ވާހަކަ

އީޝަލް

(30 ޖޫން 2019 އާ ގުޅޭ)

"މިހެން ވެސް އަހަރެން ބަލަން ބޭނުން، ތަދެއްނުވާނެ، ބިރުނުގަނޭ... މިހެންވެ އަހަރެން ގެނެވުނީ، އީޝަލް އިންގޮތެއް އެނގެން ޒިޔަޒެލް ބޭނުންވޭ" ރިބަތް ބުންޏެވެ. ނަމަވެސް އޭނާއަށް އީޝަލްގެ ގަޔަކު އަތެއްނުލެވުނެވެ. ބާރުހަޅޭކެއް ލަވައިގަނެ އޭނާ އެނދުން ފުންމާލައި އީޝަލްއާ ދުރަށް ޖެހުނެވެ.

ކޮޓަރީގެ ބޭރުގައި ތިބި ޒިޔަޒެލްއާއި މީކާޢިލް އެކަކުއަނެކަކަށް ބަލާލީ ކަންބޮޑުވުމުގެ ނަޒަރަކުންނެވެ. ދޮރުފަތާ ކައިރިވެލާ ޒިޔަޒެލް ގޮވާލީ ރިބްތާއަށެވެ. ކިހިނެއްތޯވީ އެއްސެވެ. އަދި އެ މީހުން އެތެރެއަށް ވަންނަނީކަމުގައި ބުންޏެވެ. އެއްވެސް ޖަވާބެއް ކޮޓަރިތެރެއިން ނައުމުން ޒިޔަޒެލް ދޮރުހުޅުވާލިއެވެ. އޭނާ އެތެރެއަށް ވަންއިރު އެނދުގައި ދެފައި ކުރުކޮށްލައިގެން ހާސްވެފައި އީޝަލް އިނެވެ. ރިބްތާ ހުރީ އޭނާއާ މާދުރުގައެވެ. ވައަތުން ކަނާއަތުގައި ހިފަހައްޓާލައިގެން ކަންބޮޑުވެފައެވެ. އޭނާއަށް ހޭވެރިކަމެއްވީ ޒިޔަޒެލް އައިސް އޭނާގެ ގާތުގައި ހުއްޓުމުންނެވެ. މީކާޢިލް ހަލުވިކޮށް އައިސް އެނދުގައި އިން ދަރިފުޅުގެ މަގަތުން އިށީނެވެ.

"ރިބްތާ!... ކަލެއަށް އެނގުނީ ކިހާމިންވަރެއް؟... ކަމެއް ގޯހީތަ؟" ޒިޔަޒެލް އެއްސެވެ. ކަންބޮޑުވެފައިވާ ރިބްތާގެ ނަޒަރު ޒިޔަޒެލްއާ އަމާޒުވިއެވެ.

"އޭނާ... އޭނާ އިނީ ބަލިވެކަން ޔަގީނެއްނުވި، އިތުރަށް ޔަގީންކުރަން އަތްލަން އުޅުމުން އަހަރެންގެ މިއަތުގެ ހަރަކާތްކެނޑުނުހެން ހީވީ، އެކަމަކު މިހާރު ބަލާބަލަ، މި އަތަށް އެއްވެސް ކަމެއްނުވޭ، ކުއްލިއަކަށް އިޙްސާސްކުރެވުނު ގަދަ ތަދުކަނޑައިގެން ދިޔަގޮތެއް ވެސް ނޭނގެ، މިވީ ގޮތުން އަހަރެންނަށް ފެނުނީ ހަޤީޤަތެކޭ ބުނާކަށް ވެސް ނޭނގޭ... ޒިޔަޒެލް!... އަހަރެން ތައްޔާރުވެގެން ނޫނީ އޭނާއާ ކުރިމައްޗެއްނުލެވޭނެ" މައްޗަށް ނަގާލެވިފައި ހުރި ހެދުމުގެ ދެއަތް ރިބްތާ ތިރިކޮށްލިއެވެ.

"ކަލޭ ބޭނުންވާކަމެއް ބުނޭ" ޒިޔަޒެލް ބުންޏެވެ.

"އަހަރެން ހުންނާނެ ކޮޓަރި ދައްކައި، އަހަރެން ގެނައި ފޮށި އެ ކޮޓަރިއަށް ގެނެސްދީ، މިރޭ އިޝާ ކުރާނީ މިކޮޓަރީގައި، އޭނާ ގާތު ބުނޭ އަހަރެންނާ ބައިވެރިވާންވާނެއޭ، އޭނާ އިންގޮތެއް ބަލަން މަސައްކަތް ފަށާނީ ކަލޭމެން ނަމާދުން އެނބުރި އައުމުން" ރިބްތާ ބުންޏެވެ. އަދި އޭނާ ޒިޔަޒެލްގެ ގާތުގައި އީޝަލްގެ ފިރިމީހާއާ ބެހޭގޮތުން އެއްސެވެ. ޒިޔަޒެލްގެ ވާހަކަތައް އަޑުއަހާފައި ރިބްތާ ބުނީ ބޮޑެތި ފަރުތަކުގެ އަޑީގައި ފަޅާ ވަކި ކަހަލަ މަޑު މުރަކައިގެ ވައްތަރެއް ގެނެސް ދިނުމަށެވެ. އެއްވެސް ވަރަކަށް އެ ހިކިއްޖެނަމަ އޭގެ ބޭނުން ކެނޑޭނޭތީ ލޮނުފެނަށް ލައިގެން ގެނެސްދިނުމަށް ރިބްތާ އިރުޝާދު ދިނެވެ.

