހަމަ ކުޑަކުޑަ އިންތިޒާރަކަށް އަހަރެން މިއެދެނީ" ދާއިން ޒަރާއަށް ބުނެލިއެވެ.

"ޒާ....ލޯބީ.......ކީއްވެތަ އެއްޗެއް ނުބުނީ، ތިހެން ހުރީމަ އަހަންނަށް ހީވާނީ ޒާ އަހަރެންދެކެ ހިތްހަމަނުޖެހިފައި ހުންނަހެން..........." ދާއިން އެނބުރި މަންހާގެ ކޮޓަރި އާއި ދިމާލަށް ހިނގައިގަންނަމުން މިހެން ބުނެލިއެވެ. ޒާރާ އެއްވެސް އެއްޗެއް ނުބުނެ އިސްޖަހާލައިގެން ހުރެ ދާއިން އާއިއެކު ހިނގަމުން ދިޔައެވެ. އެހެންނަމަވެސް އެގޮތެއް ދާއިންއަށް ކަމަކު ނުދިޔައެވެ. ކޮންމެވެސް ޖަވާބެއް ޒާރާގެ ފަރާތުން އޭނަ ބޭނުންވެއެވެ.

"ހިތްހަމަ ނުޖެހިފައެއްނޫން، އަހަރެން މަންމަ އާއިއެކު ގެއަށް ހިނގައިދާނަން........އެހެންވިޔަސް އަހަރެން ދާއިންއަށް އިންތިޒާރުކުރާނަން" ޒާރާ މަޑުމަޑުން މިހެން ބުނެލިއިރުވެސް ހުރީ އިސްޖަހާލައިގެންނެވެ. ދާއިން ޒާރާ ގޮވައިގެން މަންހާ އޮތް ކޮޓަރިއަށް ވަނެވެ.

"ދަރިފުޅު ގެއަށް ދާން ބޭނުންވަނީތަ؟" ހިނިއައިސްފައި މަންހާގެ ގާތުގައި އިން މޫމިނާއަށް އެކޮޓަރިއަށް ވަދެގެން އައި ޒާރާ އާއި ދާއިން ފެނުމުން ބުނެލިއެވެ.

"އަޅުގަނޑު ބޮލުގަ ރިއްސާތީ އެހެންވެ" ޒާރާ އަނެއްކާވެސް ބުނެލިއެވެ. ހަގީގަތުގައި އޭނަގެ ބޮލުގަ ރިއްސަންފެށީ އެކޮޓަރިއަށް ވަތްފަހުންނެވެ. މަންހާ ފެނުމުންނެވެ. ދާއިން އާއި އެހެންމީހުން މަންހާގެ ވަށައިގެން އުޅޭ މަންޒަރު ފެނުމުންނެވެ.

"ދާއިން، ދަރިފުޅު ދާންވީނު ޒާރާ ގޮވައިގެން، މަންމަ މަޑުކޮއްލަ ފާނަން" މޫމިނާ ދާއިންއަށް ބަލާލަމުން ބުނެލިއެވެ. އެހިނދު ޒާރާއަށްވެސް ދާއިންއަށް ބަލާލެވުނީ މޫމިނާ އެހެން ބުނުމުން ހިތުގައި އުފެދުނު ކުޑަނަމަވެސް އުއްމީދާއެކުއެވެ.

