ހަބަރު

ޕްލާސްޓިކް މަދުކުރަން ދަރިވަރުން ހުށަހެޅި އިލްތިމާސްގެ ގަރާރު ފާސްކޮށްފި

އެއް ފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކް މަދު ކުރުމުގެ ގޮތުން މާލޭގެ ސްކޫލްތަކުގެ ދަރިވަރުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިލްތިމާސާ ގުޅިގެން މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ތަޅުމަށް ފޮނުވި ގަރާރު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ޣިޔާސުއްދީން ސްކޫލް އިން އިސް ނަގައިގެން މާލޭގެ 17 ސްކޫލެއް ތަމްސީލު ކުރާނެ ދަރިވަރުން ވަނީ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމޭޓް ޗޭންޖް ކޮމިޓީގެ މަޖިލިސް މެންބަރުންނާ މިދިޔަ އާދީއްތަ ދުވަހު ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ބައްދަލުވުމުގައި ދަރިވަރުން ހުށަހެޅި އިލްތިމާސްގެ މައްޗަށް ބިނާކޮށް ކޮމިޓީން ދިރާސާކޮށް ތައްޔާރުކުރި ގަރާރު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީން ހުށަހެޅި ގަރާރުގައި ދައުލަތުގެ މުއައްސަސާތަކުން މައިގަނޑު ހަ ކަމެއް ކުރަން ކަނޑައަޅައި ގޮވާލާފައި ވެ އެވެ. އެ ގޮތުން 2025 ވަނަ އަހަރުން ފެށިގެން އެއް ފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކްގެ ހުރިހާ ބާވަތެއް ރާއްޖޭގައި މަނާކުރުމުގެ ލަނޑުދަނޑިއަށް މަސައްކަތް ކުރުމާއި އެ ތަކެތީގެ ބަދަލުގައި ބޭނުން ކުރެވޭނެ ތިމާވެއްޓާއި ރައްޓެހި ތަކެތި ރާއްޖޭގައި ކުރިއެރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން ހިމެނެ އެވެ.

ގަރާރުގައި ހާސިލުކުރަން ކަނޑައެޅި ހަ ކަންތައް

1. އެއް ފަހަރު ބޭނުން ކޮށްފައި އެއްލާލައި ޕްލާސްޓިކް ފުޅިއާއި ޕްލާސްޓިކް ހޮޅި ވިޔަފާރިތަކުގައި ބޭނުންކުރުން ހުއްޓުވުމުގެ ބާރު އެޅުން
2. އެއް ފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކް ބާވަތްތައް އާންމުން ބޭނުންކުރުމުން ދުރުކުރުމަށް އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން
3. އެއް ފަހަރު ބޭނުންކޮށް އުކާލެވޭ ބާވަތުގެ ޕްލާސްޓިކް ފުޅި ރާއްޖޭގައި އުފެއްދުމާއި ބޭނުން ކުރުން މަދުކުރުމަށް ގޮސް 2024 އިން ފެށިގެން އެފަދަ ފުޅި ރާއްޖޭގައި މަނާ ކުރުން
4. އެއް ފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކް ހޮޅިއާއި ސުޕާރީ ޕެކެޓާއި ޕްލާސްޓިކް ކޮތަޅު 2020 ގެ ނިޔަލަށް ރާއްޖޭގައި މަނާކުރުން
5. 2025 ގެ ނިޔަލަށް ހުރިހާ ބާވަތެއްގެ އެއް ފަހަރު ބޭނުންކޮށް އުކަލެވޭ ޕްލާސްޓިކް ބޭނުން ކުރުން ރާއްޖޭގައި މަނާކުރުން
6. އެއްފަހަރު ބޭނުންކޮށް އުކާލެވޭ ކޮތަޅާއި ފުޅިއާއި ހޮޅި ފަދަ ތަކެތީގެ ބަދަލުގައި ބޭނުން ކުރެވޭ ތިމާވެއްޓާ ރައްޓެހި ތަކެތި ރާއްޖޭގައި ކުރިއެރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން