ރިޕޯޓް

ބާޣީ ލުތުފީ: މި ސަރުކާރުގައި ހެދޭނެ ބޮޑު ބާގަނޑު!

އިސްލާމީ މަރުކަޒާ ދިމާލުން ސިފައިންގޭގެ ފާރުގައި ހުންނަ ބާގަނޑަކީ ނޮވެމްބަރު 3، 1988 ގެ ބިރުވެރިކަމާއި ދުޝްމަނުންގެ ހީލަތްތެރި ރޭވުމުގެ ނިޝާނެކެވެ. ބާޣީ އަބްދުﷲ ލުތުފީގެ އިރުޝާދުގެ މަތިން ޕްލޯޓު ޖަމާއަތުގެ އަމާޒަކަށް އެ ދުވަހު ހެދީ ސިފައިންގެ ހެޑްކުއާޓަރެވެ. އެތަނުގެ ތެރެއަށް ވަދެގަތުމަށް މަގުމަތީ ފާރު ގޮއްވާލި އެވެ. އެެއީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ފޫއަޅުވާލިކަން ފެންނަ ބާގަނޑެކެވެ. ދިވެހިންގެ ހިތްތަކުގައި ވަޅުޖެހިގެން ދިޔަ ފޫނުބެއްދޭ ވަރުގެ ގެއްލުން ލިބުނު ދުވަހެއްގެ ހަނދާނެކެވެ.

ތަމަޅައިންގެ ވަކި ދައުލަތެއް ސްރީ ލަންކާގައި އުފައްދަން މަސައްކަތް ކުރި، ޕްލޯޓު ޖަމާއަތް ރާއްޖެ ގެނެސް ގަޑުބަޑު ކުރި ބޮޑު ބާޣީއަކީ އަބްދުﷲ ލުތުފީ އެވެ. އެއީ ނޮވެމްބަރު 3 ގެ ހާދިސާ ހިނގުންހާ ސާފު ކަމެކެވެ. އަދި "މައާފު" ދީ، ހަނދާން ނައްތާލެވޭނެ ކަމެއް ނޫނެވެ. އެކަމެއް ނުވެސް ކުރުވޭނެ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ލުތުފީ "ފިލުވި" ފަހުން އަލުން އޭނާގެ ވާހަކަ ފެންމަތިވީ އޭނާ ލަންކާ އެމްބަސީގެ ތެރޭގައި އުޅެމުންދާ ކަން ފަޅާއަރުވައިލި ހިސާބުންނެވެ. ދިވެހިންގެ ލެއާ ގުޅިފައިވާ އެއްވެސް ކަމަކީ އަވަހަށް ހިނދޭނެ ނުވަތަ ހިންދާ ލެވޭނެ ވެސް ކަމެއް ނޫނެވެ. އޭގެ ބަދަލުގައި ސަރުކާރުގެ ފަރާތުން ދައްކާ ވާހަކަތަކާއި ފެންނަ މަންޒަރުތައް ހުރީ ދިވެހިންގެ ލޭ ކައްކުވާލާ ފަދަ ގޮތަކަށެވެ.

"ފުލުހުންގެ އިދާރާއިން ބުނަނީ ލުތުފީ އެމްބަސީއަށް ވަނީ 1 މެއި ގައި ކަމަށް. ނަމަވެސް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަނީ އޭނާ އެމްބަސީއަށް ވަނީ އެޕްރިލް 21 ގައި ކަމަށް އެއީ އެ ގައުމަށް ދިން އެޓޭކުގެ ކުރީ ދުވަހުގައި ކަމަށް. އެހެންވެ އަޅުގަނޑުމެންގެ އަދި ދިވެހި ރައްޔިތުންގެ ކަންބޮޑުވުމަކަށް ވަނީ މުއައްސަސާތަކުން ކީއްވެހޭ ސާފު މައުލޫމާތު ހާމަ ކުރަން ޖެހިލުން މި ވަނީ،" ނައިފަަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވި އެވެ.

