ހަބަރު

ވިސްލްބްލޯއަށް އެކެޑަމީން ދިން ލަފުޒު ނަޝީދަށް ކަމަކު ނުދިޔަ

ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ބިލަށް ދިވެހި ބަހުގެ އެކެޑަމީން ހަމަޖެއްސި ނަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެ އެވެ.

ވިސްލްބްލޯ ކުރާ ފަރަތްތަކަށް ރައްކާތެރިކަން ދިނުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސާ އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ. ސަރުކާރުގެ ފަރާތުން ހުށަހެޅި އެ ބިލުގެ އިބްތިދާއީ އަޑުއެހުން މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާ އިއުލާން ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ވިސްލްބްލޯއަށް ދިވެހި ބަހުން ކިޔާނެ ލަފުޒެއްގެ ގޮތުގައި ލަފުޒެއް އުފައްދައި މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެ ލަފުޒަކީ "ފަސާކުރުން" އެވެ.

އެހެން ނަމަވެސް ދިވެހި ބަހުގެ އެކެޑަމީން ހަމަޖެއްސި ނަމަށް ހިތްހަމަޖެހިވަޑައިނުގެން ރައީސް ނަޝީދު ވަނީ އެ ނަން ބަދަލު ކުރުމަށް އެދިވަޑައިގެންފަ އެވެ. އެ ގޮތުން "ފަސާކުރުން" އަށްވުރެ ދިވެހިންނާ ރައްޓެހި ލަފުޒެއް ހަމަޖެއްސުމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ނަޝީދު ވަނީ ވިސްލްބްލޯއަށް ކިޔާނެ ނަމެއް ވެސް ހުށަހަޅުއްވާފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ވިސްލްބްލޯއަށް "ބޭޒާރުކުރުން" ލަފުޒާ ވައްތަރު ލަފުޒެއް ހުށަހެޅުއްވުން ރަނގަޅު ވާނެ ކަމަށް ވިދާޅުވެފަ އެވެ.

"ތި ބޭފުޅުންނަށް އެ ބަސް ބޭނުން ކުރަން ފެނިވަޑައިގަންނަވާނަމަ އެ ބަހަކީ ފާސާކުރުން. ނަމަވެސް ބަހުގެ އެކެޑަމީއަށް ދަންނަވަން އެދެން ބޭނުން ވިސްލްބްލޯ ކުރުމުގެ އެންމެ މައިގަނޑު އަސާސަކީ ވަރަށް ފައްކާ ސާދާ ދިވެހި ބަހެއް އޮތް ކަމެއް، އެއީ ބޭޒާރު ކުރުން. ދެން ބޭޒާރުކުރުން އެ ބަހަށް ބަދަލެއް ގެނެސްގެން ބަހެއް އުފަންވުން ބުއްދިވެރި ކަމެއްގެ ގޮތުގައި މި ރިޔާސަތަށް ފެނޭ." ނަޝީދު ވިދާޅުވި އެވެ.

ވިސްލްބްލޯ ކުރާ ފަރާތްތަކަކީ ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކުގެ މެދުގައި ވެސް ހިނގާ ކޮރަޕްޝަންގެ އަމަލުތައް ހޯދައި ފަޅާއަރުވާލައި ފަރާތްތަކެވެ.