"ނޫން، މަންމާ.....އަޅުގަނޑު ގެއަށް ދާނަމޭ، މަންހާ ދޫކޮއްލީމަ އޭނަ ގޮވައިގެން ދާނަން، މިވަގުތު ހޮސްޕިޓަލުގައި ހުރުން މާމުހިންމު، އަނެއްކާ މަންމަ އެހާ ގިނައިރު ކިހިނެއް މިހަކަލަ ތަނެއްގަ އިންނާނީކީ......ޒާރާ އަރާމުކޮއްލަނިކޮށް ބޮލުގެ ރިހުން ކެނޑިދާނެ، މަންމަ ދާންވީނު ޒާރާ އާއިއެކު" ދާއިން ކުރިއަށް ޖެހިލަމުން ބުނެލިއެވެ. މޫމިނާ ބޯޖަހާލަމުން ޒާރާ އާއިއެކު ނުކުތެވެ. މަންހާ ސުވާލުން ފުރިގެންވި ފަދަ ގޮތަކަށް ޒާރާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އޮތެވެ. އެހާބޮޑު ބަދަލެއް އައީތީ ހައިރާންވެފައެވެ. އެހެންނަމަވެސް އެވާހަކަ ދައްކަން ނުކުރިފަވެސްމެއެވެ.

ދާއިންގެ ފަރާތުން އިންތިހާ ދަރަޖައިގެ އަޅާލުމާއި ލޯތްބާއި އޯގާތެރިކަން ފެނި އެކަން އިޙްސާސް ކޮއްލުމަށް ލިބިދާނެއޭ މަންހާ މީގެ ކުރިން ހީވެސް ނުކުރެއެވެ. އެހެންނަމަވެސް އާލަމްތަކުގެ ވެރި ރަސްކަލާނގެ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ވެގެންވެއެވެ. މިންވަރުފުޅުގެ ފުރިހަމަކަން ނިކަން ދެކެބަލާށެވެ. މިއަދު އޭނައަކީ ދާއިންގެ އަންބެއްގެ މަގާމުގެ އިތުރުން ދާއިންގެ ދަރިފުޅުގެ މަންމަވެސް މެއެވެ. ހަތަރު ދުވަހަށްފަހު މަންހާ ގެއަށް ފޮނުވާލީ ދަރިފުޅާއި އޭނަވަނީ ފުރިހަމަ ދުޅަހެޔޮ ޞިއްޙައްތެއްގައިކަން ޑޮކްޓަރުން ޔަގީން ކުރުމަށްފަހުއެވެ. ހޮސްޕިޓަލުން ގެއަށް އައީ މަންހާ ދާއިންމެންގެއަށް ފުރަތަމަ ފިޔަވަޅު އަޅާލިއިރު އެދެމަފިރިންގެ ދަރިފުޅު ދާއިންގެ އަތުގެތެރޭގައި ނިދިފައި އޮތެވެ. ދާއިންގެ ސަމާލުކަން އަތުގައި އޮތް ކުޑަދަރިފުޅަށް ދެވިފައިވިޔަސް މަންހާއަށް ދެމުންދިޔަ ސަމާލުކަންވެސް ކުޑައެއްނޫނެވެ. އެތެރެއަށް ވަކިވަރަކަށް ވަދެވުމާއިއެކު އެމީހުންގެ ފަހަތުން އާމޯސް ވަނީ ބޭބީގެ ވަށިގަނޑާއި މަންހާ ހޮސްޕިޓަލުގައި ބޭނުންކުރުމަށް ގޭން ގެންދިޔަ ބައެއް ސާމާނުތައް ހިފައިގެންނެވެ.

"މަންހާގެ އެޕާރޓްމެންޓަށް........" ލިފްޓަށް އެރި ދާއިން އާމޯސްއަށް ބުނެލިއެވެ.

"އެކަމަކު އޭރުން، މަންމަމެން ކައިރިއަކަށްނު ދާންވާނީ އެންމެ ފުރަތަމަ" މަންހާ ހައިރާންވެފައި ބުނެލިއެވެ.

"ދާނަމޭ، މަންހާ އަދި އެއްކޮށް ތެދުވެ އުޅޭކަށް ފިޓެއްނޫނެއްނު، މަންމަމެން އަންނާނެ މަން ކައިރިއަށް، ރަނގަޅުވީމަ ދަރިފުޅު ގޮވައިގެން ތިރިއަށް ދާނީ" ދާއިން ވިސްނާދޭފަދަ ގޮތަކަށް އޯގާތެރިކަމާއިއެކު ދަރިފުޅު އުރާލައިގެން ހުރި އަތްނޫން އަނެއް އަތުން މަންހާ ގާތްކޮއްލާފައި ބުނެލިއެވެ. މަންހާ ހޫން ލައްވާލަމުން ދާއިން އާއި ގާތްވެލިއެވެ.