ދިވެހިރާއްޖޭގައި ހިނގި އެންމެ ބޮޑު ޖަރީމާ ހިންގި މީހާ ސާފު ކުރަން އުޅޭ ފަދަ ވާހަކަތަކެއް މި އަޑު އިވެނީ
ނައިފަރު ދާއިރާގެ މެންބަރު | އަހުމަދު ޝިޔާމް

ހަމައެކަނި މައްސަލައަކީ ބާޣީ ލުތުފީ ރާއްޖެ ނުގެންނަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކެއް ނޫނެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ ސަރުކާރުން އޭނާ ގެނެސް ދެން ހަދާނެ ގޮތެއް ވެސް ނޭނގުމެވެ. އެއީ ލުތުފީ މައްސަލާގައި ފެށުނީއްސުރެން ސަރުކާރުން އެޅި ކޮންމެ ފިޔަވަޅެއް ގޮސްފައި ހުރީ ގޯހުން ގޯހަށެވެ. ވަރަށް ގިނަ ސަބަބުތަކެއްވެ އެވެ. މަސްލަހަތު ހުރި އޭނާގެ "އެކުވެރިން" ކަމަށް ބުނާ ފަރާތްތައް ދައުލަތާއި ސަރުކާރުގެ އެންމެ އިސް މަގާމްތަކާއި ސްރީ ލަންކާގެ އެމްބަސީގައި ތިބުމާއެކު މިހާތަނަށް ވެސް ރާއްޖޭގެ އެންމެ ބޮޑު ބާޣީ ދިފާއު ކުރަން އުޅުމެވެ.

ލުތުފީއަށް ފުރަތަމަ ހިމާޔަތްކަން ދިނީ ލަންކާގެ އެމްބަސީންނެވެ. ނޮވެމްބަރު 3 ގެ ތުހުމަތުތަކެއް ކުރެވުނު މިހާރުގެ ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ނަސީމްގެ އާއިލާ ބޭފުޅަކު އެ ގައުމަށް ކަނޑައަޅާ ރާއްޖޭގެ ސަފީރަކަށް ހަމަޖައްސާފައިވާ އިރު އޭނާ ފޮރުވައި ސަފީރުގެ ކާރުކޮޅުގައި ދުއްވާ ހެދުން ގޯހެވެ. "ޖަޒީރާ ރާއްޖެއަށް އަނބުރާ ދާން ބޭނުންވާ ކަން" ލުތުފީ އަމިއްލައަށް އެތަނުގައި ބުނުން ވެސް އެކަން ސަރުކާރަށް އެނގި ތިބެ ފިޔަވަޅު ނޭޅުމެވެ.

އިސްވެ މައުލޫމާތު ހާމަ ކުރާނެ ކަމާއި، ސިއްރު ޖަރީމާތަކާ ދެކޮޅަށް އަޑު އުފުލައިގެން އިންތިހާބުވި ސަރުކާރުން ލުތުފީ މައްސަލަ ފޮރުވައި މަތި އަޅައިގެން ތިބުމެވެ. "ލުތުފީ ގެންނާނީ ތިމަންނަމެނޭ" ވިދާޅުވެ މިހާރު ޓްވީޓު ކުރި ނަމަވެސް މިދިޔަ ދެ މަސް ދުވަހު އެކަން ހާމަ ނުކުރީ ކީއްވެކަން ޖަވާބު ދޭންޖެހެ އެވެ.

ނަވާރަ ދިވެހިން މަރުގެ ޒިންމާ ނަގަން ޖެހޭ އެކަކަށްވުމުގެ އިތުރުން ލުތުފީއަކީ ލަންކާގައި ވެސް ކުށްވެރިއެކެވެ. އެ ގައުމުގެ ގާނޫނުތަކާ ހިލާފަށް ފިލައިގެން ނުވަ އަހަރު އުޅުނު މީހެކެވެ. ލަންކާ ފުލުހުންނާއި ކަމާބެހޭ އެހެނިހެން ފަރާތްތަކުން ހޯދަމުންދާ ކުށްވެރިއެކެވެ. ލަންކާގައި ބޮމުގެ ހަމަލާއެއް ދިން އިރު އެ ގައުމުގެ ސަރުކާރުން ޓެރަރިސްޓުން ހޯދަން ކުރި މަސައްކަތުގައި އަތު ނުޖެހޭންވެގެން އެބަސީއަށް ވަދެ ފިލީ އެވެ.

