ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ގެނައުން ލަސްވާތީއާއި އެ ކަމުގެ މައުލޫމާތުތައް ސަރުކާރުން ހާމަނުކުރާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީން އިހުތިޖާޖަށް ނުކުންނަން ނިންމައިފި އެވެ.
ޕީޕީއެމާއި ކޮންގްރެސް ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮންގްރެސް ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހު ރޭ ކާނިވާ ސަރަހައްދުގައި އިދިިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީން ޖަލްސާއެއް ބާއްވަން ނިންމީ ލުތުފީ ރާއްޖެ ގެނައުން ލަސްވާތީ އޭނާ ގެނައުމަށް ގޮވާލައި އިހުތިޖާޖު ކުރުމުގެ ގޮތުން ކަމަށެވެ.
އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި އެ ޕާޓީގެ ޖަލްސާއެއް ބޭއްވުމަށް އެ ސަރަހައްދު ދޫކޮށް ދިނުމަށް އެދި ޕްލޭނިން މިނިސްޓްރީއަށް ސިޓީ ފޮނުވާފަ އެވެ. ނަމަވެސް މިއަދާ ހަމައަށް އަދި ޕްލޭނިން މިނިސްޓްރީން ޖަލްސާ ބޭއްވުމުގެ ހުއްދައެއް ދީފައެއް ނުވެ އެވެ. އަދި ހުއްދަ ނުދޭނެ ކަމަށް ވެސް އަންގާފައެއް ނުވެ އެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ލުތުފީގެ ވާހަކަ ދެއްކުމުން އެމްޑީޕީގެ މެންބަރުންނަށް ވާ އުނދަގޫ މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރެއްވި އެމްޑީޕީގެ މެންބަރުންގެ ރާގުން އެނގިގެން ގޮސްފައިވާ ކަމަށެވެ.
ލުތުފީއާއި އެމްޑީޕީއާ ގުޅުވައިގެން ޝިޔާމް ވަނީ ތަފާތު ތުހުމަތުތަކެއް ކުރައްވައިފަ އެވެ. އެ ގޮތުން ލުތުފީ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހުއްދަ ދިނުމުން ޝިޔާމް ވިދާޅުވީ ލުތުފީ ފިލައިގެން ދިޔައީ ނޫން ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގައި ލުތުފީ ފިއްލުވީ ކަމަށެވެ. އަދި މިދިޔަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރުމުގައި ލުތުފީގެ ދައުރެއް އޮވެދާނެ ކަމާ މެދު ޝިޔާމް ސުވާލު އުފެއްދެވި އެވެ.
"ލުތުފީ އޭ ބުނީމަ މިއަދުގެ ސަރުކާރުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ތަންކޮޅެއް އުނދަގޫ ވަނީ. ނަމަވެސް ދިވެހި ރައްޔިތުންނަށް އެނގޭ އެއީ ބާޣީއެއްކަން އަދި އެއީ ރާއްޖޭގައި އުފެދުނު އެންމެ ބޮޑު ބާޣީކަން. މިއަދުގެ ބަހުސްގައި ލުތުފީ ދިފާއުކުރަން އެމްޑީޕީގެ މެންބަރުން ކުރި މަސައްކަތް ދިރާސާކުރަން މީޑިއާއަށް ދޫކޮށްލަން." ޝިޔާމް ވިދާޅުވި އެވެ.
ޖެނުއަރީ 16، 2010 ގައި ލުތުފީ ބޭސް ފަރުވާއަށް ފޮނުވުމުން އޭގެ ފަހުން އެނބުރި ރާއްޖެ އައިސްފައެއް ނުވެ އެވެ. ނަމަވެސް މިދިޔަ މެއި މަހުން ފެށިގެން އޭނާ އުޅެމުން ދަނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގަ އެވެ. ނަމަވެސް އެކަމުގެ މައުލޫމާތު ސަރުކާރުން ހާމަކުރީ ސޯޝަލް މީޑިއާގައި އެ އަޑު ފެތުރިފައިވަނިކޮށް މިދިޔަ ހޯމަ ދުވަހުގަ އެވެ.
ލުތުފީގެ މައުލޫމާތު ސަރުކާރުން ހިއްސާނުކޮށް ދެ މަހަށްވުރެ ގިނަ ދުވަސްވުމުން އެ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ގެންދަނީ ފާޑުކިޔަމުންނެވެ.
ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ލުތުފީ ފަދަ ކުށްވެރިއެއް އެމްބަސީގައި ހުންނަތާ ދެ މަހަށްވުރެ ގިނަ ދުވަސްވީއިރު ވެސް އެ ތަނުގައި ބަހައްޓަން ޖެހޭ ސަބަބާއި އެ ކަމުގެ މައުލުމާތުތައް މިހާރަށްވުރެ ތަފުސީލުކޮށް ސަރުކާރުން ހާމަ ކުރަން ޖެހޭނެ ކަމަށެވެ. ސައީދު ވިދާޅުވީ މި ސަރުކާރަކީ ދެފުށްފެންނަ ގޮތަށް ހާމަކަން ބޮޑު ގޮތެއްގައި މައުލޫމާތު ފޯރުކޮށްދޭނެ ކަމަށާއި މީޑިއާއާ ގާތް ކަމެއް ބާއްވާނެ ކަމަށް ވައުދުވެ އައި ސަރުކާރުން ލުތުފީގެ މައްސަލައާ ހަމައިން ކަންކަން ފޮރުވަމުންދާ ކަމަށެވެ.
ޝުޖާއު ވެސް ވިދާޅުވީ މި ސަރުކާރު ފުރަތަމަ އައިއިރު މީޑިއާތަކާ ގާތް ގުޅުމެއް ބާއްވައި ކޮންމެ ހަފުތާއަކު ސަރުކާރުގައި ހިނގަމުންދާ ކަންކަމާ ބެހޭ މައުލޫމާތުތައް ހާމަކުރަމުން ދިޔަ ކަމަށެވެ. ނަމަވެސް ލުތުފީގެ މައްސަލަ އައި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާ ކަމަށާއި މައްސަލާގައި އެއްވެސް މިނިސްޓަރަކު ވެސް މިހާތަނަށް އެއްޗެއް ވިދާޅުވެފައި ނުވާ ކަމަށެވެ.