"ސަޕްރައިޒް........." މަންހާގެ އެޕާރޓްމެންޓް ހުޅުވާލި ތަނާހެން އެތަށް ބައެއްގެ އަޑު އެދެމަފިރިންނަށް އިވިގެން ދިޔައެވެ. މަންހާ ހިނިއައިސްގެންގޮސް ދެލޯބޮޑުވެފައި ހުއްޓެވެ. ހަމަ އެވަގުތު ނިދިފައި އޮތް ކުޑަދަރިފުޅު ސިހި ރޯންފެށިއަޑުއިވިގެން ދިޔައެވެ. އެންމެންގެ އަޑުތަށް ކަނޑައިގެން ދިޔައީ އެހެންވެއެވެ.

"ސަޕްރައިޒް މަން" ދާއިން މަންހާގެ ކަންފަތްކައިރީ މަޑުމަޑުން މިހެން ބުނެލާފައި ކޯތާފަތުގައި ސިއްރުން ބޮސްދިނެވެ. މަންހާގެ ކޯތާފަތް ނޭފަތާއިއެކު ޖަންބުކުލަ އަރައިގެންދިޔައެވެ. ދާއިންގެ އޮފީހުގެ ހުރިހާ މުވައްޒަފުން އެ އެޕާރޓްމެންޓުގައި ތިއްބެވެ. އެންމެ ކުރީ ސަފުގައި މޫމިނާ އާއި ކާއިލް އާއި އަލީޝާ ތިއްބެވެ. ދާއިންގެ އަތުގައިއޮތް ދަރިފުޅު މޫމިނާ އުރާލާފައި ނާނާ ކިޔާލިއެވެ. ހުރިހާ އެންމެން އެކުޑަކުއްޖާފުޅު ވަށައިލިއެވެ. ކޮންމެ މީހެއްގެ ދުލުން އެތަށް ތައުރީފަކާއި ލޯތްބާއި ހެޔޮދުޢާ އަޑުއިވިގެން ދިޔައެވެ.

"މަން، ވެލްކަމް ހޯމް......." އަލީޝާ އައިސް މަންހާގެ ގައިގާ މަޑުމަޑުން ބައްދާލިއެވެ. އަދި އޭނަގެ އަތުގައި އޮތް ހަދިޔާ މަންހާއަށް ދިއްކޮއްލިއެވެ. ދާއިންގެ އޮފީހުގެ ކޮންމެ މުވައްޒަފެއްގެ އަތުން ހަދިޔާއެއް ލިބުނެވެ.

"ދާއިން އަށް އެނގިގެން ވީކަމެއްދޯ މީ" އަލީޝާ މޫމިނާގެ ގާތަށް ދިއުމުން މަންހާ ދާއިންއަށް ބަލާލާފައި ބުނެލިއެވެ. ދާއިން ލުއިގޮތަކަށް ހީލާފައި އިސްތަށިގަނޑުގައި އަތް ހާކާލަމުން ބޯޖަހާލީ އެއްބަސްވުމުގެ ގޮތުންނެވެ.

