ދިވެހި ޕްރެމިއާ ލީގް

ހިތްގައިމު ގޯލުން ޔާން ހިތްހަމަޖެހުން

ދިވެހި ޕްރިމިއާ ލީގްގައި ރޭ ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގެ ދެ ވަނަ ހާފުގައި، ގްރީން ސްޓްރީޓްގެ އަބްދުﷲ ޔާމީން (ޔާން) ކުޅެން ނިކުމެ، ގުރީންގެ އެޓޭކުގައި އޭނާ ޑޮމިނެންސް ދެމެހެއްޓި އެވެ. ޓީސީގެ ފަހަތުން ލިބުނު ޖާގަ ތަކާއެކު އޭނާގެ ކުޅުނު ގޮތުން ގިނަ ބަޔަކަށް ހިތްހަމަޖެހުން ގެނެސް ދިނެވެ.

ކުޅެން ނުކުތްތާ ފަސް ވަނަ މިނެޓްގައި ޔާން ވަނީ، ގުރީންއަށް ދެ ވަނަ ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. ރާއްޖޭގެ އެއް ވަނަ ގޯލްކީޕަރު އިމްރާން މުހައްމަދު ބަލަހައްޓަމުން ދިޔަ ގޯލަށް ޔާން ވައްދާލި ގޯލަކީ، ހިތްގައިމު މޮޅު ގޯލެކެވެ.

ޓީސީގެ ހާފުގެ މެދުތެރޭގައި ހުރެފައި، މުހައްމަދު އާރިފް (ބަކާ) ދިން ބޯޅަ، އޭރިއާގެ ބޭރުން ޔާން ފޮނުވާލާނެ ކަމަށް އިމްރާން ވެސް ހުރީ ތައްޔާރު ވެގެނެއް ނޫނެވެ. ޓީސީގެ ކުޅުންތެރިން ވެސް ހީކޮށްގެން ތިބީ ޔާން އަށް ލިބުނު ބޯޅަ އޭނާ ޕާސް ދޭނީ އަރިމައްޗަށް ކަމަށެވެ. އެހެން ނަމަވެސް އޭނާގެ ފައިދަށަށް ރަނގަޅަށް ބޯޅައިގެ ކޮންޓްރޯލް ގެނައުމަށް ފަހު އޭރިއާގެ ބޭރުން ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލި އެވެ.

"ވަރަށް ބޮޑަށް ހިތްހަމަ ޖެހިއްޖެ،" ރޭ ގެ މެޗަށް ފަހު އަވަސް އާ ވާހަކަ ދައްކަމުން ޔާން ބުންޏެވެ. "މިއީ ވަރަށް ބޮޑު ހިތްވަރެއް، އަދި ރާއްޖޭގެ އެންމެ މޮޅު ކީޕަރު އިމްރާން ކައިރިން މިކަހަލަ ގޯލެއް ޖެހުމަކީ ފަސޭހަ ކަމެއް ނޫން، އެއީވެސް ވަރަށް އުފާވި ކަމެއް، މި ގޯލް އަބަދުވެސް ހަދާން ހުންނާނެ."

ޔާން ލަނޑު ޖެހުމުން، ގްރީންގެ މުޅި ޓީމުން އޭނާ އާއެކު އުފާފާޅު ކުރި އެވެ. ގުރީންގެ ހަމަލާތަކުގައި ލީޑް ނަގަމުން ދިޔަ، ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި މުހައްމަދު އުމޭރުގެ ފަރާތުން ވަރަށް ބޮޑަށް އުފާފާޅު ކުރުން ފެނިގެން ދިޔަ އެވެ. ކީޕަރު އިބްރާހިމް ލަބާން ޝަރީފް ވެސް ގޯލް ދޫކޮށްފައި އަމިއްލަ ހާފު ހުރަސްކޮށް ޓީސީގެ ހާފުގެ ތެރެއަށް އަށް އައިސް ޔާން ޖެހި ގޯލަށް އުފާ ފާޅު ކުރި އެވެ.


"ގޯލް ޖެހީމަ ދަގޭ އާއި އެހެން ކުޅުންތެރިން ކީ މަރުހަބާ އެއީ ވަރަށް ހާއްސަ ކަމެއް، ހުރިހާ ކުޅުންތެރިން ވެސް އެކަން ފާހަގަ ކުރީމަ އިތުރު ހިތްވަރަކަށް އެކަން ވޭ."

ޔާން ޖެހި އެ ގޯލަކީ، ދިވެހި ޕްރިމިއާ ލީގްގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ. ގްރީން ސްޓްރީޓްގެ ސީނިއާ ޓީމަށް އޭނާ ފުރަތަމަ ގޯލް ޖެހީ، 2017 ވަނަ އަހަރު އެފްއޭ ކަޕުގަ އެވެ.

އުމުރުން 18 އަހަރުގެ ޔާން އަކީ، ސީނިއާ ގައުމީ ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. މިދިޔަ އަހަރު މާޗް މަހު ސިންގަޕޫރާ ދެކޮޅަށް، ކުޅުނު މެޗުގެ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ޔާން ވަނީ ކުޅެން ނިކުމެފަ އެވެ. ގައުމީ ޓިމުގެ 17 ނަންބަރު ޖޯޒީގައި އޭނާ ކުޅެން ނިކުތް އިރު އޭނާގެ އުމުރަކީ 17 އަހަރާއި 85 ދުވަހެވެ.

އޭނާގެ ކުރިން ގައުމީ ޓީމަށް ކުޅުނު އެންމެ ހަގު ކުޅުންތެރިޔަކީ، މުހައްމަދު ހަލީމް 'ބޮޑު ޖަޑާ' އެވެ. ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި 1984 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި އޭނާ ގައުމީ ޓީމަށް ކުޅެން ފެށިއިރު އޭނާގެ އުމުރަކީ 17 އަހަރާއި 145 ދުވަހެވެ.