ހަބަރު

އިދިކޮޅު ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ: ޕީޕީއެމް

އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބާއްވާ އިދިކޮޅު ޕާޓީތަކުގެ ޖަލްސާގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ޕާޓީތަކުން ބުނެފި އެވެ.

އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮންގްރެސް ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. މިއީ މި ސަރުކާރު އައި ފަހުން ޖަލްސާގައެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ފުރަތަމަ ފަހަރެވެ.

"އަޅުގަނޑުމެން އިދިކޮޅު ޕާޓީތަކުން ބާއްވާ ރެލީގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ. އަދި އަޑު އުފުއްލަވާނެ." ޝުޖާއު ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި އެ ޕާޓީގެ ޖަލްސާއެއް ބޭއްވުމަށް އެ ސަރަހައްދު ދޫކޮށް ދިނުމަށް އެދި ޕްލޭނިން މިނިސްޓްރީއަށް ސިޓީ ފޮނުވާފަ އެވެ. ނަމަވެސް މިއަދާ ހަމައަށް އަދި ޕްލޭނިން މިނިސްޓްރީން ޖަލްސާ ބޭއްވުމުގެ ހުއްދައެއް ދީފައެއް ނުވެ އެވެ. އަދި ހުއްދަ ނުދޭނެ ކަމަށް ވެސް އަންގާފައެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި އިދިކޮޅު ޕާޓީތަކުގެ ޖަލްސާ ބާއްވަން އެ ފަރާތްތަކުން ނިންމާފައި ވަނީ އެ ރޭ 9:00 އަށެވެ. ޕީޕީއެމާއި ކޮންގްރެސްގެ ޖަލްސާއެއް ބާއްވަން ނިންމާފައި މިވަނީ ދުވަސްތަކެއް ފަހުންނެވެ. އެ ގޮތުން ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވެސް އެ ދެ ޕާޓީން ބޮޑު ޖަލްސާއެއް ބާއްވާފައެއް ނުވެ އެވެ.