ކުޅިވަރު

މާނޭގެ ލަނޑުތަކުން ސެނެގާލް ދެވަނަ ބުރަށް

ލިވަޕޫލްގެ ފޯވަޑް ސެޑިއޯ މާނޭ ޖެހި ދެ ލަނޑާއެކު، ކެންޔާގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، އެފްރިކަން ކަޕް އޮފް ނޭޝަންގެ ދެ ވަނަ ބުރަށް ސެނެގާލް ދަތުރު ކޮށްފި އެވެ.

ފުރަތަމަ ހާފުގައި، ޕެނަލްޓީއެއް ވެސް ލިބިފައި ވެއެވެ. ނަމަވެސް މާނޭ ފޮނުވާލި ޕެނަލްޓީ ކެންޔާގެ ކީޕަރު ޕެޓްރިކް މަޓްސީ ދިފާއު ކުރީ އެވެ. ސެނެގާލްގެ ފުރަތަމަ ލަނޑު 63 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އިސްމާއީލާ ސާ އެވެ. އޭނާ ގޯލް ކާމިޔާބު ކުރީ، ފޮނުވާލި ބޯޅަ ގޯލްތެރެއަށް އޮއްސާލައިގެންނެވެ.

ސެނެގާލްގެ ދެ ވަނަ ލަނޑު މާނޭ ކާމިޔާބު ކުރީ، 71 ވަނަ މިނެޓްގައި، ލަމީން ގެސަމާ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. އޭގެ ފަހުން ކެންޔާގެ ފިލެމެން އޮޓިއޭނޯ، އެ ޓީމުގެ ޕެނަލްޓީ އޭރިއާގެ ތެރެއިން، ސާއަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ މާނޭ ކާމިޔާބު ކުރި އެވެ. ކުރި ޓެކްލާއެކު އޮޓިއޭނޯއަށް ރަތް ކާޑު ދެއްކި އެވެ.

ދެ ވަނަ ބުރުގައި، ސެނެގާލް ވާދަ ކުރާނީ ޔޫގެންޑާ އާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ ހުކުރު ދުވަހުގެ ރޭ ގަ އެވެ. ކެންޔާއަށް ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. އެއީ ގުރޫޕް ތަކުގެ ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ. އެކަން އެނގޭނީ ގުރޫޕް ސުޓޭޖުގެ ފަހު މެޗުތަކަށް ފަހު އެވެ.