ވިޔަފާރި

ރަސްމީ ފާލަމުގައި ތިން ރިޔާ! ދުރުން ފެންނާނީ ކިހިނެއް؟

Jul 23, 2015

އަހަރެން އެންމެ ކުޑައިރު ހަނދާން ހުންނަން ފެށިއިރު ވެސް ރަސްމީ ފާލަން ހުރީ ލަކުޑިން ނެވެ. ވަރުނީސްލައި، އޮފް ކޮށް ޖަރީކޮށްފަ އެވެ. އޭރު ވެސް ރަސްމީ ފާލަމަކީ ދިވެހިންގެ ހިތުގައި ހާއްސަ ޤަދަރެއް ދެވިފައިވާ ތަނެކެވެ. ނަމަވެސް ޒަމާންގަނޑަކަށް ފަހު، ރަސްމީ ފާލަން މި ވަނީ ރޫޅާލާފަ އެވެ. ރަސްމީ ފާލަން އަލުން ހެދުމުގެ މަސައްކަތް ފަށާފަ އެވެ. ސުވާލަކީ މިފަހަރު ރަސްމީ ފާލަން ފެންނާނީ ކިހިނެއް ބާ އެވެ؟

"ފާލަން ނިމިގެން ދާއިރު ވަރަށް ހިތްގައިމުކޮށް ހުންނާނީ. ވަރަށް ރީތިވާނެ،" ފާލަމުގެ މަސައްކަތް ކުރާ އެމްޓީސީސީގެ އެމްޑީ އިބްރާހިމް އަބްދު ރައްޒާގު ހަލީމް ވިދާޅުވި އެވެ.

ބައެއް މީހުން ބުނާ ގޮތުގައި ފާލަން ނިމޭއިރު ދުރުން ފެންނާނީ ސިޑްނީ އޮޕެރާ ހައުސް ހުންނަ ގޮތަށެވެ. އަނެއް ބަޔަޔު ބުނަނީ މި ފާލަން ވެގެން ދާނީ އާދަޔާ ހިލާފު ރީތި ތަނަކަށެވެ. ފަހަރުގައި މި ސަރަހައްދުގެ "ނަމްބަރު ވަން" އަށް ވެސް ވެދާނެ އެވެ. ކޮންމެއަކަސް މުޅިން ވެސް އަދި މި އިވެނީ ވެސް ޔޯލަ ވާހަކަ އެވެ. ރަސްމީ ފަރާތަކުން މި ފާލަން ހުންނާނެ ގޮތުގެ ކުރެހުމެއް ދައްކާލާފައެއް ނެތެވެ.

އެމްޑީ ހަލީމް ވިދާޅުވީ ފާލަމުގައި މިހާރު ކުރިއަށް ދަނީ އެތަނުގައި ހުރި "ރިޔާތައް" ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.

"ފާލަމުގައި ދެ ބައެއް ހުންނާނެ. ފާލަމަށް އެއް ފަހަރާ ފަސް ލޯންޗަށް ކައިރި ކުރެވޭނެ،" ހަލީމް ވިދާޅުވި އެވެ.

"ފާލަމުގެ މަތި ހަދާފައިވަނީ ބިއްލޫރިން. ވީވީއައިޕީން ގެ ލޯންޗް އައިސް ވައްދާލާ ގޮތަށް ފާލަން ހުންނާނީ،" ހަލީމް ވިދާޅުވި އެވެ.

ރަސްމީ ފާލަން ނިމޭއިރު އެ ތަން ވެގެން ދާނީ މާލޭގެ މޫނު މައްޗަށް އިތުރުވާ ރީތި ތަނަކަށެވެ. ހާއްސަކޮށް ޓޫރިސްޓުން ޝައުގުވެރިވާނެ ހިތްގައިމު ތަނަކަށެވެ. ނަމަވެސް ސުވާލަކީ މި ފަހަރުގެ ފާލަން އިންނާނެ ގޮތަކާ މެދުގަ އެވެ. ތިން ރިޔާ ދުރުން ފެންނާނީ ކިހިނެއް؟