ހަބަރު

މަސް ދޯނިތަކުގައި އައިސް ޕްލާންޓް ބަހައްޓަންދޭ ލޯނުގެ މުއްދަތު އިތުރުކޮށްފި

ފިޝަރީޒް ޑިވަލޮޕްމެންޓް އިން ކުރިއަށް ގެންދާ "ކަނޑުފަޅުގެ ނަފާ" ޕްރޮގްރާމްގެ ދަށުން ދޫކުރާ ލޯނަށް މުއްދަތު އިތުރުކޮށްފި އެވެ

"ކަނޑުފަޅުގެ ނަފާ" ޕްރޮގްރާމްގެ ދަށުން ލޯނަށް މުއްދަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށެވެ. މި ލޯނުގައި ދޫކުރެވޭނީ 3.8 މިލިއަން ރުފިޔާ އެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މަސްވެރިންނަށް ދޫކުރާ މި ލޯނުގެ މަގްސަދަކީ އެކި އަތޮޅު ތަކުގައި ގާއިމްކޮށްފައި ހުރި އައިސް ޕްލާންޓްތަކުން މަސްވެރިން ބޭނުންވާ މިންވަރަށް އައިސް ނުލިބި އައިސް ހޯދަން ކުރަންޖެހޭ ހޭދަ ކުޑަކުރުމަށް ކަމަށެވެ. އަދި މަސްވެރިކަމުގައި ބާނާ މަސް ގިނަ ވަގުތު ތާޒާކަންމަތީީ ދޯނީގައި ރައްކާކޮށް، މަސްވެރިކަން އިތުރަށް ތަރައްގީކުރަން އެހީތެރިވުމަށް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މި ލޯނަށް އެދެން ބޭނުންވާ މަސްވެރިންނަށް ފިޝަރީޒް މިނިސްޓްރީ އާއި އެސްޑީއެފްސީގެ ވެބްސައިޓުން ފޯމް ލިބެން ހުންނާނެ އެވެ.