ހަބަރު

ލުތުފީއަށް މައާފު ދޭން ޖެހޭ: ޝަރީފް

ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލާގައި ބައިވެރިވި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީއަކީ ބަލި ހާލު ދެރަ އުމުރުން ދުވަސްވީ މީހެއް ކަމަށާއި އޭނާއަށް މައާފު ދޭން ޖެހޭ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ލުތުފީ ރާއްޖެ ގެންނަން ލަސްވާ ކަމަށް ބުނެ ރައްޔިތުން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަަށް ބަހުސް ކުރައްވަމުން ޝަރީފް ވިދާޅުވީ ލުތުފީ ރާއްޖެ އަރާ ކުރި ކަންކަމަކީ ބޮޑު ކުށެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އޭނާ އެކަމުގެ ހުކުމް ތަންފީޒު ކުރަމުންދާތާ އެތައް ދުވަހެއްވެފައިވާ ކަމަށެވެ. އަދި މިހާރު ފިލައިގެން އުޅުނު ކަމުގައިވީ ނަމަވެސް އޭނާއަކީ 70 އަހަރުވެފައިވާ މުސްކުޅިއެއް ކަމަށާއި އޭނާއަށް މައާފު ދޭން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ސަރުކާރަށް ގޮވާލަން ލުތުފީ ޖަލުގައި ހުރި މުއްދަތުގެ ބާކީ އޮތް މުއްދަތާއި ހުކުމް ކުރި ގޮތަށް ރިއާޔަތް ކުރުމަށް ފަހު އޭނާއަށް މައާފު ދިނުމަށް، އެއީ އެންމެ ރަނގަޅު ގޮތް، ކުށެއް ކުރީތީ އަބަދު އަަޅައިގަނެގެން އުޅޭކަށް ނުޖެހޭ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ނޮވެމްބަރު 3 ގެ ހާދިސާގައި 19 ދިވެހިން މަރުވެގެން ދިޔުމަކީ ހިތާމަވެރިކަމެއް ކަމަށާއި ނަމަވެސް އެއިން އެއްވެސް މީހެއްގެ ގަޔަށް ލުތުފީ ބަޑި ޖެހިކަން އެނގެން ނެތް ކަމަށެވެ. އަދި ލުތުފީ އެއްވެސް މީހެއް ގަޔަށް ބަޑި ނުޖަހާ ކަމަށާއި އޭނާއަކީ އެފަދަ ކަމެއް ކުރާނެ މީހެއް ނޫން ކަމަށް ބުނެ ޝަރީފް އޭނާ ދިފާއު ކުރެއްވި އެވެ.

"އަޅުގަނޑަކީ ޕްލޮޓު ޖަމާއަތާ ގުޅިފަައި އޮތް މީހެއް ވެސް ނޫން. އަދި މިކަން ވަރަށް ބޮޑަަށް ކުށްވެރި ކުރާ މީހެއް. އެކަމަކު ލުތުފީ މިހާރު އެހުރީ ބަލި މީހެއްގެ ގޮތުގައި. އެކަން ދަންނަން ޖެހޭ،" ޝަރީފް ވިދާޅުވި އެވެ.