ރިބްތާ ގޮވައިގެން ޒިޔަޒެލް އެ ކޮޓަރިން ނުކުތީއެވެ. އޭނާ ރިބްތާއާ ސޭމެސް ބައްދަލުކޮށްދިނެވެ. އަދި ރިބްތާ ގާތު އޭނާ ކަނޑުން ނަގަން ބޭނުންވާ އެއްޗެހި ސޭމެސްއަށް ކިޔައިދިނުމަށް ބުންޏެވެ. އެންމެންނަށް ވެސް އެނގޭ ކަމަކީ ރިބްތާ ގެނެވުނީ އީޝަލްގެ ހާލު ގޯސްވާހެން ހީވާތީކަމެވެ. ފާއިތުވެގެން ދިޔަ ދެ މަހެއްހާ ތެރޭ ތަފާތު އެކި ދިމާއިން އެކި ނަސްލުގެ ތެރެއިން ޙަކީމުން ގެނެވިއްޖެއެވެ. ނަމަވެސް ޒިޔަޒެލްއާއި މީކާޢިލްމެން ބޭނުންވާ ފަދަ ނަތީޖާއެއް އަދިވެސް ނުފެނޭކަން ސޭމެސްއާއި އޭނާގެ އެކުވެރީންނަށް އެނގެއެވެ. މިހާރު އެމީހުންނަށް ވެސް އީޝަލްއަކީ ހަމައެކަނި ރައުލްގެ އަނބިމީހާއެއްނޫނެވެ. އީޝަލްއަކީ އެމީހުންގެ ވެސް ޢާއިލާއެވެ. އޭނާ ރައްކާތެރިކުރުމަށް ކުރަންޖެހިއްޖެ ކޮންމެކަމެއް ކުރަން އެމީހުން ތިބީ ތައްޔާރަށެވެ. ރިބްތާ ދިން އިރުޝާދުތައް ކަނުލައި ސޭމެސް އަޑުއެހިއެވެ. ކުރަންވީ ކަންކަން އެނގުމުން ދެންތިބި މެންބަރުންނަށް ސޭމެސް ގޮވާލިއެވެ.

"ސޭމެސް، އެއީ ކަލޭމެންގެ ވަޒަން، ސަމާލުވާތި... ނުރައްކަލެއްގެ ހިލަންވެއްޖެނަމަ ވަގުތުން އެނބުރި އަންނާތި، އެމީހުން އަދިވެސް އެ ތިބީ ގޮތްދޫކުރާގޮތަކަށްނޫން، މިތަނުން ކަލޭމެން ދުށުމަށް އީޝަލް ބޭނުންވާނެ، ރައްކާތެރިވާތި، ސަލާމަތުން އެނބުރި އަންނާތި" ޒިޔަޒެލް ހަނދާންކޮށްދޭ ފަދައިން ބުނެލިއެވެ.

ރިބްތާގެ ބޭނުމަކީ ކޮބައިތޯ އީޝަލް ސުވާލުކުރީ އޭނާގެ ގާތުގައި އިން މީކާޢިލްއާއެވެ. އޭނާ ގަސްދުގައި ރިބްތާއަށް އަނިޔާއެއްދޭން މަސައްކަތް ނުކުރާކަން ބުންޏެވެ. ޚުދު އޭނާއަށް ވެސް ވީގޮތެއް ނޭނގޭކަމެވެ. އީޝަލްގެ ގައިގާ ރިބްތާ އަތްލާން ފެށިގޮތުން އޭނާއަށް އުނދަގޫވީއެވެ. ޚާއްޞަކޮށް އޭނާގެ ފޮރުވިފައިވާ ގުނަވަންތައް ބަލަން އުޅުމުންނެވެ. ލަދުވެތި ގުނަވަން ރިބްތާގެ ކުރިމަތީ ހާމަކުރަންޖެހޭވަރު ބައްޔަކަށް އޭނާއަށް ޖެހުނީ ކޮންބަޔެއްތޯ އީޝަލް ސުވާލުކުރިއެވެ. ޒިޔަޒެލް އަނެއްކާ ވެސް ކަމެއް ސިއްރުކުރަނީތޯ އީޝަލް އެއްސެވެ. ދަރިފުޅުގެ ވާހަކަތަކުގައިވި ހާސްކަމާއި ކަންބޮޑުވުމުން މީކާޢިލް ދެނެގަތެވެ.

