ހަބަރު

ފުވައްމުލަކު މަގުތައް ނުހަދާތީ މަގުމައްޗަށް ނުކުންނަނީ

ފުވައްމުލަކު މަގުތަކުގެ ފެންވަރު ދަށް ވެގެން "ހައްގު މިންވަރު ހޯދަަން" ކަމަށް ބުނެ ޝުއޫރު ފާޅުކޮށް އިހުތިޖާޖެއް ކުރަން އެ ރަށުގެ ބަޔަކު މަސައްކަތް ފަށައިފި އެވެ.

ސިޓީގެ ބަޔަކު އިސްވެ މި އިހްތިޖާޖަށް ނުކުންނައިރި ސޯޝަލް މީޑިއާގައި ފުވައްމުލަކަށް ނިސްބަތްވާ މީހުން އެ ސިޓީގެ މަގު ތަކުގެ ފެންވަރު ދަށް ކަމަށް ބުނެ ޝުއޫރު ފާޅުކުރަމުންނެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ބުނާ ގޮތުގައި ފުވައްމުލައް ސިޓީއަކަށް ބަދަލު ކުރި ފަހުން ތިން އަހަރު ވީ އިރު ވެސް މަގުތަކުގެ މައްސަލަ ހައްލު ނުވެ އޮތުމަކީ ސަރުކާރު ލަދުގަންނަން ޖެހޭނެ ކަމެއް ކަމަށެވެ.

ޝުއޫރު ފާޅު ކުރާ ބައެއް މީހުން ބުނެފައިވާ ގޮތުގައި ވާރޭ ވެހޭ ކޮންމެ ފަހަރަކު އެ ރަށުގެ މަގުތަކުގައި ފެން ބޮޑުވެ، ހޮސްޕިޓަލަށާއި ސްކޫލުތަކަށް ދިއުމަށް އުދަނގޫތަކާއި ކުރިމަތިވެ އެވެ.

މި މައްސަލަތަކާ ގުޅިިގެން އެ ސިޓީގެ ބަޔަކު އިސްވެ "ހައްގު މިންވަރު ހޯދަން" އިހްތިޖާޖެއް ކުރަން ނިންމާފައިވާއިރު މި މަހުގެ އަށްވަަނަ ދުވަހާއި ހަމައަށް އެކަންކަން ހައްލު ނުވެއްޖެނަމަ ސިޓީ ކައުންސިލް ކައިރިއަށް އެއްވެ އިހުތިޖާޖު ފުޅާ ކުރާނެ ކަމަވެސް ސޯޝަލް މީޑިއާގައި ފާޅުކޮށްފައިވާ ޝުއޫރުތަކުގައި ބުނެފައި ވެއެވެ.

މި މައްސަލައާއި ގުޅިގެން ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ މިއަދު ވިދާޅުވީ، ރަށުތެރޭގެ މަގުތައް ހަދަން އެމްޓީސީސީއާ މި ހަފުތާ ތެރޭގައި ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަަމަށެވެ.

ސިޓީ ކައުންސިލްގެ މެންބަރު ހަމަދު އަބްދުﷲ ވިދާޅުވި ގޮތުގައި ރަށުގައި އަމަލީ ގޮތުން ކުރަމުން އަންނަނީ ރަށުގެ އުތުރު ފަރާތުގައި އޮންނަ ރިންގް ރޯޑުގެ 2.7 ކިލޯމީޓަރު ހެދުމުގެ މަސައްކަތެވެ. އެހެން މަގުތަކުގެ މަސައްކަތް ކުރަން އެއްވެސް ފަރާތަކާ ހަވާލުކޮށްފައެއް ނުވެއެވެ.