"ތެންކިއު......." މަންހާ ލޯބިވެތި ހިނިތުންވުމަކާއިއެކު ބުނެލިއެވެ. އަދި ދާއިންގެ އެހީގައި ނިދާ ކޮޓަރިއަށް ދިއުމަށް އުޅުނެވެ. ގިނައިރުތަކެއް ނުވެ ދާއިންގެ މުވައްޒަފުންވެސް އެމީހުންގެ މަސައްކަތަށް އެނބުރި ދިއުމަށް ދާއިން އެދުނެވެ. އަދި ކާއިލް ގާތު ހުރިހާ ކަމެއް ބަލަހައްޓާދިނުމަށް އެދުނެވެ. އެހެނީ ދާއިން އޮފީހަށް ނުކުންނާނީ އަދި ދެދުވަސް ފަހުންކަމުގައި އޭނަ ބުނެފައިވާތީއެވެ. ނަމަވެސް މުހިއްމު ކަމެއް ޖެހިޖެއްޔާ އަބަދުވެސް އޭނައަށް ގުޅާފަ ނޫނީ އެއްވެސް ކަމެއް ނުނިންމުމަށް އޭނަ ކާއިލް ގާތު ބުނެއެވެ. ކާއިލް ނުކުމެގެން ދިޔައީ އަލީޝާވެސް ގޮވައިގެންނެވެ.

"މަންމާ.......ކޮބާތަ ޒާރާ" ދާއިން މަންހާ އެނދުގައި އޮށޯތުމަށް އެހީތެރިވަމުން މޫމިނާގެ ގާތުން އަހާލިއެވެ.

"އޭނަވީ އޭނަގެ މަންމަ މެންގެއަށް ގޮސް، އޭނަގެ ހާލު އެހާ ރަނގަޅެއްނޫން، ދާއިން ނިކަން އޭނައަށް ވެގެން އުޅޭގޮތެއް ބަލާބަލަ، މިހާރު ތިހިރީ ގެއަށްވެސް އައިހެއްނު، ޒާރާ ކަނީވެސް ވަރަށް މަދުން، ކޮޓަރިން ނުކުންނަނީވެސް ވަރަށް މަދުން......." މޫމިނާ މަންހާ އޮށޮތް އެނދުގެ ގާތުގައި ހުރި ކުޑައެނދުގައި މާމަދަރިފުޅު ބާއްވާލަމުން ބުނެލިއެވެ. މަންހާއަށް އެވާހަކަތައް އަޑުއިވުނެވެ.

"އަޅުގަނޑު ޒާރާއަށް ގުޅާނަން....." ދާއިން މިހެން ބުނެލުމާއިއެކު މޫމިނާ ހޫން ލައްވާލަމުން އެދެމަފިރިން އެކަނިވެލުމަށް ވަގުތު ދީފައި އެކޮޓަރިން ނުކުތެވެ.

"ދާއިން، ޒާރާ އެކަނިވެގެންކަންނޭގެ އެއުޅެނީ، އަހަރެންވެސް މިހާރު މިހިރީ ގޭގަ، ކަމެއް ބޭނުންވެއްޖެޔާ މަންމަވެސް ހުންނާނެއެއްނު، ޒާރާއަށް އަވަހަށް ގުޅާ.......ޝީ ނީޑްސް ޔޫ" މޫމިނާ ނުކުތުމުން މަންހާ އޭނަގެ ދާދި ގާތުގައި ހުރި ދާއިންގެ އަތުގައި ހިފާލާފައި ބުނެލިއެވެ.

"ގުޅާނަމޭ، އެހަށް ފެންވާރަލިޔަ ދީބަލަ" ދާއިން ބުނެލިއެވެ. އެއާއިއެކު މަންހާ ދާއިންގެ އަތުން ދޫކޮއްލިއެވެ.

* * * * * *

"މަންމާ........" ޒާރާ ސިޓިން ރޫމުގައި އިން ފަހީމާއަށް ގޮވާލިއެވެ.

