ލޯން އެއްބަސްވުމުގެ ދަށުން މިދިޔަ ސީޒަންގައި ޗެލްސީއަށް ކުޅުނު ކްރޮއޭޝިއާގެ މިޑްފީލްޑަރު މަޓޭއޯ ކޮވަޗިޗްގެ އެއްބަސްވުން ޗެލްސީން ދާއިމީ ކޮށްފި އެވެ.
ކޮވަޗިޗްގެ ސޮއި ހޯދުމަށް ޗެލްސީން ވަނީ، ރެއާލް މެޑްރިޑަށް 45 މިލިއަން ޔޫރޯ ދޭން އެއް ބަސްވެފަ އެވެ. އެ ޓްރާންސްފާ އާއެކު، މިހާރު ކުރިއަށްދާ ޓްރާންސްފާ މާކެޓްގައި ކުޅުންތެރިން ވިއްކައިގެން ރެއާލުން ވަނީ 100 މިލިއަން ޔޫރޯ ހޯދާފަ އެވެ. ރެއާލުން އެންމެ ފުރަތަމަ ދޫކޮލި ކުޅުންތެރިޔަކީ، 40 މިލިއަން ޔޯރޯއަށް ވާދަވެރި އެތުލެޓިކޯ މެޑްރިޑަށް ދޫކޮށްލި މިޑްފީލްޑާ މާކޯސް ޔޮރެންޓޭ އެވެ. އަދި 20 މިލިއަން ޔޫރޯއަށް ޑިފެންޑަރު ތިއޯ ހެނާންޑޭޒް އޭސީ މިލާނަށް ދޫކޮށްލަން ރެއާލްއިން ވަނީ އެއްބަސް ވެފަ އެވެ.
ފީފާ އިން ވަނީ، ޗެލްސީ އާ ދެކޮޅަށް ޓްރާންސްފާ ބޭންގެ ފިޔަވަޅު އަޅާފަ އެވެ. އެ އަދަބު ޖަނަވަރީ ޓްރާންފާގެ ނިޔަލަށް ދެމި އޮންނާނެ އެވެ. ކޮވަޗިޗް އާއެކު ދާއިމީ އެއްބަސްވުމެއް ޗެލްސީން ހެދި ނަމަވެސް ޓްރާންސްފާ ބޭންގެ ތެރެއަށް އޭނާ ނުވަންނާނެ އެވެ. އެއީ ޗެލްސީގެ ކުޅުންތެރިޔެއްގެ ގޮތުގައި މާ ކުރިން އޭނާ ރަޖިސްޓްރީ ކޮށްފައި ވުމުން އިތުރު ރަޖިސްޓްރީއެއް ބޭނުން ނުވާތީ އެވެ.
ކޮވަޗިޗް، ބުނީ ކާމިޔާބު ސީޒަނަކަށް ފަހު، ޗެލްސީ އާއެކު ދާއިމީ އެއްބަސްވުމެއްގައި ސޮއި ކުރެވުމަކީ ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. ރެއާލްއިން އޭނާ ގަތީ އޭނާގެ އުމުރުން 21 އަހަރުގައި އިންޓަ މިލާނަށް 30 މިލިއަން ޔޫރޯ ދިނުމަށް ފަހު އެވެ.
މިދިޔަ ސީޒަންގައި، ޗެލްސީއަށް ޔޫރޮޕާ ލީގް ހޯދައިދިން، އިޓަލީގެ މައުރީޒިއޯ ސާރީ ވަނީ، ޔުވެންޓަސްގެ ކޯޗް ކަމާ ހަވާލު ވެފަ އެވެ. ޗެލްސީގެ ކޯޗަކަށް، އެ ޓީމުގެ ލެޖެންޑް އަދި ޑާބީ ކައުންޓީގެ މިހާރުގެ ކޯޗް ފްރޭންކް ލަމްޕާޑް ގެނައުމަށް ގެނައުމަށް ޗެލްސީން ދަނީ މަސައްކަތް ކުރަމުންނެވެ.