ފިނިޕޭޖް

"ލީނާ"ގެ ދިގު ޓްރެއިލާ އެއް ދޫކޮށްލައިފި

އަބްދުﷲ މުއާޒްގެ ފުރަތަމަ ފީޗާ ފިލްމު "ލީނާ" އުފެއްދުމަށް ތިން އަހަރަށްވުރެ ގިނަަ ދުވަސް ވަންދެން ވަނީ މަސައްކަތް ކޮށްފަ އެވެ. ރާއްޖޭގައި ހިނގި މަރުގެ ހާދިސާއަކަށް އިންސްޕަޔާ ވެގެން ހަދާފައިވާ މި ފިިލްމުގެ ޝޫޓިން މިދިޔަ އަހަރު ނިންމާލި އިރު މިހާރު ކުރިއަށްދާ ޕޯސްޓް ޕްރޮޑަކްޝަން އާއެކު ލީނާގެ ދިގު ޓްރެއިލާ އަކަށް އިންތިޒާރުކޮށްގެން ތިބި މީހުންނަށް ޓްރެއިލާއެއް މިއަދު ދޫކޮށްލައިފި އެވެ.

މި ފިލްމުގެ ތިއެޓްރިކަލް ޓްރެއިލާ މިއަދު ނެރެފައިވާ އިރު މިއީ މި ފިލްމުގެ ދިގު ޓްރެއިލާ އެއް ދެއްކި ފުރަތަމަ ފަހަރެވެ. ފިލްމުގެ ލީޑް ތަރި އަދި ލީނާގެ ރޯލު ކުޅޭ މަރިޔަމް އައްޒަ މި ފިލްމުގައި ގެނެސްދޭ ކެރެކްޓާ ދައްކުވައިދެ އެވެ. އަދި، މި ސީންތަކާއެކު އައްޒަ އާއި ދޮން އައްޔަގެ ލޯބީގެ ފެށުމުން ދެން މަންޒަރު ބަދަލު ކޮށްލަނީ މުޅިން ތަފާތު ކުލަވަރަކަށެވެ. ލީނާގެ ގާތިލު، މުއާގެ އިންޓްރޯ އެއް ކަހަލަ ސީންތަކެއް އެއާ ޖެހިގެން ދެން ފެނެ އެވެ.

އަދި، މުއާގެ ކެރެކްޓާގެ އަސްލު ފެންނަން ފަށަނީ ޓްރެއިލާގައި ހިމަނާފައިވާ ޑައިލޮގަކުންނެވެ.

"ވަރަށް ބޮޑު ވާހަކައެއް ވީމަތާ ފޯނުން ނުދެއްކޭނީ ދޯ؟ ފާއިޒު އަށް އެނގޭނެ އަހަރެންގެ ގޮތް.. އަހަރެން ކޮށްފާނެ ކަންތަކާ، ކުރާނެ ކަންތަކާ ނުކުރާނެ ކަންތައް ވެސް..." ޓްރެއިލާގައި މުއާ ބުނެ އެވެ.

ތަފާތު ސްޓައިލެއްގައި ބުނާ މި ކުރު ޑައިލޮގުން މުޅި ޓްރެއިލާ ސަސްޕެންސް ގަނޑަކަށް ވައްޓާލަ އެވެ. އަދި މިއީ އަނިޔާވެރިކަމުގެ ފެށުން ކަމަށް ހީކޮށްގެން ހުއްޓާ ލީނާއަށް ކުރާ އަނިޔާވެރި ހަމަލާތަކަށް ދެ އެވެ. މުއާ ކުރިން ބުނި، ކުރާނެ ކަމަކާއި ކޮށްފާނެ ކަމަކީ މިއީ ކަމަށްވެސް ވެދާނެ އެވެ؟ ޔަގީން ވާނީ ފިލްމު ބެލީމަ އެވެ. މުއާވެސް ބުނަނީ މި ފިލްމުގެ ފެންވަރު ޖަޖް ކުރާނީ ބެލުންތެރިން ފިލްމު ބެލުމަށްފަހު ކަމަށެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހަނާ ތެރޭ ކުރިން މަރާލާފައިވާ، އަޒްލީނާ ނަފީސްގެ މަަރުގެ ހާދިސާ އަސްލަކަށް ބަލައިގެން އުފެއްދި ފިލްމު "ލީނާ" އަންނަ މަހު 23 ގައި ބެލުންތެރިންނަށް ގެނެސްދޭން ނިންމައިފައި ވުމާއެކު ވެސް ގިނަބަޔަކު ބޭނުންވީ މި ސަސްޕެންސް ބަލާލުމަށެވެ.

މި މަަހު 23 ވަނަ ދުވަހު އަޅުވާ މި ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައިވަނީ އަހްމަދު ޒަރީރު އެވެ. ފިލްމުގެ މުހިއްމު ރޯލުތަކުން، އައްޒަ އާއި މުއާގެ އިތުރުން އަލީ އާޒިމް (ދޮން އައްޔަ) އާއި، ނުޒުހަތު ޝުއައިބު (ނުޒޫ)، އަހްމަދު އީސާ (އާނަންދު)، އަހްމަދު ނިމާލް ވެސް ފެންނާނެ އެވެ.