"ބޮޑުދައިތަ ނޫނީ މާމަ އަޅުގަނޑު ގާތު ހުރިނަމަ" މީކާޢިލްގެ ކޮނޑުގައި ބޯއަޅާލައިގެން އޮވެ އީޝަލް މަޑުމަޑުން ބުނެލިއެވެ.

"ރިބްތާއާއެކު އެކަނިވާން ދަރިފުޅު ކަންބޮޑުވަންޏާ މާމަ ގާތު ބައްޕަ ބުނެފާނަން އައިސްދޭށޭ، އެކަމަކު ބޮޑުދައިތަ މިތަނަށް އައުން ރަނގަޅެއްނުވާނެ... ބޭނުންވާ ކޮންމެ ވަގުތަކު އީޝަލްގެ ގާތަށް ނާދެވޭތީ ބޮޑުދައިތަ ވެސް ހުންނަނީ ދެރަވެފައި، ދަރިފުޅު ދެރަވަގެން އުޅޭކަން އެނގިއްޖެއްޔާ އަދިވަކިން ކަންބޮޑުވާނެ، އެހާ ބޮޑަށް ކަންކަމާމެދު ދެން ނުވިސްނާ، ދަރިފުޅަށް ކަމެއްވެއްޖެނަމަ ބައްޕައަށް ވާނީ ކިހިނެއް؟... ޒިޔަޒެލްއާއި ބޮޑުދައިތަގެ ހިތްހަލާކުވާނެ، މިކަމުގެ ތެރެއަށް ނުވަންނަން ހުރި ކާފައަށް ކެތްކުރަންދަތިވެ އެ ނިންމުން ބަދަލުކޮށްފި، އެއިން އެއްވެސް މީހަކު ނޭދޭ ދަރިފުޅަށް ކަމެއްވާކަށް، ކާފަ މަސައްކަތް އެބަކުރޭ ރައުލްގެ ޚަބަރެއް ބެލޭތޯ، ބަޚުރުގެ އަޑީގައި ވެސް އެތައް ރަސްކަމެއްވޭ، އެމީހުންގެ ތެރެއިން އަހަރެމެންނާ އެއްބާރުލުން ދޭނޭ ބަޔަކު ވޭތޯ އެކަމުގެ މަސައްކަތް ފަށައިފި... އީޝަލް!... ބައްޕަވާނަމަ ދަރިފުޅަށް ޓަކައި ވެސް ރައުލް ހޯދަން ނުކުމެއްޖައީމުސް، ބައްޕަ ވެސް އެދެނީ ތި ދެކުދީން އެކުގައިވުމަށް، އޭނާ ނިމިދިއުމަށް ރުހެވޭނީ ކިހިނެއް؟... އޭނާއަކީ ދަރިފުޅަށް މިދިމާވާ ހުރިހާކަމެއްގެ ޝިފާކަން ޔަގީން" އީޝަލްގެ ބޮލުގައި ބޯޖަހައްސާލައިގެން އިނދެ އޭނާގެ ކޮނޑާދިމާއިން ވަށާލެވިފައި އޮތް މީކާޢިލްގެ އަތުން ފިރުމާލަ ފިރުމާލާ އިނެވެ. އެ މީހުންގެ ވާހަކަތައް ކޮޓަރީގެ ބޭރު ބިތްކައިރީ މަޑުކޮށްލައިގެން އިން ލުގަލްބަންދާ އަޑުއެއްސެވެ.