"ދަރިފުޅާ، ޒާރާ...." ފަހީމާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. އޭނައަށް ޒާރާ ރަނގަޅުވި ޚަބަރެއް އަދި ނުލިބެއެވެ. ޒާރާގެ ހަމަވިސްނުން ފިލައިގެން ދިޔަ ފަހުން އެގެއަށް ޒާރާއެއް ނާދެއެވެ. ފަހީމާ އެދަރިފުޅާއިމެދު ނުވިސްނާ އެންމެ ދުވަހެއްވެސް ނުދެއެވެ. ކުރާ ކޮންމެ ނަމާދެއްގައި އެދަރިފުޅަށް ރަނގަޅު ގޮތް މިންވަރުކޮއްދެއްވުމަށް އެދި ދުޢާ ކުރެވެއެވެ. މިއަދު އޭނައަށް ސިޓިން ރޫމު ދޮރުމަތީ ފެންނަން ހުރި ޒާރާ އަކީ އޭނަގެ ދަރިފުޅު ޒާރާކަން ޔަގީންވިއެވެ.

"ވަންނާކަށް ނުބުނާނަންތަ؟" ޒާރާ މަޑުމަޑުން ބުނެލިއެވެ.

"މަންމަ ދަރިފުޅު ކައިރީ ވަންނާށޭ ނުބުންޏަސް މީ ދަރިފުޅުގެ ގެއެއްނު، ކޮންމެ އިރަކު އަޔަސް މިގޭ ދޮރެއް ދަރިފުޅަކަށް ބަންދެއްނުވާނެ.........ތިފަދަ އެއްޗެއް ބުނެ މަންމަ ދުރުކޮއްނުލާ.........." ފަހީމާ ހިފައިގެން އިން ނޫސް ކުރިމަތީ ހުރި މޭޒުގެ މަތީ ބާއްވާފައި ލޮލުގައި އަޅާލާފައިވާ ނަންބަރު އައިނު ނަގައިގެން ހުރެ ވާހަކަ ދެއްކިއެވެ.

"މަންމާ......" ޒާރާ އަނެއްކާވެސް ފަހީމާއަށް ގޮވާލިއެވެ. ގޭތެރެއަށް ވަދެގެން ފަހީމާގެ ގާތަށް އައި ޒާރާއަށް ކޮންމެވެސް ކަމެއް ވެއްޖެކަން އޭނައަށް ނަގައިގަނެވުނެވެ.

"މިތާ މަންމަ ގާތު އިށީނދެބަލަ، ދަރިފުޅު ކާނަންތަ؟ މަންމަ މިއަދު ބަށިހަދާފަ ހުންނާނެ ހިކިކޮށް" ފަހީމާ އެންމެ ފުރަތަމަ ސުވާލެއް ކުރުމުގެ ބަދަލުގައި ބޭނުންވީ އެހެންޏާވެސް ޒާރާ އެގެއަށް އައުމުން ކަންތައްކުރާގޮތަށް ކަންކުރުމަށެވެ.

"މަންމާ، އަޅުގަނޑު ބަޑުހައެއްނުވޭ، އެއްވެސް އެއްޗެއް ނުކާނަން........." ޒާރާގެ އަޑުގައިވެސް ބުނެދޭންނޭގޭ މަޑުމޮޅިކަމެއް އެކުލެވިފައި ވިކަން ފަހީމާއަށް އިޙްސާސް ކުރެވުނެވެ.

"މަންމާ، އަޅުގަނޑު މަންމަގެ އުނގުގައި ބޯއަޅާލިޔަސް އެންމެ ރަނގަޅުތަ..........." ޒާރާ ސޯފާއިން ތެދުވެ ޓައިލްސްތަކުގެ މަތީ ފަހީމާގެ ފައިކައިރީ އިށިންނަމުން އަހާލިއެވެ.

"އާން.....ދަރިފުޅު ބޭނުންވަނީ އެގޮތްކަމުގަ ވާނަމަ އެންމެ ރަނގަޅު" ފަހީމާއަށް އަދިމިވަނީ ކިހިނެއްކަމެއް ނޭގި އިނދެ ބުނެލިއެވެ. ޒާރާ ފަހީމާގެ އުނގުގައި ބޯއަޅާލަމުން އޭނަގެ ފައިގާ ފިރުމާލިއެވެ. އަދި އެއްވެސް އެއްޗެއް ނުބުނެ އެހެން އިންނަން ފެށުމުން ފަހީމާގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ.

