އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގައި މައްސަލާގައި ބައިވެރިވި އެސްއޯއެފް ކުންފުންޏަށް ފިޔަވަޅު އަޅާފައި ނުވާ މައްސަލާގައި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ އެއިރުގެ ވެރިޔާ އާތިފު ޝަކޫރުގެ މައްޗަށް ކުރާ ދައުވާގެ މައްސަލާގައި ފުރިހަމައަށް ޖަވާބުދާރީވާނެ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ބައިވެރިވެރި އެސްއޯއެފް ކުންފުނިން މަނީ ލޯންޑަރިންގެ އަމަލުތައް ހިންގިކަން އެފްއައިޔޫގެ ރިޕޯޓުގައި ބަޔާން ކުރި ނަމަވެސް އެ މައްސަލާގައި އެސްއޯއެފް އަށް އެއްވެސް ފިޔަވަޅެއް ނަޅާއި ދޫކޮށްލަން ނިންމީ އާތިފް އަންގައިގެން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުންޏެވެ.
އެ ނިންމުން ނިންމީ އޭނާގެ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައި ދިނުމަށް ކަން ސާބިތު ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށާއި އެ މައްސަލައިގައި އާތިފުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށް އެދި މިދިޔަ ފެބްރުއަރީ މަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި ކަމަށް ވެސް އޭސީސީން ބުންޏެވެ.
އެކަމާ ގުޅިގެން އާތިފް ޝަކޫރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ވެރިޔާގެ ހައިސިއްޔަތުން އެ މަގާމުގައި އޭނާ ހުންނެވި ހަތް މަސް ދުވަހު އެ ޔުނިޓަށް ކޮށްދީފައިވާ ހިދުމަތްތަކާ ގުޅިގެން ކުރެވޭ ތުހުމަތުތަކަށް ފުރިހަމައަށް ޖަވާބުދާރީވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
އޭސީސީން މިއަދު ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެފްއައިޔޫގެ ރިޕޯޓުގެ އެނަލައިޒް ކުރަމުން ދިޔައިރު ވެސް އެމްއެމްޕީއާރުސީގެ ފައިސާ ޖަމާކުރި އެސްއޯއެފްގެ އެކައުންޓް މެދުވެރިކޮށް ހިންގާފައިވާ މުއާމަލާތްތަކަކީ މަނީ ލޯންޑަރިންކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް އެފްއައިޔޫގެ ވެރިޔާގެ މަގާމުގައި އެއިރު ހުންނެވި އާތިފްއަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ރިޕޯޓް ތަހުގީގީ އިދާރާއަކަށް ނުފޮނުވަން ނިންމައި ފައިލް ކުރިއިރު ވެސް އެއީ ތަހުގީގު ކުރަން ފޮނުވަން ޖެހޭ ރިޕޯޓެއް ކަން އެނގޭ ކަމަށް އާތިފް އިއުތިރާފްވި ކަމަށް ވެސް އޭސީސީން ބުންޏެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމްގެ ބޭނުމަށް ފަޅުތަކާއި ރަށްތައް ދޫކޮށްގެން ދައުލަތަށް ލިބިގެން ޖެހޭ 1.3 ބިލިއަން ރުފިޔާއަށް ހިޔާނާތްވެރިވެފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. ހިޔާނާތުގެ މައްސަލައާ ގުޅިގެން އެފްއައިޔޫ އިން ތައްޔާރުކުރި އެނަލިސިސް ރިޕޯޓުގައި މަނީ ލޯންޑަރިންއަށް ތުހުމަތު ކުރެވޭ ކަންތައްތައް ފާހަގަކޮށްފައިވީ ނަމަވެސް އޭޕްރީލް 6، 2015 ގައި ރިޕޯޓުގައިވާ ކަންކަން ތަހުގީގީ އިދާރާއަކަށް ނުފޮނުވަން އެ ޔުނިޓުން ނިންމި އެވެ.