* * * * *

އިޝާގެ ވަގުތު ނިމި ނަމާދުން އަވަދިވި ރިބްތާގެ ތުންތެޅުވުން ނުހުއްޓެވެ. އީޝަލްގެ ގާތަށް އައުމާއެކު އޭނާ މަޑުމަޑުން އެކިޔަވާ އެއްޗެއް ސާފުވިއެވެ. ޤުރުއާނުގެ އާޔަތްތަކެއްކަން ޔަގީނެވެ. ލުއި ހިނިތުންވުމެއް އޭނާ އީޝަލްއާ ބަދަލުކޮށްލިއެވެ. ރިބްތާގެ ސޫރައަށް ބަލާލުމުން އެއީ މީކަޢިލްމެންގެ ނަސްލުގެ ތެރެއިންވާ ޖިންނިއެއްކަން ކޮންމެ މީހަކަށް އެނގޭނެއެވެ. އެކަމަކު އޭނާ ހުންނަނީ ވަރަށް ބޮޑަށް ނިވާވެގެންނެވެ. ކަޅުހެދުމުގެ ތެރެއިން އޭނާގެ މޫނު ވޮށެއް ފަދައިން ދިއްލިފައިވެއެވެ. ލާމިއާއާއި ޔާފިއާ ވެސް ރިބްތާއާއި އީޝަލްއާއެކު ތިއްބެވެ. ކިޔަވާ ނިންމާލީކަމެއް ނޫނީ މެދުކަނޑާލީކަމެއް އީޝަލްއަކަށް ނޭނގެއެވެ. ރިބްތާ ވާހަކަދައްކަން ފެށީއެވެ. އޭނާ ލާމިއާގެ ގާތުގައި އޭނާގެ ސިފައާ ގުޅުވައި ސުވާލުކުރިއެވެ. އޭނާ އިންސީންގެ ދިރިއުޅުމަށް ލޯބިކުރާކަމުގެ އަސަރު ފާޅުވާތީ އެކަމާއެވެ. އިންސީންގެ ދުނިޔެއިން ލާމިއާއަށްވާ ފައިދާއަކީ ކޮބައިތޯ ރިބްތާ އެއްސެވެ. އިންސީންގެ ދުނިޔެއަށް ލޯބިޖެހިއްޖެނަމަ އެނބުރި އައުމަކީ އުނދަގޫކަމެއްކަމުގައި ރިބްތާ ބުންޏެވެ. އެ ވާހަކަތަކަށް އީޝަލްގެ ޝައުގުވެރިކަން ހުއްޓުނެވެ. އިންސީންގެ ދުނިޔެ ހެދިފައިވަނީ ކިހިނެއްތޯ އީޝަލް އެއްސެވެ. އެމީހުންގެ ތެރޭގައި ލާމިއާ އުޅެނީ އެމީހުން ފަދައިންތޯ އީޝަލް އެއްސެވެ. އީޝަލްގެ މަންމައަކީ އިންސާނަކަށްވާއިރު އެމީހުންގެ ތެރޭގައި ދިރިއުޅުން ހުރީ ކިހިނެއްބާއޭ އީޝަލްގެ ހިތަށް އެރީއެވެ. އިންސީންގެ އެއްވެސް ކަމެއް މިހާތަނަށް އައިއިރު އީޝަލް ނުދެކެއެވެ. ރިބްތާގެ ވާހަކަތަކާމެދު ލާމިއާ ހިތްހަމަނުޖެހޭގޮތްވީ އެ ވާހަކަތަކަށް އީޝަލްގެ ޝައުގުވެރިކަން ހުއްޓުމުންނެވެ. އީޝަލްގެ ކުރިމަތީ ޒިޔަޒެލް ވެސް އެފަދަ ވާހަކައެއް ނުދައްކަން ސަމާލުވެއެވެ.

"ރިބްތާ، އެނގުނަސް ދައްކަން ނުޖެހޭނެ ވާހަކަ ހުންނަކަން ކަލެއަށް އެނގޭނޭކަމަށް އަހަރެން ހީކުރީ" ލާމިއާ ބުންޏެވެ.

"މަޢާފުކުރޭ، ނުބައި ގަސްދެއްގައެއްނޫން އެހުނީ" ރިބްތާ ނިކަން އަވަހަށް ބުނެލިއެވެ. އެގޮތް ލާމިއާއަށް ކަމަކު ނުދިޔައެވެ. ބަސް ބޭރުކޮށްލުމަށްފަހު އެބަސް އަނބުރާ ގެންދެވިދާނެ ހެއްޔެވެ. މަޢާފަށް އެދުމުން އެކަމުގެ ސަބަބުން ލިބުނު ގެއްލުން ފޫބެއްދިދާނެ ހެއްޔެވެ. ކޮންމެ ވާހަކައެއް ދެއްކުމުގެ ކުރީން ތިބެވުނީ ކޮންކަހަލަ މަޖިލީހެއްގައިކަމާއި ތަނުގެ ހާލަތާއި އެކުގައި ތިބެވުނު ބަޔަކާމެދު ވިސްނާ ފިކުރު ހިންގަން ޖެހެއެވެ. އެހެންނޫނީ ގަސްދުގައި ނޫނަސް ބޭރުކޮށްލެވޭ ކިތަންމެ ކުޑަ ލަފުޒަކުން ވެސް ފޫނުބެއްދޭނޭވަރު ބޮޑު އަނިޔާއެއް އަނެއްކާއަށް ދެވިދާނެއެވެ. ދަންދޮރުއުޅުންފިލައިފާވާ މީހާ ބުއްދީގެ ބޭނުންކުރަންޖެހެނީ އެހެންވެއެވެ. މާޙައުލަށް ހިމޭންކަމެއް ވެރިވިގެންދިޔައެވެ. ރިބްތާއަށް ވެސް ގޯހެއް ހެދިއްޖެކަމުގެ އިޙްސާސް ކުރެވުނެވެ. ލާމިއާ އިންތަނުން ތެދުވެ ހިނގައިގަތެވެ. ގޭގެ ބިއްދޮށް ފަރާތުން ނުކުމެވެން ހުރި ދޮރުން ލާމިއާ ނުކުތީއެވެ. ރިބްތާ ވެސް އޭނާ ތައްޔާރުކުރަން ހުރި ކަންކަން އެބަހުރިކަމުގައި ބުނެ ސޭމެސްމެން ގެނައި އެއްޗެހި ހިފައިގެން އޭނާ ހުރުމަށް ޚާއްޞަކުރި ކޮޓަރިއަށް ދިޔައެވެ.