"ދަރިފުޅާ، ކިހިނެއްތަވީ، ގޭތެރޭގަ ކަމެއް ހިނގީތަ؟ މަންމަ ގާތު ބުނީމަ ދޯ އެނގޭނީ، ތިހެން އޮތަކަސް ހިޔާލެއް ދޭކަށް ނޭގޭނެ" ފަހީމާ ޒާރާގެ ބޮލުގައި ފިރުމަމުން ބުނެލިއެވެ.

"ހުރިހާ ކަމެއް ބަދަލުވެއްޖެ، އަހަންނަށް ހޭލެވުނީ ނުބައި ހުވަފެނެއްގެ ތެރެއިން، މަންމާ، އަޅުގަނޑުގެ ކުށަކީ ކޮބާތަ؟" ޒާރާ މިހެން ބުނެލިއިރު އޭނަގެ ލޮލުން ކަރުނައަތުވެއްޖެއެވެ. ރޮވިއްޖެއެވެ.

"ޒާރާ......ކެތްތެރިވޭ ދަރިފުޅާ، ކެތްތެރިވޭ، ނުރޮއެ ހުއްޓާލާ......" ފަހީމާ ކަންބޮޑުވެފައި އިނދެ ޒާރާގެ ބޮލުގައި ފިރުމަމުން ބުނަމުންދިޔައެވެ.

"ޕްލީޒް، މަންމާ، މިއަދު އަޅުގަނޑު ކައިރީ ނުރޯށޭ ނުބުނޭ، އަޅުގަނޑު ބޭނުންވަނީ ހިތްފުރެންދެން ރޯން، އަޅުގަނޑަށް މިލިބެނީ ކޮންކުށެއްގެ ސަޒާކަމެއްވެސް ނޭގެ، އަންހެނަކަށް މިއަށްވުރެ ބޮޑު ދެރައެއް ލިބޭނެތަ.........އަޅުގަނޑު ކޮންއިރަކު ބޭނުންވީ ދާއިންގެ ދޮށީ އަންބަށް ވާން...........މަންމާ، އަޅުގަނޑަށް ކޮންކަމެއްތަ ގޯސްކޮށް ކުރެވުނީ............ދާން މިއަދު ފެންނަނީ އަޅުގަނޑާ ނުލާވެސް އުފަލުގައި ހުންނަތަން، އުފާނުވާންވީ ކީއްވެ، ދާންގެ ހުރިހާ އުއްމީދަކާއި ހުރިހާ ހުވަފެނެއް މަންހާ ފުރިހަމަ ކޮއްދެމުން އެދަނީ، އޭނަ އަޅުގަނޑުގެ މަގާމަށް އައީ ކިހިނެއްކަންވެސް އަޅުގަނޑަށް ނޭގުނު...........ދާންގެ ހަޔާތަށް އެއަންހެން ކުއްޖާ އަންނަނީވީ ކީއްވެ.........ކީއްވެ........." ޒާރާ ގިސްލަމުން ވާހަކަދެއްކިއެވެ. އޭނަގެ މުޅި ހަށިގަނޑުވެސް ރޫރޫއަޅަމުން ދިޔައެވެ. އިންތިހާ ދަރަޖައަށް ޒާރާގެ ހިތުގައި ވަނީ ޖެހިފައެވެ.

