ކުޅިވަރު

ޑިއޭގޯ ގޯޑިން އިންޓަ މިލާނަށް ބަދަލު ވެއްޖެ

ވޭތުވެދިޔަ ނުވަ އަހަރު، އެތުލެޓިކޯ މެޑްރިޑަށް ކުޅުނު ޑިފެންޑަރު އުރުގުއޭގެ ޑިއޭގޯ ގޯޑިން އިންޓަ މިލާންއަށް ބަދަލު ވެއްޖެ އެވެ.

އިންޓަ މިލާން އިން ވަނީ، ގޯޑިން އެ ޓީމަށް ބަދަލު ވެފައިވާ ކަމަށް ސޯޝަލް މީޑިއާގައި އިއުލާން ކޮށްފަ އެވެ. މިހާރު އުމުރުން 33 އަހަރުގެ ޑިފެންޑަރު ވަނީ މީގެ އެއް މަސް ކުރިން އެތުލެޓިކޯ ދޫކޮށްލާފަ އެވެ.

އެތުލެޓިކޯގައި އިތުރު ދެ އަހަރަށް މަޑުކުރަން އޭނާގެ ފަރާތުން ހުށަހެޅި އެވެ. އެހެންނަމަވެސް އެތުލެޓިކޯއިން ގެންގުޅޭ ޓްރާންސްފާގެ ޕޮލިސީގެ ދަށުން އޭނާ އަށް ދެ އަހަރުގެ އެއްބަސްވުމެއް ދޭން އެ ޓީމުން ބޭނުން ނުވީ އެވެ. އުމުރުން 30 އަހަރުން މަތީގެ ކުޅުންތެރިންގެ އެއްބަސްވުމުގެ މުއްދަތު ހަމަވާނަމަ އެއް އަހަރަށް ވުރެ ދިގު އެއްބަސްވުމެއް އެ ކުޅުންތެރިޔަކަށް ހުށަހެޅުމަކީ އެތުލެޓިކޯ ޓްރާންސްފާ ޕޮލިސީގައި ހިމެނޭ ކަމެއް ނޫނެވެ.

އުރުގުއޭގެ ނެޝަނަލް ފުޓްބޯލް ކުލަބަށް ކުޅުމަށް ފަހު، ގޯޑިން ސްޕެނިޝް ލީގަށް ބަދަލުވީ 2007 ވަނަ އަހަރު އެވެ. ސްޕެނިޝް ލީގްގައި އޭނާ އެންމެ ފުރަތަމަ ކުޅުނީ ވިޔަރެއާލްއަށެވެ. އެތުލެޓިކޯއަށް އޭނާ ބަދަލުވީ 2010 ވަނަ އަހަރު އެވެ. މެންޗެސްޓާ ސިޓީން ވަނީ ގޯޑިން ގެންދިއުމަށް 2015 ވަނަ އަހަރު މަސައްކަތް ކޮށްފަ އެވެ.

އެތުލެޓިކޯގެ ކޯޗް، ޑިއޭގޯ ސިމިއޯނޭގެ ކޯޗް ކަމުގެ ދަށުން އެތުލެޓިކޯއިން 2014 ވަނަ އަހަރު ސްޕެނިޝް ލީގް ހޯދިއިރު އޭނާ އަކީ އެ ޓީމުގެ މުހިންމު ކުޅުންތެރިޔެކެވެ. އެތުލެޓިކޯ އާއެކު ޔޫރޮޕާ ލީގް ޗެމްޕިއަންކަން ހޯދި އެވެ. އަދި ޔޫއެފާ ސުޕަ ކަޕް ކާމިޔާބު ކޮށް، ޗެމްޕިއަންސް ލީގްގެ ފައިނަލަށް ދެ ފަހަރު ދަތުރު ކުރި އެވެ.