"ލާމިއާއާއި ރިބްތާއަކީ ކުރީގެ ރައްޓެހިންތަ؟" ޔާފިއާއި އީޝަލް އެކަނިވުމުން އޭނާ އެއްސެވެ.

"ރިބްތާ މިދުށީ އަލަށް، އެ ދެމީހުންގެ އެކަކާ ބެހޭގޮތުން ވެސް ނޭނގޭ... އެންމެ ރަނގަޅުވާނީ އެމީހުން ނެތްތަނުގައި އެއްވެސް ވާހަކައެއް ނުދެއްކުން" އީޝަލް ބުނެލިއެވެ. އެކަމާ އެއްބަސްވަމުން ޔާފިއާ ބޯޖަހާލިއެވެ.

ގެއަށް ވަން ގޮތަކަށް މިޒަރެންނަށް ޒިޔަޒެލް އެންގީ ރޭގަނޑުގެ ކެއުމުގައި އޭނާއާއި މީކާޢިލް ބައިވެރިވާނީ ފަހުންކަމުގައެވެ. އަދި ބޮޑުކަމެއް ޖެހިގެން ނޫނީ އެމީހުންނަށް ގޮވާނުލުމަށެވެ. އެ ހުރިހާއިރު ވަންދެން އިރުމަތީ ފެންޑާގައި އިން ލުގަލްބަންދާގެ ގާތަށް ޒިޔަޒެލް އައެވެ. އީޝަލްގެ ކޮޓަރިއާ ހަމައަށް އެކަކު ވެސް އަޔަނުދޭން ހަވާލުކުރިއެވެ. އެއަށްފަހު ރިބްތާގެ ގާތަށް އައެވެ.

ރިބްތާ ބޭނުންވާ ކަންކަން ތައްޔާރުވެފައި ހުރުމުން މަސައްކަތް ފަށަންވީ ކަމުގައި ބުންޏެވެ. އީޝަލް ކޮޓަރިއަށް ވެއްދުމަށް ބުންޏެވެ. ނަމަވެސް ޒިޔަޒެލް އެދުނީ ވަގުތުކޮޅެއް ދިނުމަށެވެ. އެމީހުންގެ ގާތަށް އީޝަލްގެ މާމަ އެބައަންނަކަމުގެ ޚަބަރު އޭނާ ދިނެވެ.

ބަހީރާ ފެނުމުން އީޝަލްއަށް އޭނާގެ ގައިގާ އޮޅުލައިގަނެވުނެވެ. ކަންތައްތައް ވެގެން އުޅޭގޮތެއް ބަހީރާ އައުމުގެ ކުރީންވަނީ އޮޅުން ފިލުވައިދީފައެވެ. އޭނާގެ މޫނުން ފެންނަނީ އުންމީދުގެ ކުލަވަރެވެ. ލޯތްބާއެކު އީޝަލްގެ މޫނުގައި ހިފާލައި ނިތްކުރީގައި ބޮސްދިނެވެ. ބަރަކާތުގެ ދުޢާއެއްކޮށް އީޝަލްގެ މޫނަށް ފުމުނެވެ. ހުރިހާކަމެއް ރަނގަޅުވާނޭކަމުގައި ބަހީރާ ބުނެލިއެވެ. ގާތްކޮށްލައިގެން ހުރެ މާމާ ދަރިފުޅާއެކު ބަހީރާ އައިސް އޭނާގެ ކޮޓަރިއަށް ވަނެވެ. އެ ކޮޓަރީގައި ހުރި ރިބްތާ ވަގުތުން ކުރުނީސްކޮށް ސަލާމްގޮވިއެވެ. އޭނާގެ ސަލާމް ބަލައިގަތުމާއެކު ރިބްތާ ތައްޔާރުކޮށްފައި ހުރި އެއްޗިއްސާމެދު ބަހީރާ ސުވާލުކުރިއެވެ. އެއީ ކޮންކޮން އެއްޗެއްކަން ރިބްތާ އޮޅުން ފިލުވައިދިނެވެ. ޒިޔަޒެލް ކޮއްލި އިޝާރާތުން ރިބްތާއަށް އިތުބާރުކުރާށޭ ބުނާކަން ބަހީރާ ދެނެގަތެވެ.