"ދަރިފުޅާ، މަންމައަށް އިޙްސާސް ކުރެވޭ ދަރިފުޅު ދެރަވާނެވަރު، އެކަމަކު ހެޔޮ އެއްޗެއް ނޫނީ ހިތަށް ނާރުވާތި، ދަރިފުޅަށްޓަކައި ދާއިންވެސް ވަރަށް ބޮޑު ގުރުބާނީއެއް ވިކަން ހަނދާންކުރަންވާނެ، މިއަދުވެސް ދާއިން ޒާރާއަށް ބޭނުންވާތި ދޫކޮއްނުލާ ބަހައްޓާފަ ތިހިރީ، އެކަން ހަނދާން ކުރަންވާނެ.........ދާއިންއަކީ ބުއްދި ސަލާމަތުން ހުރި ހުރިހާ ހިއްސެއް މަސައްކަތްކުރާ ފިރިހެނެއް، އޭނަ ދަރިފުޅަށް ޓަކައި ދިގު އިންތިޒާރެއް ކުރި، ދެވަނަ ދިރިއުޅުމަކަށް ކުރިމަތި ލަމުން މިމަންމަގެ ގާތުގައިވެސް ބުނި، މަންމަ ހުއްދަވެސް ދިނިން.........ފަހަރެއްގަވެސް އެއީ ދަރިފުޅަށް ދެރައެއް ދިނުމުގެ ގޮތުން ކުރިކަމެއްނޫން، ދަރިފުޅާ، ދާއިން އާއިމެދު ގޯސްކޮށް ނުވިސްނާ، މިވެސް އިމްތިހާނެއް ކަމުގައި ދެކޭ، މަންހާ އާއިއެކު ގުޅިގެން އުޅެން ވިސްނާ، ފަހަރެއްގަވެސް ދާއިން އާއި ދުރުވުން ފަދަ ނުބައި ހިޔާލެއް ނުކުރައްޗޭ........ދެން ހުއްޓާލާ އަވަހަށް، ރުއިމަށްވުރެ ބުއްދީގެ ބޭނުން ކުރުން ރަނގަޅުވާނެ..........މަންމަ ބުނީތީވެސް ދެން ހުއްޓާލާ" ފަހީމާ އޭނަގެ އުނގުގައި އޮތް ޒާރާގެ މޫނުގައި ހިފާ އުފުލާލަމުން ރަތްވެފައިވާ އެދެލޯ ފޮހެލަދިނެވެ. އެހެންނަމަވެސް ރުއިން ހުއްޓާލުން ޒާރާއަށް ފަސޭހަކަމަކަށް ނުވިއެވެ.

"މަންމާ، އަޅުގަނޑު އެގޭގައި އުޅޭހިތެއް ނުވޭ މިހާރު، އެއަށްވުރެ މަރުވުންވެސް މާ ރަނގަޅު، ދާއިން ކުރީގަ އަޅުގަނޑުދެކެ ލޯބިވިޔަސް މިހާރު އަޅުގަނޑަށްވުރެ އެމަންހާދެކެ މާލޯބިވޭ، އެކޮޓަރީގެ ހަތަރުފާރުގައި ހައްޔަރުވެފައިވާ މީހެއްހެން އިންނާކަށް އަޅުގަނޑު ބޭނުމެއްނޫން..........މަންމާ އަޅުގަނޑު ބޭނުމެއްނޫން އެގެއަށް ދާކަށް" ޒާރާ އަދިވެސް ރޮއެ ރޮއެފައި އޭނަގެ ހިތުގައިވާ އުދާސްތައް ބަންޑުންކުރަމުންދިޔައެވެ. ފަހީމާގެ ނަސޭހަތާއި ހިތްވަރުން ޒާރާއަށް ކުޑަވެސް ތަސައްލީއެއް ލިބިދިންހެނެއް ހިއެއްނުވެއެވެ. ފަހީމާ ޒާރާގެ ކޮނޑުގައި ހިފާ އޭނަ ތެދުވުމަށް އެހީތެރިވަމުން ސޯފާގައި ޒާރާ ބައިންދާފިއެވެ. އެއާއިއެކު ޒާރާ ފަހީމާގެ ކަރުގައި އޮޅުލައިގަނެގެން އޮވެ ރޮމުންދިޔައެވެ. ގޭތެރޭގައިވެސް ޒާރާގެ ރުއިމުގެ އަޑެވެ.