ލުތުފީ ލަންކާ އެމްބަސީއަށް ވަދެ ފިލުން، އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓު ކުރީ ރަނގަޅަށެވެ. ދިވެހި އެމްބަސީ އިން ޓެރަރިސްޓަކަށް ހިމާޔަތްކަން ދިނީ އެވެ.

"ކޮންމެ ގައުމެއްގެ އެމްބަސީއަކަށް ލިބޭ ޑިޕްލޮމެޓިކް އިމިއުނިތީ ބޭނުންކޮށްގެން ރައްކާތެރިކަން ލުތުފީއަށް ރައްކާތެރިކަން ދިނުމަކީ ބައިނަލްއަގުވާމީ އެތަށް އުސޫލެއް ވެސް މުގުރާލުން، ވިކިލީކްސްގެ މޭސްތިރި، އާސަންޖު ހެދި ގޮތަށް ލުތުފީއަށް އެމްބަސީގެ ހިމާޔަތްކަން ދީގެން ނުތިބެވޭނެ. އޭނާއަކީ ރެޑް ނޯޓިސް ނެރެ އިންޓަޕޯލް އިން ހޯދަމުން އަންނަ އަދި އެތަށް ބައެއްގެ މަރުގެ ޒިންމާ ނަގަން ޖެހޭ މީހެއް،" ހާރިޖީ ދާއިރާގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ލުތުފީ އަމިއްލައަށް ހަވާލުވުމުން ފުރަތަމަ ވެސް ކުރަން ޖެހޭނެ ކަމަކީ ވަގުތުން ލަންކާގެ ކަމާ ބެހޭ ފަރާތްތަކަށް އެނގައި އޭނާ އެ ގައުމުގެ ފުލުހުންނާ ހަވާލު ކުރުމެވެ. ސްރީލަންކާގެ ބޮމުގެ ހާދިސާގައި ފުލުހުން ކުރަމުން ދިޔަ ސާޗް އޮޕަރޭޝަނެއް ކުރަމުން ދިޔަ ދަނޑިވަޅެއްގައި ޓެރަރިސްޓަކު ފިލުވުމަކީ ދެ ގައުމުގެ ގުޅުމަށް ވެސް ބުރޫ އަރައި، ފަސޭހައިން ބޯ ދަމައިގަނެވޭނެ މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އަނެއް ކަމަކީ މި ދިވެހި ބިމުގައި އިއްޔެ ލުތުފީއަށް ދިން "ހިމާޔަތެވެ." އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮތް ރައްޔިތުންގެ މަޖިލީހުގެ ސަމާލު ކަމަށް ލުތުފީގެ މައްސަލަ ގެނައުމުން އެކަން ހުށަހެޅި މެންބަރުގެ "ގަޔަށް ބަޑި ޖެހީ" އެވެ. މެންބަރުން ލުތުފީ މައްސަލާގައި އެމްޑީޕީ އިން ނެގި ސްޓޭންޑަކީ މުޅި މަޖިލީހަށް ކުރި އުންމީދުތައް ފުނޑުވެގެން ދިޔުންފަދަ ކަމެކެވެ.

ލުތުފީ މިނިވަން ކުރަން ގޮވާލުމާއި އޭނާ ދިވެއްސެއް ގަޔަށް ބަޑި ޖެހިކަމުގެ ހެއްކެއް ނެތޭވެސް ބުނީ އެވެ. އޭނާއަކީ އެފަދަ ބޮޑު ކަމެއް ކުރާނެ މީހެއް ނޫނޭ ބުނެ ވެސް މެންބަރުން ވާހަކަ ދެއްކީ އެވެ. މައާފު ދޭން ވެސް ގޮވާލީ އެވެ. ރައްޔިތުން އެކަން ސިފަ ކުރަނީ އެއީ މަޖިލީހުން ވެސް ލުތުފީއަށް ދިން "ހިމާޔަތެއް" ގޮތުގަ އެވެ. ރައްޔިތުން ތަމްސީލު ކުރިޔަސް އެއީ ރައްޔިތުންގެ ބަހެއް ނޫނެވެ!