ރިބްތާ މަސައްކަތް ފަށަންވުމުން ޒިޔަޒެލްއާއި މީކާޢިލް އެ ކޮޓަރިން ނުކުތެވެ. އީޝަލްގެ އެނދުގެ އެއްފަރާތުގައި އޭނާއަށް ފެންނާނޭހެން ބަހީރާ މަޑުކޮށްލައިގެން ހުއްޓެވެ. ރިބްތާ ހެދުމުގެ ދެއަތް މައްޗަށް އަރުވާލައި މަސައްކަތް ފެށިއެވެ. އޭނާ ސޭމެސްލައްވާ ގެނުވި މުރަކަ ގަނާ ހިމުންކުރުމަށްފަހު އެއާ ތެލާ އެއްކުރެވިފައި ހުއްޓެވެ. އޭގައި ވަހެއް ހުއްޓެވެ. އުއްޑުން އޮތް އީޝަލްގެ ބަނޑު ހާމަކޮށްލައި ރިބްތާ ކިޔަވަންފެށިއެވެ. އެއްއަތުގައި ތަށި ބަހައްޓައިގެނެވެ. އޭގައިވާ އެއްޗެހީގައި ދެއިނގިލި ޖައްސާލައިފަ ނަގާ އީޝަލްގެ ނިތްކުރީގައި ތިއްކެއް ޖެއްސިއެވެ. އެއަށްފަހު އޭނާގެ މޭގައެވެ. ދެން އެއަށްފަހު އޭނާގެ ބަނޑުގައެވެ. އެހިސާބަށް ކަންތައް ކުރެވުނު ތަނާ އީޝަލް އުނދަގޫވާތީ އުޅެން ފެށިއެވެ. ހާސްވެފައި ބަހީރާއާ ދިމާއަށް އޭނާ ބަލާލިއެވެ. އެއާއެކު ބަހީރާ ކުރިއަށް ޖެހިލައި އޭނާ އެބަހުރިންކަން އަންގާލިއެވެ. ނަމަވެސް އީޝަލްއަށް ހަމަޖެހުމެއްނުލިބުނެވެ. އޭނާ ކުއްލިއަކަށް އެނދުން ތެދުވީއެވެ. އެއާއެކު އޭނާގެ ވަރަ ފުޅާވެލިއެވެ. މުޅި ކޮޓަރި ފުރިގެން ދިޔަ ކަހަލައެވެ. ވައަތު ވަރައިގައި ބިއްލޫރި ފަދައިން ނުކުމެފައިވާ ބައިތައް ބަހީރާއަށް ވެސް ފެނުނީ ދެނެވެ. އަޖައިބުވީވަރު ގުޑިލަން ވެސް ނޭނގި ހުރެވުނީއެވެ. އެމީހުން ބަލަބަލާ ތިއްބައި ވައަތު ވަރައިން ދިޔަފައިބަން ފަށައިފިއެވެ. އަދި އެ ވަރަ ބޮޑުވާން ފެށިއެވެ. ފުރިހަމަ ވަރައެއްގެ ސިފަ ޖެހެންފެށީއެވެ.

"މާމާ..." އީޝަލް ރޮއެގަތީ ވޭނުންފުރިގެންވީ ގޮތަކަށެވެ. އެހިނދު އީޝަލްގެ ހާމަވެފައިވާ ބަނޑުގައި ރެދަން ލާތަން ފެނުނެވެ. އޭގެ ވިދުން ގަދަވެ މަޑުވަމުންދެއެވެ. ރިބްތާގެ އަތުގައިވި ތަށި ވެއްޓުނެވެ. އޭނާ ނިކަން އަވަހަށް ޒިޔަޒެލްއަށް ގޮވާލިއެވެ. އެނދުގައި އޮތް ސާލު ނަގައި އީޝަލްގެ ގައިގާ އޮޅާލީ ވެސް ރިބްތާއެވެ. ވިދުވަރެއް ފަދައިން ކޮޓަރިއަށް ވަން މީކާޢިލްއާއި ޒިޔަޒެލްއަށް އީޝަލް ހިފަހައްޓަން މަސައްކަތް ކުރާ ރިބްތާ ފެނުނެވެ.

"ލޮނުފެން ގެނޭ... އޭނާ ފެންވެރުވޭވަރަށް" އީޝަލްގެ ގައިގާ ހޭކި އެއްޗެހި ފުހެމުން ރިބްތާ ގޮވާލިއެވެ. މީކާޢިލް ކުރިއަށް އައިސް ރިބްތާގެ އަތުން އީޝަލް ގެނެސް ހިފަހައްޓާލިއެވެ. އޭރު ވެސް އީޝަލްއަށް ރޮވެނީއެވެ. މީކާޢިލް ފެނުމުން ބައްޕާއޭ ދެތިން ފަހަރަށް އޭނާ ގޮވާލިއެވެ. އެއްޗެއް ބުނަން އުޅެ ނުބުނެވިގެން އުޅޭ ކަހަލައެވެ. އީޝަލްގެ ބަނޑު ރިބްތާ ދައްކާލީ ދެނެވެ.