"ކިހިނެއްވީ މަންމާ، ޒާރާ........." ދެދަރިންނާއިއެކު ބޭރުން އައި ފަލަކްއަށް ސިޓިން ރޫމު ދޮރުމައްޗަށް އެރުމާއިއެކު ޒާރާގެ ރުއިމުގެ އަޑުއިވިގެންދިޔައެވެ. އެހެންވެ އޭނައަށް ފަހީމާގެ ގާތުން ވެގެން އުޅޭގޮތެއް އަހާލެވުމާއިއެކު ޒާރާގެ ނަންކިޔާލެވުނީއެވެ.

"ލަޔާން......ލޫތް، ކަލޭމެން ދޭ ކޮޓަރިއަށް" އެތެރެއަށް ވަތް ފަލަކް އޭނަގެ ދެދަރިންނާއި ދިމާލަށް ބުނެލިއެވެ އެކުދިންވެސް ބޮޑެތިވެ ޒުވާންވެފައިވެއެވެ. ލަޔާންގެ ގައިގާ މިހާރުވެސް ޖަހަނީ ހަރުފާޑެވެ. އެކަމަކު ލޫތުގެ މޫނުމަތީގައި އަދިވެސް ވަނީ މައުސޫމުކަމެވެ. ލަޔާންއަށް ފުރިހަމަ ހަށިގަނޑެއް ލިބިފައި ދިގު އިސްކޮޅެއް ހުރިއިރު ލޫތުގެ ހަށިގަނޑު ކުޑަކޮށް ފަލައެވެ. އިސްކޮޅުވެސް ލަޔާން އާއި އެއްވަރެއްނުވެއެވެ. އެކުދިން ހިނގައިގަތީ އެމީހުންގެ ކޮޓަރިއަށް ދިއުމަށެވެ.

"ޒާރާ........ކިހިނެއްތަވީ، މަންމާ!... ކޮންއިރަކު ޒާ އައީ، ކޮބާ ދާއިން" ޒާރާ އެވަރަށް ރޯތަންފެނި ފަލަކްވެސް ކަންބޮޑުވިއެވެ.

"އިރުގަނޑެއް ވެއްޖެ، ޒާރާ ދެރަވެގެން މިއުޅެނީ، މިހާރު ބުނެފިން ދެން ހުއްޓާލާށޭވެސް، ދަރިފުޅާ ޒާރާ، ތިހެން އުޅޭކަށްނުވާނެ، ނިކަން ހުއްޓާލަބަލަ" ފަހީމާ ފަލަކްއަށް ޖަވާބުދެމުން އަނެއްކާވެސް ރުއިން ހުއްޓާލަން ޒާރާގެ ގާތުން އެދުނެވެ.

"ކޮބާ މަންމާ، މަ ބުނީމެއްނު އޭރުވެސް މިދުވަސް އަންނާނެއޭ، ދާއިން އެކައިވެންޏެއް ކުރަން ގަބޫލުވާނެކަމެއް ނެތޭ، މިއަދު މިއޮތީ އެދުވަސް އައިސްފަ، ޒާރާ އެއުޅެނީ ކޮންފަދަ ހާލެއްގަ، އަދި އިންނަންވެސް އެނގުނީ ދަރިވަރުގެ ޅައަންހެން ކުއްޖަކާ، އެއަންހެން ކުއްޖާއަށްވެސް ސާބަސް، ބޮޑު މުސްކުޅިޔަކަސް އިންނަން ކެރުނީތީ މަ ހަމަ ހައިރާންވަން، ރަނގަޅަށްވެއްޖެއްޔާ އެއުޅެނީ ހަމަ ފައިސާގެ ދަހިވެތިކަމުގަ........." ފަލަކްއަށް ކުއްލި ސިހުމެއް ގެނުވީ ފަހީމާއެވެ.

(ނުނިމޭ)