"އެ ވަގުތުކޮޅަކީ އެ މެންބަރުން ރައްޔިތުން ތަމްސީލު ކުރި ވަގުތެއް ނޫން. އެއީ އަމިއްލަ ޕާޓީގެ ނުވަތަ އެހެން ބައެއްގެ ފިކުރު. އަޅުގަނޑުމެންނާ ގުޅިފައި ނުވަތަ އަޅުގަނޑުމެންގެ ހިޔާލެއް ވެސް ނޫން. ލުތުފީއަށް މާފެއް ނެތް. މިނިވަންކޮށްގެން ވެސް ނުވާނެ،" މަޖިލިސް ޖަލްސާގެ ފޮޓޯއަކާއެކު މީހަކު ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.

މިއިން ކޮންމެ ކަމަކީ "ހަނީ މޫން" ޕީރިއަޑެއްގައި އޮތް މި އާ ސަރުކާރަށް ބޮޑެތި ގެއްލުން ލިބޭނެ ކަންކަމެވެ. ލުތުފީ މައްސަލައާ މި ސަރުކާރު މި ގޮަތަށް ކުޅުމަކީ ވެސް ފުރަތަމަ ކަމަކަށް ހަދާ ވަރަށް ބޮޑު ގޯހެކެވެ. ސަރުކާރަށް ރަނގަޅު ހަތް މަސް ނުވެ ލުތުފީ ނަގާ "އުނގަށް ލައިގެން" ތިބުމާއި އޭނާގެ ކަންކަން ފޮރުވުމަކީ މި ސަރުކާރުގައި ހެދޭނެ ބޮޑު ނޫނީ އެންމެ ބާގަނޑެވެ.

ބާޣީ ލުތުފީ ދިވެހި އެމްބަސީގައި އިތުރަށް ހޭދަ ކުރާ ކޮންމެ މިނެޓަކީ ދައުލަތުން ދައްކާނެ ހުއްޖަތްތައް މަދުވަމުން ދާ ވަގުތެކެވެ. އަދި އޭނާ ރާއްޖެ ގެނެއަސް ދެން އަމަލު ކުރާނެ ގޮތަކާ އޭނާއަށް ދޭން މެންބަރުން ވަކާލާތު ކުރި ލުއިތަކާއި މިނިވަން ކުރާ ވާހަކައަކީ ސަރުކާރަށް ކުރާ ތާއީދު އެތަށް ބަޔަކު އަނބުރާ ގެންދާނެ ކަމެކެވެ.

ބާޣީ ލުތުފީއަކީ ޖަލުގައި ހުންނަންޖެހޭ ނުރައްކާތެރި ކުށްވެރިއެއްކަން "ނޮވެމްބަރު ތިނެެއް" ހާ ކަށަވަރެވެ. މިއީ ސުވާލެއްވެސް ބަހުސެއްވެސް ހުއްޖަތެެއް ވެސް އޮތް ކަމެއް ނޫނެވެ. ސަރުކާރުން ކޮލަމްބޯގައި ހުުންނަ ދިވެހި އެމްބަސީގައި ބާޣީ ލުތުފީއަށް ދީފައިވާ ހިމާޔަތާއެކު އަޅާ ކޮންމެ ފިޔަވަޅެއް ދައްކާ ކޮންމެ ވާހަކައެއް އެއީ ދިފާއުގައި ވިޔަސް ވެގެން ދާނީ ސަރުކާރުގެ ތެރޭގައި ހެދޭނެ ބޮޑު ބާގަނޑަކަށެވެ.