"އޭނާ އެއިނީ ބަލިވެ، އެކަމަކު އެއްވެސް އެއްޗެއް ނުފެނޭ... އެހެންވެ ބުނަން ނޭނގިގެން މިއުޅެނީ... އޭނާގެ ވަރަ ހިމޭނެއްނުވޭ، އޭނާއަށް ކިޔަމަންނުވާން އުޅޭ ކަހަލަ" ހާސްވެހުރެ ރިބްތާ ވާހަކަދެއްކިއެވެ. އެހިނދު ދޮރުމަތިން ލުގަލްބަންދާ ގޮވާލި އަޑު މީކާޢިލްއަށް އިވުނެވެ. އޭނާ ނިކަން އަވަހަށް އެނބުރިލިއެވެ.

"އޭނާއަށް އެއްވެސް ކަމެއް ސިއްރުނުކުރޭ، ކުރަން އުޅޭ ކަންތައްތައް އޭނާއަށް ކިޔައިދީ... އޭނާގެ ގޮވާލުމަށް އެ ވަރަ ހަރަކާތްތެރި އެވަނީ... އޭގެ ފުރިހަމަ ބާރު ހޯދަން އެ މަސައްކަތް ކުރަނީ، އޭނާގެ ގާތުން ހުއްދައަށް އެދޭ... ބަލިވެ އިނީތޯ ބަލަން ކަލޭމެން ބޭނުންވާކަން ބުނޭ، އެހެންނޫނީ އެ ހަށިގަނޑާ ގާތްވިޔަކަ ނުދޭނެ، އީޝަލްގެ ގޮވާލުމަށް އެ އިޖާބަދެނީ" ލުގަލްބަންދާ ބުންޏެވެ.

"މިހާ އަވަހަށް ކަލޭގެ މަންމަގެ މައްޗަށް ބާރު ފޯރުވަނީތަ؟ އަހަރެންގެ ކިބައިން އޭނާ ރައްކާތެރިކުރަންތަ؟" އީޝަލްއަށް ބަލަން އިން ލުގަލްބަންދާ އޭނާގެ އަމިއްލަ ނަފްސާ ވާހަކަދެއްކިއެވެ. އެވަގުތު އެ ކޮޓަރިއަށް ވަނުން އޭނާއަށް މަނާކުރަނީ ޚުދު އީޝަލްއެވެ. އޭނާގެ ގާތަށް އަންނަން ބޭނުންވެ ނާދެވިފައި ލުގަލްބަންދާ އިނީ ކިޔަމަންވާން ޖެހޭތީއެވެ.

ބަހީރާއާއި ރިބްތާއާ ދެ މީހުން ވެގެން އީޝަލްގެ ގަޔަށް ލޮނު އެޅިއެވެ. އެ ލޮނުގެ ތެރޭ އީޝަލްގެ ވަރައިން ދަޅައަޅާލިއެވެ. ފުރިހަމަވާން ކައިރިވެފައިވާ ވަރައަށް އެންމެންގެ ނަޒަރު ހުއްޓިފައި ވިއެވެ. ލިބެމުންދިޔަ ވޭން ކުޑަވި ނަމަވެސް މުޅިން ކަނޑައިގެން ނުދިޔައެވެ. ހެދުން ބަދަލުކުރުވައިގެން އޭނާ ގޮވައިގެން މީކާޢިލްގެ ކޮޓަރިއަށް ބަހީރާއާއި ރިބްތާ އައެވެ. އެތަނުގައި ޒިޔަޒެލްއާއި މީކާޢިލް އިނެވެ. މީކާޢިލްގެ އެނދުގައި އީޝަލް ބޭންދުމަށްފަހު އޭނާގެ ދެ ފަރާތުގައި މީކާޢިލްއާއި ބަހީރާ އިށީނެވެ. ވެގެންއުޅޭ ގޮތުގެ ވާހަކަ ފެށީ ޒިޔަޒެލްއެވެ. ރިބްތާއަށް ފެނުނު ކަންކަމާ ބެހޭ ގޮތުން އޭނާ ވާހަކަދެއްކިއެވެ. ރައުލްގެ ދަރިއަކަށް ބަލިވެއިންކަން އެނގުމުން އީޝަލްގެ ނޭވާ ވެސް ހުއްޓުނު ކަހަލައެވެ. ހިތުގެ އަޑިން ރައުލްއަށް ގޮވާލެވުނެވެ. އޭނާ އައުމަށް އެދެވުނެވެ. ނަމަވެސް ދެން އިވުނީ އީޝަލްގެ ހިތްކުދިކުދިވެގެންދިޔަ ޚަބަރެކެވެ. އީޝަލްގެ ވަރަ ފުރިހަމަވެއްޖެނަމަ ދަރިފުޅު އުފަންނުވާނެކަމެވެ. އެ ވަރަ ފުރިހަމަވުމަށް އޭގެ ކާނާގެ ޒަރިއްޔާއަކަށްވީ އީޝަލްގެ ހަށިގަނޑުގައި އަށަގަތް އެ ތުއްތު ފުރާނައެވެ. ކަންބޮޑުވުމާއި ހާސްކަމުގެ ތެރޭ އީޝަލްއަށް ތެޅިގަނެވުނެވެ. ރައުލްއާ ބައްދަލުވުމުގެ ކުރީން އެ ދެމެދުގައިވީ ހުރިހާ ނިޝާނެއް ފުހެވިގެންދިއުން އެއީ އިންސާފެއްކަމުގައި އީޝަލްއަށް ޤަބޫލެއްނުކުރެވުނެވެ.

