ހަބަރު

149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ދައުވާކޮށްފި

Jul 1, 2019
1

ކަނޑު މަގުން ރާއްޖެ އެތެރެކޮށް ގދ. ގެ ފަޅުރަށް، ހުޅުވާރުލުގައި ވަޅުލައިގެން އުޅެނިކޮށް އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ފަސް މީހަކަށް ދައުވާކޮށްފި އެވެ.

މިިދިޔަ އޭޕްރީލް މަހު ފެނުނު މަސްތުވާތަކެތީގެ މައްސަލައިގައި ފަސް މީހަކު މީގެ ކުރިން ހައްޔަރުކުރި އެވެ. ނަމަވެސް މިވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން އަމުރުކުރި ހަތަރު މީހުންނެވެ.

ރާއްޖެ އެތެރެކޮށް އެ ރަށަށް ބަލާފައި ވަޅުލައިގެން އުޅެނިކޮށް އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ޕެކިންގައި ހުރި ހެރޮއިން އާއި ކެނެބިސް އެވެ. އެ މައްސަލާގައި އެ ފަޅު ރަށުން އަތުލީ 100 ކިލޯގެ ހެރޮއިން އާއި 49 ކިލޯގެ ކެނަބިސް އެވެ. އެތަކެތީގެ މަގުމަތީގެ އަގަށް 240 މިލިޔަން ރުފިޔާގެ އަރަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ހަތަރު މީހަކަށް އަދި ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ދައުވާ އެކެއްގެ މައްޗަށް މިދިޔަ ހަފުތާގައި ކޮށްފައިވާ ކަމަށެވެ.