"ނޫން... ނޫން... މި ވަރަ ބުރިކޮށްލާ.... ބައްޕާ، އަޅުގަނޑުގެ ދެ ވަރަ ބުރިކޮށްލާ، މިދަރިފުޅު ބޭނުން... ނޫން... ނޫން... އަބަދަށްޓަކައި ރައުލްއާ ވަކިވާކަށް ނޭދެން، މީ އޭނާ ދަރިއެއް... މީ ރައުލްގެ ދަރިއެއް... އަވަސްކުރޭ... ދެ ވަރަ ބުރިކޮށްލާ... އަހަރެންގެ ހަށިގަނޑާ އެ ދުރަށްލާ" އީޝަލް ފުންމައިގެން ތެދުވެ ދެ ވަރަ ހުޅުވާލަން އުޅުނެވެ. ނަމަވެސް އެކަމެއްނުވިއެވެ. މޮޔައެއްހެން އޭނާ އެނބުރެން ފެށިއެވެ. ދެ ވަރަ ފާޅުނުވާތީއެވެ.

"ކާފަ ގާތު ބުނޭ... މާމާ... އަވަހަށް ކާފަ ގެނޭ... ކާފައަށް އެނގޭނެ އަޅުގަނޑުގެ ވަރަ ފެންނާނީ ކިހިނެއްކަން، ކާފައަށް ގޮވާލަބަލަ... ރައުލްގެ ދަރިފުޅު ސަލާމަތްކުރަން ޖެހޭނެ" އީޝަލްއަށް ރަނގަޅަށް ރޮވިއްޖެއެވެ. ރިބްތާ ފިނިނޭވާއެއް ދޫކޮށްލުމާއެކު ޒިޔަޒެލްއަށް ބަލާލިއެވެ.

"އަހަރެމެންގެ ތެރެއިންވާ ފަދަ ކުއްޖެއްނޫން އެއީ، އެ ދެމައިންނަކީ ވެސް އަހަރެމެންގެ ވިސްނުމުން ބޭރުގައިވާ ދެމައިން، ކަންތައްކުރާނޭ ގޮތެއް އަހަރެންނަކަށް ނޭނގޭ، ކުއްޖާ ނުފެނުން މީ އަހަރެން ވެސް ދުށް ފުރަތަމަ ފަހަރު، ބައެއްފަހަރު ހީވޭ މީ ބަނޑުގައިވާ ކުއްޖާފުޅު ކުރާ ކަމެކޭ، ވީ ކިހާ ދުވަހެއްކަމެއް ބުނާކަށް ނޭނގޭ... އެކައްޗެއް ނޭނގޭ... އެހެންވިޔަސް އޭނާ އޭނީ ބަލިވެ، އަހަރެމެންގެ ތެރެއިން މާބަނޑު އަންހެނަކާމެދު ކަންތައްކުރާ ގޮތަށް އޭނާއާ މެދު ކަންތަކެއް ނުކުރެވޭނެ" ޒިޔަޒެލް ގާތު ރިބްތާ ބުންޏެވެ.

"އީޝަލް... ބަލަ އީޝަލް... ދަރިފުޅާ!... ހަމަޖެހިބަލަ... އޭތް! އީޝަލް... ބައްޕަގެ އަޑު އަހާބަލަ" އީޝަލްގެ ދެއަތުގައި ހިފަހައްޓައި އޭނާ ހަމަޖެއްސޭތޯ މީކާޢިލް އުޅުނެވެ. އޭރު އޭނާގެ ދެ ލޮލުގެ ތެރޭ ހިފެހެއްޓިފައި ކަރުނަވިއެވެ. ހިތްފަޅައިގެން ދާއިރު ވެސް އެ ދެލޮލުން އެންމެ ކަރުނަ ތިއްކެއް ވެއްޓުމުގެ އިޒުނަ ވެސް އޭނާ ދޭން ނޭދެއެވެ. ދަރިފުޅަށް ޓަކައެވެ. އޭނާ ރޮއި ހިތާމަކުރާނަމަ އީޝަލްއަށް ވާނޭގޮތް އެނގޭތީއެވެ. އެ ދަރިފުޅުގެ ހުރިހާ އުންމީދެއް ކަނިވުމަށް ނޭދޭތީއެވެ.

(ނުނިމޭ)